ކ. މާލެ
|
29 ސެޕްޓެންބަރ 2017 | ހުކުރު 09:34
ޢާޝޫރާ
ޢާޝޫރާ
ގޫގުލް
އިސްލާމްދީން
ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަން
 
ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާމެދު އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "އެއީ، އިސްވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނޭ ކަމެކެވެ."

އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިދަނީ، 1439 ވަނަ އަހަރުގެ މުޙައްރަމް މަހުގެ ދުވަސްތަކެވެ. މުޙައްރަމް މަހަކީ، މާތް ﷲ މާތް ކުރެއްވި މައްސަރުތަކުގެ ތެރެއިން އެއް މައްސަރެވެ. އަލްއަޝްހުރުލްޙުރުމުގެ އެންމެ ފުރަތަމަ މަހެވެ. އަލްއަޝްހުރުލްޙުރުމުގެ އަނެއް ތިން މަހަކީ، ރަޖަބު މަހާއި، ޛުލްޤަޢިދާ މަހާއި، ޛުލްޙިއްޖާ މަހެވެ. މުޙައްރަމް މަހަށް ކީރިތި ރަސޫލާ "މާތް ﷲ ގެ މައްސަރު" ގެ ނަމުން ނަންދެއްވާފައި ވުމުން ވެސް، މިމަހުގެ މާތްކަން އެނގެއެވެ. ފަހެ، އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ރިވާ ކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "ރަމަޟާން މަހުގެ ރޯދައަށް ފަހު، އެންމެ އިތުރުކަން ބޮޑު ރޯދައަކީ، މާތް ﷲ ގެ މައްސަރު ކަމުގައިވާ މުޙައްރަމް މަހުގެ ރޯދަ އެވެ."

މާތް ﷲ މާތް ކުރެއްވި މި ހަތަރު މައްސަރަކީ، އެ މައްސަރުތަކުގެ ތެރޭގައި ހަނގުރާމަ ކުރުން މަނާ ކުރައްވާފައިވާ ހަތަރު މައްސަރެވެ. އަދި އެ މައްސަރުތަކުގެ ތެރޭގައި ތިމާމެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރި ވުމުން (އެބަހީ: ފާފަ ކުރުމުން) ވަރަށް ޚާއްޞަގޮތެއްގައި ދުރުހެލިވުމަށް އަންގަވާފައިވާ ހަތަރު މައްސަރެވެ.

މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގެ އާދެ، ޢާޝޫރާ ދުވަހުގެ ރޯދައަކީ، ސުންނަތް ރޯދައެކެވެ. ވަރަށް މާތް އަޅުކަމެކެވެ. އަލްއިމާމުލް ބުޚާރީ ރިވާކުރެއްވިއެވެ. އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. "ކައު އިތުރު ނަބިއްޔާ މަދީނާއަށް ވަޑައިގަތްއިރު، ޔަހޫދީން ޢާޝޫރާ ދުވަހު ރޯދަ ހިފާތަން އެކަލޭގެފާނު ދެކިވަޑައިގެން، އެއީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެބައިމީހުން ދެންނެވޫއެވެ. މިއީ މާތް ދުވަހެކެވެ. މިއީ، މާތް ﷲ ބަނޫއިސްރާއީލުގެ މީހުން، އެބައިމީހުންގެ ޢަދުއްވުންގެ ކިބައިން ސަލާމަތް ކުރެއްވި ދުވަހެވެ. އެހެންކަމުން، މޫސާގެފާނު ވަނީ އެދުވަހުގެ ރޯދަ ހިއްޕަވާފައެވެ. ދެންފަހެ، ކައު އިތުރު ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ. "ތިޔަބައިމީހުންނަށްވުރެ މޫސާގެފާނަށް ޙައްޤުކަން ބޮޑީ، ތިމަންކަލޭގެފާނެވެ." މިހެން ޙަދީޘް ކުރައްވައި، އިތުރު އެކަލޭގެފާނު އެދުވަހުގެ ރޯދަ ހިއްޕެވިއެވެ. އަދި އެދުވަހުގެ ރޯދަ ހިފުމަށް އަމުރު ކުރެއްވިއެވެ.

ޢާޝޫރާ ދުވަހުގެ ރޯދައިގެ މާތްކަމާމެދު އަލްއިމާމު މުސްލިމް ރިވާކުރެއްވި ޙަދީޘެއްގެ މާނައިގައި ވެއެވެ. "އެއީ، އިސްވެ ދިޔަ އަހަރުގެ ފާފަތައް ފުއްސަވައި ދެއްވާނޭ ކަމެކެވެ."

މުޙައްރަމް މަހުގެ ނުވަވަނަ ދުވަހުގެ ރޯދައަކީ ވެސް، ސުންނަތް ރޯދައެކެވެ. އެއީ ތާސޫޢާ ދުވަހުގެ ރޯދައެވެ. އަލްއިމާމުއްޝާފިޢީ ވިދާޅުވިއެވެ. "މުޙައްރަމް މަހުގެ ނުވަވަނަ ދުވަހާއި ދިހަވަނަ ދުވަހާއި ދެދުވަހުގެ ވެސް ރޯދަ ހިފުމީ ސުންނަތެކެވެ. އެހެނީ، ކައު އިތުރު ނަބިއްޔާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގެ ރޯދަ ހިއްޕެވިއެވެ. އަދި ނުވަވަނަ ދުވަހުގެ ރޯދަ ހިއްޕެވުމަށް ޤަޞްދު ކުރެއްވިއެވެ."

އަލްއިމާމުއްޝާފިޢީ މިހެން އެވިދާޅުވީ، ކައު އިތުރު ރަސޫލާ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހުގެ ރޯދަ ހިއްޕެވުމަށް ފަހު، ދެން އަންނަ އަހަރު ތިމަންކަލޭގެފާނު ދުނިޔޭގައި ހުންނެވިނަމަ، ނުވަވަނަ ދުވަހުގެ ރޯދަވެސް ހިއްޕަވާހުށީމޭ ޙަދީޘް ކުރައްވާފައިވާތީއެވެ. އެހެން ނަމަވެސް، ޖެހިގެން އައި އަހަރު އައުމުގެ ކުރިން، އިތުރު އެކަލޭގެފާނު ސުވަރުގެ ވަޑައިގެންފިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
50%
50%
0%
0%
0%
ކޮމެންޓް