ކ. މާލެ
|
16 ސެޕްޓެންބަރ 2017 | ހޮނިހިރު 09:58
ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ޡާނީ
ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ޡާނީ
ގޫގުލް
ޤަތަރުގެ މައްސަލަ
މަޝްވަރާއަށް ޤަތަރު ތައްޔާރު: ޝައިޚް ތަމީމް
 
ގުޅުން ކަނޑާލި ޤައުމުތަކުން ވަނީ ޤަތަރާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ
 
ގަލްފުގެ ބައެއް އެހެން ޤައުމުތަކާއި ސައުދީގެ ނުފޫޒު ހިނގާ ޤައުމުތަކުންވެސް ވަނީ ގުޅުން ކަނޑާލާފަ
 
ގަލްފުގެ މައްސަލަ ހޫނުވީ ސައުދީ އިސްވެއޮވެ ޤަތަރާއި ގުޅުން ކަނޑާލުމުން

އަވަށްޓެރި ޤައުމުތަކާއި ދެމެދު އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް، މަޝްވަރާގެ މޭޒަށް ދިއުމަށް ޤަތަރު އޮތީ ތައްޔާރަށް ކަމަށް ޤަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދް އަލް ޡާނީ ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ޗާންސެލަރ، އެންގެލާ މަރކެލް އާއި ބައްދަލުކުރެއްވުމަށްފަހު، ހުކުރު ދުވަހުގެރޭ ބަރލިންގައި މީޑިއާއާއި ބައްދަލުކުރައްވާ ޝައިޚް ތަމީމް ވިދާޅުވީ، ގަލްފުގެ މައްސަލަތައް ޙައްލުކުރުމަށް ޤަތަރުން ބޭނުންވާ ކަމަށާ، އެކަމާ މަޝްވަރާކުރުމަށް ޤަތަރުން ތައްޔާރަށް އޮތްކަމުގެ ޔަޤީންކަން ޗާންސެލަރ މަރކެލްއަށް އަރުވާފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ޓެރަރިޒަމަކީ ކޮބައިކަމާއިމެދު އަރަބި ބައެއް ޤައުމުތަކާއި ޤަތަރާއި ހިޔާލުތަފާތުވާކަން ޤަބޫލުކުރައްވާ ކަމަށާ، ޤަތަރުން ބޭނުންވަނީ ހުރިހާ ފަރާތްތަކަކަށްވެސް އެއްބަސްވެވޭ ޙައްލެއް ކަމަށެވެ.

ނޫސްވެރިންނާއި މުހާތަބު ކުރައްވާ ޗާންސެލަރ މަރކެލް ވިދާޅުވީ، ގަލްފުގެ މައްސަލައިގައި ޖަރުމަނުން ވަކި ފަރާތަކަށް ނުޖެހޭނެ ކަމަށާ، ޤަތަރެކޭ އެއްފަދައިން ސައުދީއާއި އެކުވެރި އަރަބި އިމާރާތާއިއެކުވެސް ޖަރުމަނުން މި މައްސަލައިގައި މަޝްވަރާ ކުރަމުންދާ ކަމަށެވެ.

މަރކެލް އިތުރަށް ވިދާޅުވީ، ގަލްފުގެ މައްސަލަ ޙައްލުކުރުމަށް ކުވެއިތާއި އެމެރިކާއިން ކުރަމުންދާ މަސައްކަތް ޖަރުމަނުން ބަލައިގަންނަ ކަމަށާ، އެ މަސައްކަތަށް ފުރިހަމައަށް ތާޢީދުވެސް ކުރާ ކަމަށެވެ.

ޤަތަރުން ޓެރަރިޒަމަށް ފަންޑުކުރާ ކަމަށް ތުޙުމަތުކޮށް ސައުދީ އިސްވެސްއޮވެ، ގަލްފުގެ ބައެއް ޤައުމުތަކާއި، ސައުދީގެ ނުފޫޒު ހިނގާ ބައެއް ޤައުމުތަކުން ޤަތަރާއި ގުޅުން ކަނޑާލާފައިވަނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ.

އޭގެ ފަހުން ބައެއް އެހެން ޤައުމުތަކުންވެސް ޤަތަރާއި ގުޅުން ކަނޑާލާފައިވާއިރު، ޤަތަރާއި ގުޅުން ކަނޑާލި ޤައުމުތަކުން ވަނީ އެ ޤައުމާއި ދެކޮޅަށް އެކި ކަހަލަ ފިޔަވަޅުތައް އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް