ކ. މާލެ
|
8 ސެޕްޓެންބަރ 2017 | ހުކުރު 11:07
ދެ ބޭފުޅުންނާވެސް ސެނޭޓްގައިވަނީ ސުވާލުކޮށްފައި
ދެ ބޭފުޅުންނާވެސް ސެނޭޓްގައިވަނީ ސުވާލުކޮށްފައި
ރޮއިޓަރސް
ފިލިޕީންސް ޑްރަގް ވިޔަފާރި
ރައީސް ޑުޓާޓެގެ ދަރިފުޅާ ދަނބި ދަރިފުޅު މަސްތުވާތަކެތީގެ ތުހުމަތު ދޮގުކޮށްފި
 
އެތެރެ ކުރިކަމަށް ތުހުމަތުކުރެވޭ މަސްތުވާ ތަކެތީގެ އަގު 125.4 މިލިއަން ޑޮލަރަށް އަރާ

މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތު ކުރެވިފައިވާ ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓެގެ ފިރިހެން ދަރިފުޅު އެކަން ދޮގުކޮށްފިއެވެ.

ޗައިނާއިން ފިލިޕީންސަށް މަސްތުވާތަކެތި ފޮނުވި ކަމަށް ތުހުމަތުކޮށް ސެނޭޓްގެ ތަހުގީގު ޓީމުން ހިންގާ ތަހުގީގުގައި ޕައޮލޯ ޑުޓާޓެ ބުނެފައިވަނީ އެއީ"އަސާސެއް ނެތް ވާހަކަތަކެއް"ކަމަށެވެ.

ރައީސް ޑުޓާޓެެގެ ދަނބި ދަރިކަލުންވެސްވަނީ އޭނާ އެކަމުގައި ބައިވެރިވިކަމަށް ބުނާ ބުނުން ދޮގުކޮށް އެ ތުހުމަތު ތަކީ "ފަތުރާ ދޮގު ވާހަކަތަކެއް"ކަމަށް ބުނެފައެވެ.

މިދިޔަ އަހަރު ވެރިކަމަށް ވަޑައިގެންނެވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައީސް ޑުޓާޓެ ވަނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހަރުކަށި ކެމްޕެއިނެއް ފައްޓަވާފައެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފެއްޓެވި ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރާލާފައިވާއިރު ޑުޓާޓެ ވަނީ އާއިލާގެ އެއްވެސް މެމްބަރަކު އެ ވިޔަފާރީގައި ބައިވެރިވާނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފައެވެ.

ޕައޮލޯ ޑުޓާޓެ އާއި ރައީސް ޑުޓާޓެގެ ދަރިކަނބަލުން ސޭރާއާ ކައިވެނި ބައްލަވައިގެން އުޅުއްވާ މެނަސެސް ކާޕިއޯގެ މައްޗަށް ތުހުމަތު ކުރެވެނީ ޗައިނާއިން އެ ގައުމަށް 125.4 މިލިއަން ޑޮލަރުގެ ކްރިސްޓަލް މެތަމްފީޓަމައިން އެތެރެކުރުމަށް އެހީތެރިވެ ދީ އިންތިޒާމްތައް ހަމަޖައްސައިދިން ކަމުގެ ތުހުމަތެވެ.

ރައީސް ޑުޓާޓެއަށް އިންތިހާއަށް ފާޑުވިދާޅުވާ ސެނޭޓްގެ މެމްބަރަކު ޕެނަލްގައި ވިދާޅުވީ ޕައޮލޯ ޑުޓާޓެގެ ބުރަކަށީގައި އޭނާއަކީ މަސްތުވާތަކެތީގެ ގޭންގަކަށް ނިސްބަތްވާ މީހެއްކަން ސާބިތުކޮށްދޭ ޓެޓޫއެއް ޖަހާފައިވާކަމަށެވެ.

ޑާވޯ ސިޓީގެ މޭޔަރުގެ ނައިބް ކަމުގައިވެސް ހުންނެވި ޕައޮލޯ ޑުޓާޓެ ވިދާޅުވީ "ބުނި ބުންޏަށް ކުރާ ތުހުމަތަކަށް" ދޭނެ ޖާވާބެއް ނޯންނާެނެކަމަށެވެ.

ކާޕިއޯ ބުނީ "ގަވައިދާ ޚިލާފް ޑްރަގް ޝިޕްމެންޓެއްގެ މައުލޫމާތު އޭނާއަށް ނޭނގޭ ކަމަށާއި އެކަމުގައި އޭނާ ބައިވެރިނުވާކަމަށެވެ."

ޕިލިޕީންސްގެ ރައީސްކަމަށް 2016 ވަނަ އަހަަރުގެ ޖޫން މަހު ވަޑައިގެންނެވި ޑުޓާޓެއަކީ މަސްތުވާތަކެއްޗާ ދެކޮޅަށް އެ ގައުމުގައި ހިންގާ އަނިޔާވެރި ހަނގުރާމައާއެކުވެސް ގައުމުގެ ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ.

ފުުލުހުންގެ ތަފާސްހިސާބުތައް ބުނާ ގޮތުުން ޑުޓާޓެ ވެރިކަމަށް ވަޑައިގެންނެވީއްސުރެ މިހާތަނަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި 3،800 މީހަކު ވަނީ މަރާފައެވެ. މީގެ އިތުރުން ތަފްސީލް ނުލިބޭ އެތައް ހާސް މަރެއްވެސް މި ހަނގުރާމައިގެ ތެރޭގައި ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
100%
0%
ކޮމެންޓް