ކ. މާލެ
|
22 ޑިސެންބަރ 2023 | ހުކުރު 14:38
އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެ ކުންފުނިން ކުރިއަށްގެންދިޔަ މަޝްރޫއެއް ބައްލަވާލައްވަނީ
އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް އެ ކުންފުނިން ކުރިއަށްގެންދިޔަ މަޝްރޫއެއް ބައްލަވާލައްވަނީ
އެމްޓީސީސީ
ފުށިދިއްގަރުފަޅު ހިއްކުން
ފުށިދިއްގަރު ހިއްކުމުގެ ގާބިލުކަން އެމްޓީސީސީގައި ހުންނާނެ، ބޭނުން ކުރަނީވެސް އެމްޓީސީސީން ގެނެސްފައި އޮތް ޑްރެޖަރެއް - އާޒިމް
 
ފުށިދިއްގަރުފަޅު ހިއްކޭނެ ކެޕޭސިޓީ އަދި މުވައްޒަފުން އެބަތިބި
 
ގައުމަށް ފައިދާއެއް ކުރަން ބޭނުން ނަމަ އެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީސް
 
ފުށިދިއްގަރުފަޅު ހިއްކަން ހަވާލުކުރި ކުންފުނީގެ ޑްރެޖަރު އެމްޓީސީސީން މިހާރުވެސް ދަނީ ބޭނުންކުރަމުން

ބޭރުގެ ކުންފުންޏަކަށް ނުދީވެސް ފުށިދިއްގަރު ފަޅު ހިއްކޭނެ ކަމަށާއި، އެމްޓީސީސީގައި އެ ކެޕޭސިޓީ ހުރި އިރު، އެ ފަޅު ހިއްކަން ބޭނުންކުރަނީ ވެސް އެމްޓީސީސީން ގެނެސްގެން މިހާރުވެސް ރާއްޖޭގެ ބިން ހިއްކާ ޑްރެޖަރެއް ކަމަށް އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ބިޑިންގއަށް ހުޅުވާނުލާ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ފުށިދިއްގަރު ފަޅު ހިއްކަން ހަވާލުކޮށްފައިވާއިރު، އާބަންކޯއިން ވަނީ ބޭރުގެ ކުންފުންޏަކާއި އެ މަސައްކަތް ހަވާލުކުރީ އެމްޓީސީސީއަށް އެކަން ނުކުރެވޭނެތީ ކަމަށް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެފައިވެއެވެ.

ނަމަވެސް އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލްގެ މި ވާހަކަތަކައި ގުޅިގެން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ބިންހިއްކުމާއި، ބަނދަރުހެދުމާއި، ޝޯ ޕްރޮޓެކްޝަން މަސައްކަތަށް އެމްޓީސީސީއަށްވުރެ ވަކި ގާބިލް ކުންފުންޏެއް މިއަދުވެސް ނުގެނެވޭނެ ކަމަށެވެ. އަދި މިހާރު އެމްޓީސީސީގެ ކެޕޭސިޓީގައި އެކަހަލަ މަސައްކަތް ކުރުމަށް ގާބިލު ކުންފުންޏެއް ބޭރުންވެސް ނުގެނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ފުށިދިއްގަރު ފަޅުގެ މަސައްކަތް، އެމްޓީސީސީގެ ސްކިލް ބޭނުންކޮށްގެން މިހާރުވެސް ކުރަމުންދާ ކަމަށާއި، އެމްޓީސީސީގެ މުވައްޒަފުން މިހާރުވެސް އެތާގައި ބަންޑް ވޯލް ޖެހުމާއި ހުރިހާ ކަމެއް ކުރަމުންދާ ކަމަށެވެ. އަދި އެމްޓީސީސީގެ މުވައްޒަފުން އެތަނުގައި ހޮޅިބައި އަޅާފައިވާ އިރު، އެމްޓީސީސީން ގެނެސްފައި އޮތް ޑްރެޖަރެއް ސަބްލީސްކޮށްގެން އެ މަސައްކަތް އާބަންކޯއިން ބިން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފުށި ދިއްގަރު ފަޅު ހިއްކުމަށް ހަވާލުކުރި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) ގެ ޑްރެޖަރު އެތަނުގެ ބިން ހިއްކަން ބޭނުންކުރަމުން އަންނަ އިރު، އެ ޑްރެޖަރަކީ އެމްޓީސީސީގެ މަސައްކަތްތައް ކުރުމަށް ކުރީ ސަރުކާރުގައި ގެނެސްފައިވާ ޑްރެޖަރެކެވެ. އެ ޑްރެޖަރު ބޭނުންކޮށްގެން ބިންހިއްކުމުގެ ބައިވަރު ޕްރޮޖެކްޓް އެމްޓީސީސީން ކޮށްފައިވެއެވެ.

އާޒިމް ވިދާޅުވީ މަސައްކަތެއް ކުރަންބޭނުންވީމަ އަބަދުވެސް އެކަމަށް ބޭނުންވާ ޑްރެޖަރެއް ގެނެސްގެން އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި މަސައްކަތް ކުރެވޭނީ އެތަނެއްގައި ތިބޭ މުވައްޒަފުންގެ ސްކިލްސްއާއި އެކްސްޕަޓީސް ހުރެގެން ކަމަށާއި، މިހާރުވެސް ފުށިދިއްގަރު ފަޅު ހިއްކަން ބޭނުންކުރަނީ އެމްޓީސީސީގެ މުވައްޒަފުން ކަމަށެވެ.

އާޒިމް ވިދާޅުވީ މައުލޫމާތުލިބޭ ގޮތުގައި އެ މަސައްކަތް ކުރަނީ ކުންފުންޏަކާ ހަވާލުކޮށްގެން ނޫންކަމަށާއި މިހާރުވެސް މަސައްކަތް ކުރަނީ އެމްޓީސީސީއިން ގެނެސްފައި އޮތް ޑްރެޖަރެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެއީ ލަންކާގެ މީހެއްގެ ޑްރެޖަރެއް ކަމަށާއި އެކަންކުރުވާ މީހާއަކީ ބްރޯކަރެއް ކަމަށެވެ. އެމްޓީސީސީއަކީ ބޮޑު ކުންފުންޏެއްކަން ފާހަގަކުރައްވާ އާޒިމް ވިދާޅުވީ އެމްޓީސީސީއިން ސަބް ކޮންޓްރެކްޓްކޮަށްގެން އާބަންކޯއިން ކޮންޓްރެކްޓް ނަގައިގެން އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ބޭރުގެ ބަޔަކަށް އެފަދަ ކޮންޓްރެކްޓެއް ދިނުމުން ރާއްޖޭގައި ހިފެހެއްޓޭނެ ބޭރު ފައިސާތަކެއް ރާއްޖެއިން ބޭރުވެގެންދާނެ ކަމަށެވެ. އަދި ފުށިދިއްގަރު ފަޅު ހިއްކާނަމަ އެކަން އެމްޓީސީސީއާއި ހަވާލުކުރުމަށް ދެންނެވި ކަމަށާއި، ފުށިދިއްގަރުފަޅަކީ ހިއްކަން ޖެހޭތަނެއްވެސް ނޫން ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ އެވަރުގެ ބޮޑު ތަނެއް ހިއްކާނަމަ ގައުމަށް އެންމެ ފައިދާވާނީ އެމްޓީސީއާއި އެތަން ހަވާލުކޮށްގެން ހިއްކާނަމަ ކަމަށެވެ.

އާޒިމް ވިދާޅުވީ އެތަން ހަދަނީ އާޓްދައްކާލަންވެގެން ކަމަށާއި، އެމްޓީސީއަށް ނުހިއްކުނު ބިމެއް ހިއްކޭނެ ބަޔަކު ދެން ނުތިބޭނެ ކަމަށެވެ. އަދި އެމްޓީސީސީގައި އެ ގާބިލްކަން އެބަހުރި ކަމަށާއި، ބޭނުންވާނީ މުވައްޒަފުންގެ ހުނަރާއި ގާބިލްކަން އަދި ކިޔަވައިގެން ތިބި މޮޅު މުވައްޒަފުން ކަމަށެވެ. އަދި އެމްޓީސީސީގައި އެ ފެންވަރު ހުންނާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ފުށިދިއްގަރު ފަޅު ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފިނަމަ 40 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެކަމަށް، އާޒިމް މީގެ ކުރިން ވިދާޅުވެފައިވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
100%
0%
0%
0%
0%
ކޮމެންޓް