ކ. މާލެ
|
6 ޑިސެންބަރ 2023 | ބުދަ 18:56
ހިޔާ ފްލެޓްތައް
ހިޔާ ފްލެޓްތައް
އަމްނާ އިމާދު
ހިޔާ ފްލެޓުތަކުގެ ކުލި ކުޑަކުރުން
ހިޔާ ފްލެޓުތަކުގެ ކުލިން އެއްލައްކަ މައާފުކޮށްފި
 
އެއްލައްކަ ރުފިޔާ މައާފުކުރިނަމަވެސް ކުންފުންޏަށް މާލީ ބުރައެެއް ނެތް
 
މި ލުޔާއެކު، ކުރިން ޖުމްލަ ކުލި ދައްކަންޖެހޭ މުއްދަތު 27 އަހަރުން 26 އަހަރާއި ތިން މަހަށް ކުރުވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދެވުމަށްޓަކައި، އިތުރު އެއްލައްކަ ރުފިޔާ ހިޔާ ފްލެޓްތަކުގެ ކުލިން މައާފުކޮދެއްވާފައި ވާކަމަށް، އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ހަވީރު އާބަންކޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަޒުލް ވިދާޅުވީ ރަައީސް ވަޒީރުންގެ މަޖިލީހުގެ ނިންމެވުމާއެކު ގާތްގަނޑަކަށް 200،000 ރުފިޔާގެ ޑިސްކައުންޓެއް ލިބޭނެކަމަށެވެ.

އެއީ މިހާރު ދައްކަމުން އަންނަ 5،300 ރުފިޔާއިން 3،984.21 ރުފިޔާއަށް ކުޑަކުރުމަށާއި، ބާކީ އެއްލައްކަ ރުފިޔާ ޖުމްލަ ކުލިން މައާފުކުރުމަށެވެ. އަދި ވިދާޅުވީ މި ލުޔާއެކު، ކުރިން ޖުމްލަ ކުލި ދައްކަން ޖެހޭ މުއްދަތު 27 އަހަރުން 26 އަހަރާއި ތިން މަހަށް ކުރުވާނެ ކަމަށެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އިއްޔެ ނިންމެވުމުގަ ހިޔާގެ ރައްޔިތުންނަށް، ގާތްގަނޑަކަށް ދަންނަވާ ކަމަށްވަންޏާ ދެ ލައްކައެއްހާ ރުފިޔާގެ ޑިސްކައުންޓެއް ލިބިގެންދިޔައީ. އެ ލިބިގެންދިޔައީ ފިނިޝިންގގެ މަސައްކަތަށް، ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް އެކަންކުރެއްވުމުގެ މާތް މަގުސަދުގަ. މާތް ނިޔަތުގަ. ބައެއް ދިމަދިމާލުގަ އެބައުޅޭ މައުލޫމާތުތައް އެކި ގޮތްގޮތަށް. ނަމަވެސް އިއްޔެގެ ނިންމެވުމާ ގުޅިގެން އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ހިޔާގެ ކޮންމެ ފްލެޓަކަށް 3984.21 ރުފިޔާ ކުރިއަށް އޮތް 7 އަހަރު ދުވަހަށް، އެއީ މިއަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކުލި ދައްކަން ފާސްވެގެން މި އައީ. ކުރިން 2.5 މިލިއަން ރުފިޔާއިން އަގުގެ ދެ ލައްކައެއްހާ ރުފިޔާ ޑިސްކައުންޓެއް ލިބިގެން މިއައީ. ދެން ތިބޭފުޅުންނަށް އެންމެ ބޮޑަށް ސުވާލު އުފެދޭ އެއް ކަމަކީ މިއަދަދު ހަމައެއްނުވެއޭ. އެހެންވީމަ އެ އެއްލައްކަ ރުފިޔާގެ ވާހަކައެއް އެބަ ދެކެވޭ. އެކި ދިމަދިމާލުގަ. އެ އެއްލަ ރުފިޔާއަކީ މިއަދުން ފެށިގެން މައާފުވެގެން އަންނަ އަދަދެއް. އެހެންވީމަ 7 އަހަރު ދުވަހަށް މި ބަހާލެވެނީ އޭގެ ވަކި އަދަދެއް.
އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު، އިބްރާހީމް ފަޒުލް ރަޝީދު

މީގެ އިތުރުން ފަޒުލް ވިދާޅުވީ، އެއްލައްކަ ރުފިޔާ މައާފުކުރިނަމަވެސް ކުންފުންޏަށް މާލީ ބުރައެެއް ނެތްކަމަށެވެ. އަދި ކުރިއަށް ހުރި ކަންކަން ސަރުކާރާއި ކުންފުނި ގުޅިގެން މަސައްކަތްކޮށް، ހަމަޖައްސާނެ ކަމަށެވެ.

އެއްލައްކަ ރުފިޔާ މައާފުކޮށްފައި މިވަނީ ގިނަ ބައެއްގެ ފާޑުކިޔުން ރައީސް މުއިއްޒަށް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެއީ އަންގާރަ ދުވަހު ދެލައްކަ ރުފިޔާ މައާފުކުރިނަމަވެސް، ދެ ލައްކަ ރުފިޔާއިން 7 އަހަރު ތެރޭގައި އެ ލިބޭ ޑިސްކައުންޓާއެކު 89،473.64 މަދުވުމާ ގުޅިގެންނެވެ.

ހިޔާ ފްލެޓުތަކުން 7 އަހަރު ދުވަހަށް މިހާރު ދައްކަމުން އަންނަ 5،300 ރުފިޔާގެ ރޭޓުން ޖެހެނީ ޖުމްލަ 445،200 ރުފިޔާއެވެ. މިހާރު ކުލި ކުޑަކުރި 3،984.21 ރުފިޔާގެ ރޭޓުން ޖެހެނީ 334،673 ރުފިޔާއެވެ. އެހެންކަމުން ކުރިން 7 އަހަރުން ދައްކަން އޮތް ކުލިން 110،526 ރުފިޔާ މައާފުވީއެވެ. ބުދަ ދުވަހު މައާފުކުރި 100،000 ރުފިޔާއާއެކު، ޖުމްލަ 210،526 ރުފިޔާއަށް ކުޑަވީއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް