ކ. މާލެ
|
19 ޖުލައި 2017 | ބުދަ 17:57
ޤައުމުގެ ކަންކަން ކުރިއަށްދާ ގޮތާއިމެދު ރައްޔިތުން ތިބީ ލަދުން
ޤައުމުގެ ކަންކަން ކުރިއަށްދާ ގޮތާއިމެދު ރައްޔިތުން ތިބީ ލަދުން
އިސްމާއިލް ނާއިލް ނަޝީދު
މަގޭ ރިޕޯޓް
މިވަރު ފެނުނުނަމަ ސަދޫމު ލަދުގަތީސް، ފިރުއައުނު ދަރިވަރުވާންވެސް އައީސް
 
ޝަރުޢީ ނިޒާމަށް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ
 
މިނިވަން މުއައްސަސާތަކުގެ މިނިވަން ކަމެއް ނެތް
 
ޤައުމުގެ ކަންކަން ކުރިއަށްދާ ގޮތާއިމެދު ރައްޔިތުން ތިބީ ލަދުން

ނާހަމަ ތެދެކެވެ. ހިންދު މާ ކަނޑު މެދުގައި، އަލި ރަންމުތްތަކެއްހެން މި އޮތް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ މިއޮތީ ދުނިޔެ ދަންނަ ތާރީހުގައިވެސް ބަޔަކު ނުދެކޭ ފަދަ ހާލަތެއްގައެވެ. މި ޤައުމެކޭ، ފައިސާފޮއްޗެއްގެ ދެފުށޭ ތަފާތެއް ނެތެވެ. އަނެއްކާ މި ބުނީކީ އަލަށް ނެރުނު މޮޅު ދެ ރުފިޔާގެ ފައިސާފޮތީގެ ވާހަކައެއް ނޫނެވެ. އެ ފައިސާފޮތި ކޮންމެވެސް އިއްޒުއެއް ވީ ވާހަކަ އަޑުއަހަމެވެ.

ދޭއްކޭތޯ މި އުޅެނީ މި ޤައުމުގެ މުއައްސަސާތަކުގެ ވާހަކައެވެ. ވަލިއްޔުލް އަމުރުގެ ވާހަކައެވެ. އަބުރުގެ ޤަނޫނޭ ކިޔައި ޖޫރިމަނާއެއް ކޮށްފާނެތީ ނަމެއް ނުކިޔާނަމެވެ. އެކަމަކު ސަލާމަތް ބުއްދިއެއް ހުރިއްޔާ ވިސްނޭ ވަރަށް ތިލަކޮށްދެވޭތޯ ބަލާނަމެވެ.

ނިޔާކަނޑައަޅާ ގޯތީގެ ވާހަކައިން ފަށަމާހެއްޔެވެ. އެ ގޯތީގެ މަސައްކަތް މިއަދު ވަނީ ނިކަން ލުއިވެފައެވެ. ނިޔާ ލިޔަނީވެސް ގަނޑުވަރުންނެވެ. ނިޔާ ހިފައިންގެ ނިޔާ ކަނޑައަޅާ ގޮނޑިކޮއްކޮ އާއި ހަމައަށް ދަނީ ބޮޑުވަޒީރު ގެންގުޅޭ ސޮރެކެވެ. ނިޔާގޯތީ ޕިޔޯނަށްވެސް ލުޔެވެ. އަނެއްކޮޅުން ނިޔާ ލިޔާކަށް ޤާނޫނުއާސާސީއަކަށް، ޤާނޫނަކަށް، އުސޫލަކަށް، އަސާސަކަށް، ބަލާކަށް ނުޖެހެއެވެ. އަދިވަކިން ހަމަބުއްދިއަށް ޤަބޫލުކުރެވޭ ޤަބޫލުކުރުމަކީ ނިޔާގޯތި މިހާރު ދަންނަ އެއްޗެއް ނޫނެވެ. ނިޔައެއް އިއްވައި މީހަކު ކުޑަގޮޅިއަށްލާއިރު، ހެއްކެއް ހުރިތޯ، ހުރި ހެއްކަކީ ޖާއިޒު އެއްޗެއްތޯ ބެލުންވެސް އެއީ އޮންނަ ކަމެއް ނޫނެވެ. ބޮން ހެދި މީހާ ބޮންހެދީމޭ ބުނީމާ، އެކަން ކުރަން އެންގި ކަމަށް ތުޙުމަތު ކުރެވޭ މީހާ ކުޑަގޮޅިއަށް ދާންޖެހޭއިރު، ސަރުކާރުގެ މަޤާމެއްގައި ހުރެ ބޮންހެދި މީހާގެ މައްސަލައެއް ނެތުން މީ އަޅެ ހެއްވާ ކަމެއް ނޫން ހެއްޔެވެ. މޭފުއްޕާފައި ތިމަންނާ ފައިސާ ގޯންޏެއް ހިފައިގެން ރިޝްވަތުދޭން ދުވީމޭ ބުނި މީހާގެ މައްސަލައެއް ނެތިފައި، ގަނޑުވަރާ ޚިޔާލުތަފާތުވި މީހާއާއި ދެކޮޅަށް ހެއްކެއް ނުލިބުމުން، އޭނާއަށް ވާނުވާ ޖެހުން މީހާދަހާވާ އިންސާފުވެރި ގޮތެކެވެ.

ދައްކަންޏާ ދައްކާން ހުރި ވަރަށް ވާހަކަ އެބަ ހުއްޓެވެ. ކުރުގޮތަކަށް ބުނާނަމަ، މިޒަމާނުގައި ސަދޫމު އޮތްނަމަ ސަދޫމުގެ ނިޔާގޯތިވެސް މި ރާއްޖެ ފެނި ލަދުގަތީހެވެ.

ގަނޑުވަރުގެ ވާހަކައަށް ޖެހިލާން ޖެހެނީ މިނިވަން، މަދަނީ މުއައްސަސާތަކުގެ ވާހަކައިންނެވެ. ފުރަތަމަ ކަމަކަށް މި ތަންތަނުގެ ބަދަލުކުރާންވީ ނަންނަމެވެ. މިނިވަން މުއައްސަސާ ކިޔާނެ ކަމެއް ނެތެވެ. ކިޔާންވީ ރައީހުގެ މުއައްސަސާތަކޭއެވެ. އެއީ ވޯޓު ނަގާ ކޮމިޝަނަސް، އިންޓެގުރިޓީ އަކަސް، ކޮރަޕްޝަން ކޮމިޝަނަސް، ސިވިލް ސަރވިސް ކޮމިޝަނަސް، ފުލުހުންނަސް މެއެވެ. މީގެ ތެރެއިންވެސް ފުލުހުންނާއި ވޯޓު ނަގާ ކޮމިޝަނުގެ އަމަލުތައް މިހިރަ ގޮތެކެވެ.

ހިތަށް އަރައެވެ. ހަމަ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތީ ބާވައެވެ. ފަހުން އަންނާން އޮތް ދުވަހަށް ބިރުވެތިކަމެއްވެސް ނެތީ ބާވައެވެ.

ގަނޑުވަރުން ހަމަ އަންގާހާ ގޮތަކަށް ކަން ކުރުމަކީ މި ޤައުމުގެ ފުލުހުންގެ ވަޒީފާއަށް މިއަދު އެވަނީ ވެފައެވެ. ގަނޑުވަރު މަނިކުފާނު ގުދަށް އޮންނާން ބުނިއްޔާ ގުދަށެވެ. އޮށޮންނާން ބުނިއްޔާ އޮށޯވެގެންނެވެ. ކޭން ބުއިންވެސް އެމަނިކުފާނުގެ ބަހަށެވެ. ވޯޓު ކޮމިޝަންވެސް މިނިވަނޭ ކިޔާތީ އިވެއެވެ. ފެންނަނީ ގަނޑުވަރު މަނިކުފާނުގެ ފައިގައި ދޫލާތަނެވެ.

ގަނޑުވަރު މަނިކުފާނުގެ ވެރިކަމުގެ ވައްޓަފާޅި ހުރީ ބައްކުރާށެވެ. ލިބުނު އެއްޗެއް ހޯދާށެވެ. ކެޕްޓަން ޖެކް ސްޕެރޯ ބުނާ ފަދައިންނެވެ. ޓޭކް ވަޓް ޔޫ ކޭން، ގިވް ނަތިންގ ބެކް (ލިބުނު އެއްޗެއް ނަގާށެވެ. އެއްވެސް އެއްޗެއް އަނބުރާ ނުދެއްޗެވެ).

ތެދެއް ބުނަން ހެއްޔެވެ. ދުނިޔޭގައި މިއަދު ތިބިނަމަ، ފިރުއައުނާ، ހިޓިލަރާ، ޕޮލް ޕޮޓާއި، ސްޓާލިން އާއި، ކިމް ޖޮންގ އިލްވެސް، މި ވަލިއްޔުލް އަމުރު ކައިރިން ދަރިވަރުވާން އައީހެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
15%
36%
12%
13%
24%
0%
ކޮމެންޓް
19 ޖުލައި 2017 | ބުދަ 19:36
Maohamed
Sadhoom meehunnge nubaakann aharumennge maai Quran ga aiisfai othy kihaa nubaaveema nann engeytha l thi meehunn kulhey siyaasee kannthakaa allahge azaabaa alhuvaa kiyaa meehunn nahvure vaki nubaa kamwh eba oitha..