ކ. މާލެ
|
8 ޖެނުއަރީ 2022 | ހޮނިހިރު 18:33
ބްރިޖް
ބްރިޖް
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
 
ބުރިޖުގެ ޚިޔާލަކީ އަދި ޕްލޭނިންއަކީވެސް ރައީސް ޔާމީނަށް ނިސްބަތްކުރެވޭނެ އެއްޗެއް ނޫން
 
ރައީސް ޔާމީނުގެ ވެރިކަން ފެށުމުގެ ކުރިން ބުރިޖުގެ މަޝްރޫއާ ގުޅޭ ދިރާސާތައް އޮތީ ހެދިފައި

ތިމާ ކުރާން އުޅޭ މަސައްކަތުގެ ގިނަބައި އެހެން މީހުން ރާވައިދިނީމާ އަދި އެހެން މީހުންގެ ތަނަވަސް ޚިޔާލުން އުފަންކުރާ ކަންކަން ތިމާގެ ގެދޮރޮގައި ތިމާ އިންނަތާ އިނދެގެން އެހެން މީހުން ލައްވައި ކުރުވައިފައި މިހުރިހާ ކަމެއް ރަގަޅުވެއްޖެއްޔާ އެއީ ތިމާ ކުރި ކަމެއް ކަމުގައި ހަދައި ނުބައިވެއްޖެއްޔާ އެހެން މީހުން މަތިއަޅުވައި ރެކިގަތުމަށް ކުރީޒަމާނުގެ ދިވެހީން ބުނެ އުޅުނު މިސާލު ބަހެއް އޮވެއެވެ. ތިޔައީ ކަނދިކަމަނާގެ މަސްތެލުލުމެވެ. މީރުވެއްޖެއްޔާ ހުރިހާ ރީތިނަމެއް ކަނދިކަމަނާއަށެވެ. ނުބައިވެއްޖެއްޔާ ހުރިހާ ހުތުރެއް ކޮންމެވެސް ހައްވާފުޅަކާއި ދަލޭކައަކަށެވެ. ކަނދިކަމަނާޔާ ބެހުން ހުރި ކަމަކަށްވެސް ނުވާނެއެވެ. އެހައިވެސް ކަނދިކަމަނާ މޮޅެވެ. އަނގައިން ކަންކަން ކުރުމުގައި އެފަދަ ދެވަނައެއްވެސް ނުވެއެވެ.

ހުޅުލޭގައި މަތިންދާބޯޓު ތިރިކުރާ އިސްޓޭޝަނެއް ގާއިމުކުރެވި އެކިވަރުވަރުގެ ބޯޓުފަހަރު އެތަނަށް ތިރިކޮށް އުދުއްސައި، މިޒާތަކުން ދިވެހިރާއްޖެއާއި ބޭރު ދުނިޔެ ވައިގެ މަގުން ގުޅައިލެވުނު ޒަމާނުން ފެށިގެން ދިވެހީން ކުރަމުން އައި ޚިޔާލެއް އޮތެވެ. ކުދިކުދި ދޯނިފަހަރުގައި ހުޅުލެޔާއި މާލެޔާއި ދޭތެރޭގައި މީހުން އުފުލުމަށް ކުރާންޖެހޭ ދަތުރުތައް ހުއްޓާލައި މޫސުން ގޯސްވީމާ އުފުލާންޖެހޭ ތަކުލީފުތަކުން މިންޖުވުމަށް ކުރެވޭނޭ ކަމެއް އެބައޮތްބާވައެވެ. ދުނިޔޭގެ ބައެއް ތަންތަނުގައި ކޯރުކޯރާއި ކަނޑުފަޅާއި ފެންފެންގަނޑު ހުރަސްކޮށް ބޮޑެތި ބިޔަ ތަނބުޖަހައިގެން އަޅާފައި ހުންނަ ކަހަލަ ފާލަމެއް ހުޅުލެޔާއި މާލެޔާއި ދޭތެރޭގައި އެޅިދާނެ ބާވައެވެ. ނުވަތަ އެކަމަކީ މި ދެރަވަރު ދިވެހިރާއްޖެއާ އަރަފޯދިގެން ނުވާނޭ ކަމަކީ ބާވައެވެ. ދިވެހީންނަށް މިކަން ހަގީގަތަކަށް ހެދިދާނެބާވައެވެ.

އިންޖިނޭރިން އާއި އެޒާތުގެ ކަންކަމުގައި އިލްމާއި ހުނަރު ލިބިގެންތިބި ދިވެހީން އުޅުނު ޒަމާނެއް ނޫނެވެ. އެކަމަކުވެސް ކަންކަމާމެދު ދިވެހީން ޚިޔާލުކުރެއެވެ. ސާދާސީދާ ގޮތުގައި ދިވެހީން ދަންނަ މަގުމަގުން ކަންކަން ކުރެވޭތޯވެސް ގަދައަޅައެވެ. އެގޮތުން މާލެއާ ނުހަނު ގާތުގައި އޮންނަ ފުނަދޫއާއި މާލެ ގުޅާލުމަކީ ކަނޑު ހިއްކައިގެންވެސް ކުރެވިދާނޭ ކަމެއްތޯ ދިވެހީން ވަނީ އަޖުމަ ބަލައިފައެވެ. ބޮޑު މަންޒަރަކީ ފުނަދޫއާއި މާލެ ގުޅުވައިލުމެއް ނޫނެވެ. ބޮޑު މަންޒަރަކީ ހުޅުލެޔާއި މާލެ ގުޅައިލުމެވެ. މާލެ ވަށައިގެން ބޮޑު ރަސްގެފާނު ރޭނުއްވި ބޮޑުފާރާއި މާލޭގައި ހުރި ރަސްކަމުގެ ބޮޑު ގަނޑުވަރު ރައީސް ނާސިރުގެ ދައުރުގައި ތަޅައިލައިގެން އެހުރިހާ ސާމާނެއް އެޅީ ހެންވޭރުކޮޅުން މާލެތިލައޭ ކިޔުނު ސަރަހައްދުގެ ފަރުބޭރަށެވެ. ބޭނުމަކީ ފުނަދޫއާއި މާލެއާ ދޭތެރޭގެ ފުންކަން ތިލަކަމަށް ބަދަލުކުރުމަކީ ކުރެވިދާނޭ ކަމެއްތޯ އަޖުމަ ބެލުމެވެ.

އެކަމެއް އެމަގުން ނުކުރެވުނެވެ. ކަނޑު ހިއްކިދާނޭ ކަމުގެ ހިލަމެއް ނުވިއެވެ. އެހެންވީމާ އެހިސާބުން އަޖުމަބެލުންވެސް ނިމުނީއެވެ. އެކަން ނިމިފައިވަނިކޮށް ހުޅުލޭގައި ކޮންމެވެސް މަސައްކަތެއް ހިންގާން އުޅުނު ދިވެހީންގެ ބަޔަކު ހުޅުލެއާއި މާލެއާ ދޭތެރެއިން ކަނޑުވެ އޭގެތެރެއިން ބަޔަކު މަރުވި ހިތާމަވެރި ހާދިސާޔާ ގުޅިގެން އެދުވަސްވަރުގެ ނޫސްތަކުގައި އެކި މީހުން ލިޔުނު ލިޔުންތަކުގައި ހުޅުލެޔާއި މާލެޔާ ދެމެދު ކަނޑު ދަތުރެއް ކުރާން ނުޖެހި ބޭރު ތަންތާގައިވެސް ބުރިޖުތައް އަޅައިގެން މޮޓަރު އުޅަނދުތަކުގައި ވޫސްވޫސް ލައިފައި އެއްގަމުން އެކުރާ ދަތުރު ހުޅުލެޔާއި މާލެޔާއި ދެމެދު ކުރެވޭނީ ކޮންދުވަހަކުންތޯ ސުވާލުކޮށްފައި ހުއްޓެވެ. އެހެންވީމާ ބުރިޖެއް ނުވަތަ ފާލަމެއްގެ ޚިޔާލު ދެމިއޮތްކަމާއި އެއީ ބައެެއް ދިވެހީންގެ ހުވަފެނެއްކަންވެސް އެއޮތީ ފެންނާށެވެ.

ދުވަސްތައް މާޒީއާއެކުވަމުން، މަސްތައް އަހަރުތަކަށް ބަދަލުވަމުން އައިސް ދިވެހިރާއްޖެއަށް ސިޔާސީ އަދި ދުސްތޫރީ ބަދަލުތައް ވެސް އަތުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އެކަކަށްވުރެ ގިނަ މީހުންނަށް ވާދަކުރެވޭ ހިސާބަށް އާދެވުނީމާ 2008 ވަނަ އަހަރު ސިޔާސީ ޕޯޑިއަމްތަކުގައިވެސް ބުރިޖެއްގެ ވާހަކަ ދެކެވެން ފަށައިފިއެވެ. އެއަހަރުގެ ރިޔާސީ އިންތިޚާބަށްފަހު އެކުލަވައިލެވުނު ސަރުކާރުންވެސް ބުރިޖެއް އެޅިދާނެތޯ ދިރާސާކުރަން ފެށިއެވެ. އެސަރުކާރުގެ ރައީސަށް ވީއެއްޗެއް ވުމަށްފަހު ދެން ވަޑައިގެންނެވި ބޭފުޅަކުވެސް މިކަމާއިގެން ކުރިޔަށް ވަޑައިގެން ސީނުކަރައިގެ ފައިސާޔާއި ފަންނީ އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން މަޝްވަރާތަކެއްވެސް ކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގެ ވިލާތައް 2013 ވަނަ އަހަރު ޖައްވުގައި ފެތުރިގެން ދިޔައިރު ބުރިޖެއްގެ ވާހަކަ އޮތީ ސީރިއަސް ވާހަކައަކަށް ވެފައެވެ. ޕްލޭންތަކެއްވެސް އޮތީ ކަރުދާހާ ހަމަޔަށް ގެނެވިފައެވެ.

އެއަހަރުގެ ރިޔާސީ އިންތިޚާބުގައި އެކި ރަށްރަށުގައި އެކި ކެންޑިޑޭޓުން ބުރިޖެެއްގެ ތަސްވީރު ކުރެއްސެވިއެވެ. އެކަމަކު ރައީސް ޔާމީނެއް ނޫނެވެ. ގާސިމް އިބްރާހީމާއި ޑރ ވަހީދު ފަދަ ބޭފުޅުންނެވެ. އެ އިންތިޚާބަށްފަހު ރައީސް ޔާމީނު ވެރިކަމަށް ވަޑައިގެން އެމަނިކުފާނަށް ބުރިޖާމެދު އިވިވަޑައިގެންނެވި ވާހަކަތައް ހަގީގަތަކަށް ހެއްދެވިދާނެތޯ ބެއްލެވިއިރު، އަސްތާއެވެ. މަސައްކަތުގެ ޕްލޭނިން ބަޔާއި ފައިނޭންސް ހޯދުމުގެ ބައި އޮތީ ގާތްގަޑަކަށް ފުރިހަމަކޮށް ނިމިފައެވެ. އެހެންވީމާ ރައީސް ޔާމީނަކަށް މާގިނަ މަސައްކަތްތަކެެއް ކުރައްވާކަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެމަނިކުފާނު އިންނެވިތާގައި އިންނަވައިގެން އެ ސައީދަކާއި މި ސައީދެއް ތަންތަނަށް ފޮނުއްވައިގެން ސޮއި އަޅަންޖެހޭ ތަންތަނުގައި ސޮއި އަޅުއްވައިގެން ބަޔަކު މީހުން ލައްވައި ކުރުވާން ފައްޓަވައިފިއެވެ. އިތުރުކަމަކަށް ކުރެއްވިއްޔާ އެކަމަކީ އެކި މީސްމީހުންނަށް ބައިއެޅޭނޭ މަގުން މަޝްރޫއުގެ ޖުމްލަ އަދަދު މަތިކުރެއްވީއެވެ.

ކޮންމެއަކަސް ސީނުކަރައިގެ މީހުން އެއޮތީ ބުރިޖެއް އަޅައިފައެވެ. ޚަރަދުގެ ވާހަކަ ދައްކާނޭ ކަމެއް ނެތެވެ. އެވަރުގެ ކަމެއް ކުރަން ހޭދަވާނޭ އަދަދުގެ ދެގުނަ ޚަރަދުވުން އެއީ އެހެން މައްސަލައެކެވެ. ބުރިޖު އެޅުނީ ރައީސް ޔާމީނުގެ ދައުރުގައެވެ. މިކަން މިމަގުން ހިނގީމާ އެމަނިކުފާނަށް ބުރިޖުގެ ހުރިހާ ރީތިނަމެއް ހައްގުވެއްޖެއެވެ. އެޚިޔާލާއި އެފިކުރުގެ ވެރިޔަކީވެސް އެމަނިކުފާނު ކަމަށް ވެއްޖެއެވެ. ބަލަގަ ތިޔަކަން ހިނގާފައި އޮތީ އަދި ތިޔަހެނަކުން ނޫނޭ ރައީސް ޔާމީނު އެ އުޅުއްވަނީ ކަނދިކަމަނާޔަށް ވެގެންނޭ މީހަކު ބުނާއިރަށް އެމީހަކު ނޮޅައި ކާޅަށް ދިނުންވެސް އެހާމެ އަވަހެވެ. އިހަށްރޭ ބަންޑާރަ ބޮޑުޓީވީގައި ކޮންމެވެސް ބޭފުޅަކު އެހެން ވިދާޅުވިކަމަށްޓަކައި އެބޭފުޅަކު ވީދައި ނޮޅައިފިއެވެ. ބަޔަކު އަދި ނުރުހުނަސް ރުޅިއަޔަސް ހަގީގަތް ބަދަލެއް ނުކުރެވޭނޭތާއެވެ. މިކަމަކީ ކަނދިކަމަނާގެ މަސްތެލުލުމާ އެއްފަދަ ގޮތަކަށް ރައީސް ޔާމީނުގެ ދައުރުގައި ކުރެވިފައިވާ ކަމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
16%
5%
1%
57%
5%
16%
ކޮމެންޓް
ގުޅުންހުރި
ސުޕަރ މެޖޯރިޓީ ހޯދީ ވޯޓުގަނެގެންނާއި ދައުލަތުގެ ފައިސާއާއި މުދާ ނަހަމަގޮތުގައި ބޭނުންކޮށްގެން، ދެން ސަރުކާރު ޒިންމާދާރުކުރާނީ ކިހިނެއް؟
އަމިއްލަ ގޮތުން އިންތިޚާބު ކާމިޔާބުކުރެއްވި 6 މެންބަރަކު ޕީއެންސީއަށް
ރައީސް މުއިއްޒުގެ ރޯލް މޮޑެލްއަކީ އަބްދުއްރަހީމް، ދެން މިގައުމުގެ ކަންކަން ދާނެ ގޮތް ރައްޔިތުން ތަސައްވުރު ކުރައްވާ: ޔާމީން
އަޅުގަނޑުގެ އަތުގައި ހިފަން ރައީސް މުއިއްޒު ދެކޮޅު ހެއްދެވި ސަބަބު އެނގިވަޑައިގަންނަވާނީ ރައީސް މުއިއްޒަށް: ޔާމީން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީނަށް ހުކުމް ކުރުން މާދަމާ
އެމްޑީޕީގެ ކެމްޕޭން ބެނާތަކާއި ގުޅޭގޮތުން ވެރިކަން ކުރާ ޕާޓީން ނުރުހުން ފާޅުކުރުމުން، އެންޓި ކެމްޕޭން ކުރާނަމަ ފިޔަވަޅު އަޅާނެކަމަށް އީސީން ބުނެފި
ޕީއެންސީގެ ކެމްޕޭން: ވަޒީފާގެ ބިރު، ކަރަންޓު ކަނޑާލާނެކަމުގެ ބިރު، ބާރުގެ ބޭނުންކުރާނެ ކަމުގެ ބިރު