ކ. މާލެ
|
18 އޭޕްރިލް 2024 | ބުރާސްފަތި 23:30
ނޫސްވެރިންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ
ނޫސްވެރިންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ
ދައުރު
އިންޑިއާ އައުޓް ކެންޕޭން
ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ނުނިދޭ، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނަން: ރައީސް ޔާމީން
 
ރައީސް މުއިއްޒުއާއި އެއްވެސް އިރެއްގައި ޒާތީއެއް ނުވަން
 
އަމިއްލަހާލައިގެން ދިރިއުޅެވޭނެ، ދިރިއުޅުމުގައި ސަރުކާރަށް ބަރޯސާވާން ނުޖެހޭ
 
މިހާރު އިންޑިއާ އައުޓް ނުކިޔެންވީ ކީއްވެގެންތޯ ޔާމީން ސުވާލުކުރެއްވި

ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދައިމީ ގޮތެއްގައި މަރުކަޒު ހަދައިގެން ތިބޭތީ ނުނިދޭ ކަމަށާއި، އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްކޮށް އަލުން އެ މައްސަލަ ބަލަން ހައިކޯޓުން ކްރިމިނަލް ކޯޓަށް އަމުރު ކުރުމާއެކު، ޖަލުހުކުމުން މިނިވަންވެ ވަޑައިގެން ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އަމިއްލަހާލައިގެން ދިރިއުޅެވޭނެ ކަމަށާއި، ދިރިއުޅުމުގައި ސަރުކާރަށް ބަރޯސާވާން ނުޖެހޭ ކަމަށެވެ. ރައީސްކަން ނުލިބުމަކީ ނުނިދިގެން އުޅޭވަރުގެ ކަމެއް ނޫން ކަމަށާއި، ނަމަވެސް ނުނިދޭވަރުގެ ކަންކަން އެބަހުރި ކަމަށެވެ. އެއީ ރާއްޖޭގައި އިންޑިއާ ސިފައިން ދައިމީ ގޮތެއްގައި މަރުކަޒު ހަދައިގެން ތިބުމާއި، ގެއްލުނު ކަނޑުގެ ސަރަހައްދު ގެއްލިފައި އޮތުން ކަމަށް ޔާމީން ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ މި މައްސަލަތަކަކީ މިހާރުގެ ރައީސް ޑރ.މުހައްމަދު މުއިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް މީގެކުރިން ވެސް އަޑުއުފުލިކަންކަން ކަމަށާއި، ނަމަވެސް ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވާ މިކަންކަން ދިފާއު ކުރައްވާ ކަމަށެވެ. އަދި މިހާރު އިންޑިއާ އައުޓް ނުކިޔެންވީ ކީއްވެގެންތޯ ޔާމީން ސުވާލުކުރެއްވިއެވެ.

އަޅުގަނޑު އަމިއްލަ ހާލަައިގެން އުޅެން ދޫކޮށްލާފިއްޔާ އަޅުގަނޑު ކޮންކަމަކަށްތޯ ސަރުކާރަށް ބަރޯސާވާންވީ. އަޅުގަނޑު ކޮންކަމަކަށްތޯ ދިރިއުޅުމަށް ބަރޯސާވާން ޖެހޭނީ. އެހެންވީމަ މަޖުބޫރުވެގެން ނޫނިއްޔާ ކުރާ ހިތުން ނޫނިއްޔާ ނުނިދިގެން ލޯނުމެރިގެން އުޅޭވަރުގެ ކަމެއް ނޫން ރައީސްކަން ނުލިބުން އެއީ. އެކަމަކު އަޅުގަނޑަށް ނުނިދޭ ކަންތައް އެބަހުރި. އެއީ އަޅުގަނޑު ގަބޫލެއް ނުކުރާނަން ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ދައިމީ ގޮތެއްގައި މަރުކަޒު ހަދައިގެން ތިބެންވާނެ ކަމަކަށް. އަޅުގަނޑު ގަބޫލެއްނުކުރަން އަޅުގަނޑުމެންގެ ކަނޑުގެ ސަރަހައްދުން ދެކުނުން ގެއްލުވާލާފައިވާ ބައި އަޅުގަނޑުމެންނަށް ނުލިބި ގެއްލިފައި އޮންނަންވާނެ ކަމަކަށް. މިކަހަލަ އުސޫލީ ކަންތައްތަކެއް އެބަހުރި. އަޅުގަނޑު ގަބޫލެއް ނުކުރަން ދިވެހިރާއްޖޭގެ ހާރިޖީ ސިޔާސަތު ދިވެހިރާއްޖޭގެ އެތެރޭގެ ހިންގުމަށް ބޭރުގެ މީހުން ބަސްކިޔައި އެމީހުންގެ ހަންފަތުރާ މިކަންކަން ކުރެވޭނެ. މިކަހަލަ ވަރުގަދަ ގައުމީ ކަންތައްތަކެއް އެބަހުއްޓޭ އަޅުގަނޑުގެ ފަސް އަހަރުގެ ތެރޭގައި އަޅުގަނޑު ދޫކޮށް ނުލާ ކަންތައްތައް އެއީ. އެކަންތައްތައް މިހާރު މިއޮތީ ކޮންޕްރަމައިޒްވެފައި. އެކަހަލަ ކަންތަކުގައި އަޅުގަނޑު އިޗްވޭ. އަޅުގަނޑު އިޗްވަންޏާ އަޅުގަނޑު އަނގަވެސް ހުޅުވާނެ. އެއީ ރައީސް މުއިއްޒުގެ ސަރުކާރާ ބެހޭ ގޮތުން ވެސް އަޅުގަނޑު ރައީސް މުއިއްޒާއި ޒާތީގޮތުން އެއްވެސް ވާހަކައެއް ނުދައްކާނަން. އެކަމަކު އަޅުގަނޑަށް އުދަނގޫވޭ އަޅުގަނޑުމެން އެންމެން މުއިއްޒު ވެސް ހިމެނޭ ގޮތަށް އިދިކޮޅުގައި ތިބިއިރު އަޅުގަނޑުމެން ދެއްކި ވާހަކައެއް ރައީސް ސާލިހު ނެރުއްވި ގަރާރު އިންޑިއާ އައުޓް މަނާ ކުރެއްވި ގާރަރާކީ ގާނޫނާ ހިލާފަށް ނެރުއްވި ގަރާރެއް. ހުރިހާ ލޯޔަރުން އެއްބަސްވޭ
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ރައީސް މުއިއްޒުއާއި އެއްވެސް އިރެއްގައި ޒާތީ ނުވާ ކަމަށެވެ. އަދި ރައީސް މުއިއްޒު ވެރިކަމުގައި ހުންނެވި ނަމަވެސް ޝައްކަތްނެތް ގޮތުގައި އިންޑިއާ އައުޓް ކެންޕޭނަށް ނުކުންނާނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

އަޅުގަނޑުމެން މާދަމާ ކުރަން ވިސްނާފައި އޮތް މަސައްކަތަކީ އަޅުގަނޑުމެންގެ ގޭގައި ދަމާފައި އޮތް އިންޑިއާ އައުޓް ބޮޑު ބެނާ ފުލުހުން ވަނީ ގެންގޮސްފައި. އެހޯދަން ކުރާ މަސައްކަތް. މާދަން ކޯޓަށް ވަންނާން. ފުލުހުންނަށް ފުރަތަމަ ލިޔާނަން އެބެނާ ދޭށޭ. ދެން އިތުރު އެއްޗެއް ހަރަދުނުކޮށް އެބެނާ ދަމާ ލެވުނިއްޔާ ރަނގަޅު ތެދެއްތޯ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ޖަލަށްލި ނަމަވެސް ސިޔާސީ ފިކުރާ ވިސްނުމަކަށް ބަދަލު ނާންނަ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަހްމަދު ދާއޫދު
0%
0%
0%
100%
0%
0%
ކޮމެންޓް