ކ. މާލެ
|
23 އޮކްޓޯބަރ 2021 | ހޮނިހިރު 14:41
ހިޔާ މަޝްރޫއުގެ ފްލެޓްތައް
ހިޔާ މަޝްރޫއުގެ ފްލެޓްތައް
މުހައްމަދު ފަޒީން
ހިޔާ އޮޑިޓް
ހިޔާ އޮޑިޓް ރިޕޯޓް އާދީއްތަ ދުވަހު ދިރާސާކުރަން ފަށަނީ
 
އަގުތައް ބޮޑުކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވޭ
 
މައްސަލަ ދިރާސާކުރަން ފަށާނީ އާދީއްތަ ދުވަހު އޮފީސް ހުޅުވުމުން

ކުރީ ސަރުކާރުން ހުޅުމާލޭގައި ހިންގި 7000 ސޯޝަލް ހައުސިންގ ޔުނިޓު މަޝްރޫޢުގެ އޮޑިޓް ރިޕޯޓާއި ގުޅިގެން ސަރުކާރު ހުޅުވުމާއެކު އެކަން ދިރާސާކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސްއޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން ވިދާޅުވީ ހިޔާ އޮޑިޓްގައި ސަރުކާރުން ކަންބޮޑުވުން ފާޅުކުރި ކަންކަން ފެންނަން އެބަހުރި ކަމަށާއި، އެ ކަންތައްތަކަކީ ކޮންމެވެސް ބަޔަކު ޒިންމާވާންޖެހޭ ކަންތަކެއް ކަމަށެވެ. އަދި އަގުއް މައްސަލައިގައި ސަރުކާރުން ބުނަމުން އައި ވާހަކަތައް އޮޑިޓްގައިވާ ކަމަށާއި، އޮޑިޓް ރިޕޯޓާއި ގުޅިގެން ފިޔަވަޅު އެޅުމަށްޓަކައި އާދީއްތަ ދުވަހު ސަރުކާރު ހުޅުވުމާއެކު އެ ރިޕޯޓް ދިރާސާކުރަން ފަށާނެ ކަމަށެވެ.

އޮޑިޓް އޮފީހުން މިއޮޑިޓު ކޮށްފައިވަނީ 7000 ހައުސިންގ ޔުނިޓުގެ ޔުނިޓަކަށް ޖެހޭ ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަދަދު ހިސާބުކޮށް ކަނޑައަޅާފައިވާ ގޮތް ރިވިއުކޮށްދިނުމަށް އެޗްޑީސީން އެދިފައިވާތީއެވެ. މިއޮޑިޓްގައި ދައުލަތުގެ 4 މުއައްސަސާއަކުން ހައުސިން ޔުނިޓްގެ މަޝްރޫޢުތައް ތަފާތު 4 ގޮތަކަށް ޖުމްލަ އަގާއި މަހުން މަހަށް ދައްކަންޖެހޭ އަގު ހިސާބުކޮށްފައިވާތީ އެއަގުތައް ހިސާބުކުރުމުގައި ބޭނުންކޮށްފައިވާ އަންދާޒާތަކާއި އެއަންދާޒާތައް ބިނާކޮށްފައިވާ އަސާސްތަކުގެ މައްޗަށް ބަލާފައިވެއެވެ.

2018 ވަނަ އަހަރު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހިސާބު ހަދާފައިވަނީ ޔުނިޓަކަށް ކޮސްޓްގެ ގޮތުގައި ހިސާބުކޮށްފައިވާ އަދަދުން ޑައުންޕޭމަންޓް އުނިކުރުމަށްފަހު އަންނަ އަދަދު 20 އަހަރަށް ބަހާލުމުން ކޮންމެ މަހަކަށް ޖެހޭ 5190 ރުފިޔާ އަށް 8 އިންސައްތަ އިންޓަރެސްޓް އެއްކޮށްގެން އަންނަ 5605 ރުފިޔާއެވެ. މެއިންޓަނަންސް ޚަރަދަށްވާ 1000 ރުފިޔާ އާއެކު ދައްކަންޖެހެނީ 6600 ރުފިޔާއެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިއީ ލޯނު ނަގައިގެން ހިންގާ ހައުސިންގ ޕްރޮޖެކްޓެއްގެ ހައުސިންގ ޔުނިޓްތަކުގެ ވިއްކާ އަގު ކަނޑައަޅަން ބޭނުންކުރާނެ އުސޫލެއް ނޫނެވެ. ސަބަބަކީ މިގޮތަށް ހިސާބުކުރުމުން ޕްރޮޖެކްޓް ހިންގަން ނެގި ލޯނުތަކާއި ރީފައިނޭންސިންގ އަށް ނެގި ލޯނުތަކަށް ދައްކާ އިންޓަރެސްޓާއި ލޯނު އަނބުރާ ދެއްކުމަށްދާނެ ކޭޝް ފްލޯއަށް ރިއާޔަތް ނުކުރެވޭނެތީކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިފަދަ ޕްރޮޖެކްޓްތަކުގެ އަގު ކަނޑައެޅުމުގައި އާންމުކޮށް ބޭނުންކުރާ އީކުއޭޓެޑް މަންތްލީ އިންސްޓޯލްމަންޓް (އީއެމްއައި) މެތަޑް ބޭނުންކުރި ނަމަ 2018 ވަނަ އަހަރު މިނިސްޓްރީން ކަނޑައަޅާފައި އޮންނަންވާނެ ސައްހަ އަގަކީ ހައުސިންގ ޔުނިޓަކަށް މަހަކަށް 10،419 ރުފިޔާއެވެ. އަދި 2018 ވަނަ އަހަރު އޭރުގެ ހައުސިންގ މިނިސްޓްރީން ކަނޑައަޅާފައިވާ އަގު ކޮންމެ ހައުސިންގ ޔުނިޓަކަށް 5605 ރުފިޔާއަށް ވިއްކިނަމަ އެޗްޑީސީ އާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ބޮޑުވާނެކަމަށްވެސް ވަނީ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން 2018 ވަނަ އަހަރު ހައުސިންގ މިނިސްޓްރީން ތައްޔާރުކޮށްފައިވާ ހިސާބުގައި 20 އަހަރުގެ މުއްދަތަށް މަހަކަށް 6600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކުމުން ޔުނިޓަކަށް ފައިނޭންސް ކޮސްޓްގެ ގޮތުގައި ނެގިގެންދަނީ 99،647 ރުފިޔާއެވެ. އައީއެމްއައި މެތަޑަށް ހިސާބު ހަދައިފިނަމަ ފައިނޭންސް ކޮންސްޓްގެ ގޮތުގައި ޔުނިޓަކަށް 1،254،879 (އެއް މިލިއަން ދެ ލައްކަ ފަންސާސް ހަތަރު ހާސް އަށް ސަތޭކަ ހަތްދިހަ ނުވަ) ރުފިޔާ ޖެހޭނެއެވެ. މާނައަކީ 6،600 ރުފިޔާގެ ރޭޓުން ޔުނިޓެއް ވިއްކައިފިނަމަ ފައިނޭންސް ކޮސްޓްގެ ގޮތުގައި ޔުނިޓަކުން 1،15555،231 (އެއް މިލިއަން އެއް ލައްކަ ފަންސާސް ފަސް ހާސް ދުއިސައްތަ ތިރީސް އެއް) ރުފިޔާގެ ގެއްލުންވުމެވެ.

މިއީ 7000 ޔުނިޓަށް ބަލާނަމަ 8،086،617،000 (އަށް ބިލިއަން އަށްޑިހަ މިލިއަން ހަ ލައްކަ ސަތާރަ ހާސް) ރުފިޔާގެ ގެއްލުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް