ކ. މާލެ
|
3 އޯގަސްޓް 2021 | އަންގާރަ 23:05
ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުން
ރައީސުލްޖުމްހޫރިއްޔާ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެއްސެވުން
ރައީސް އޮފީސް
ވެކްސިން ފުރިހަމަކުރުމަށް އެންގުން
ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފި
 
ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ ވެކްސިން ފުރިހަމަކުރުމަކީ ސަރުކާރުގެ އަމާޒެއް
 
ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވެކްސިން ޖެހުން ރައްކައުތެރި ނޫން މުވައްޒަފުން އެ މުއްދަތަށްފަހު ވެކްސިން ޖެހުމަށް އެދިވަޑައިގެންފައިވޭ
 
އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން މި މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރުމަށް އެދިފައިވޭ

ހެލްތް ޕްރޮޓެކްޝަން އެޖެންސީން, ސަރުކާރުގެ މުއައްސަސާތަކުގެ ހުރިހައި މުވައްޒަފުން ކޮވިޑް-19އިން ރައްކައުތެރިވުމަށް ވެކްސިން ފުރިހަމަކުރުމަށް އެދިފައިވާތީއާއި، ކޮވިޑް-19އިން ރައްކައުތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ ވެކްސިން ފުރިހަމަކުރުން ކަމުގައި ވުމާއެކު، ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހައި މުވައްޒަފުން ވެކްސިންގެ ޑޯޒުތައް ފުރިހަމަކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމުގައި ވަނީ, މިހައިތަނަށް ވެކްސިންގެ އެއްވެސް ޑޯޒެއް ފުރިހަމަކޮށްފައިނުވާ މުވައްޒަފުން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައި، އަދި ފުރިހަމަކުރަންޖެހޭ އިތުރު ޑޯޒް, އެ ޑޯޒެއް ފުރިހަމަކުރަންޖެހޭ މުއްދަތުގެ ތެރޭގައި ފުރިހަމަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ކަމަށެވެ. އަދި، ވަގުތީގޮތުން ކުރިމަތިވެފައިވާ ހާލަތެއްގެ ސަބަބުން ވަކި މުއްދަތަކަށް ވެކްސިންޖެހުން ރައްކައުތެރިނޫންކަމަށް ދިވެހިރާއްޖޭގައި ރަޖިސްޓަރީވެފައިވާ މެޑިކަލް ޑޮކްޓަރަކު ލަފާ ދޭ މުވައްޒަފުން ވެސް، ލަފާދީފައިވާ މުއްދަތު ހަމަވުމުން ވެކްސިން ފުރިހަމަކުރުމަށް މި ދެންނެވުމުގައި ވެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އިދާރާތަކުގެ ވެރިން، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވެކްސިން ފުރިހަމަކުރުމަށް ބާރުއަޅުއްވައި، ވެކްސިން ފުރިހަމަކުރޭތޯ ބައްލަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.

އެޗްޕީއޭއިން އާންމުކުރި ސަރކިއުލާއެއްގައި ވަނީ ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރުމުގެ ކެމްޕޭން މާލެ އާއި އަތޮޅުތެރޭގައި މިހާރު ފަށާފައިވާކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ އެންމެންނަށް ވެކްސިން ފުރިހަމަކުރެވޭ ވަރަށް މިހާރު ވެކްސިން ލިބިފައިވާކަމަށާއި، މި ފުރުސަތުގެ ބޭނުން އެންމެ ފުރިހަމައަށް ހިފައި، ބަލިން ރައްކާތެރިވެ ތިބުމަށް ވީހާވެސް އަވަހަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެހެންކަމުން ސަރުކާރުގެ އޮފީސްތަކާއި، ދައުލަތުގެ މުއައްސަސާތައް އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަކީ ވެކްސިން ފުރިހަމަވެފައިވާ މީހުންކަން ޔަގީންކުރުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. ވެކްސިން ޖެހުމުގައި ދަތިވާނަމަ އަދި އިތުރު އެހީ ބޭނުންވާނަމަ އެ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

މި ހިނގާ އޮގަސްޓު މަސް ނިމުމުގެ ކުރިން ރާއްޖޭގެ އާބާދީގެ 90 އިންސައްތަ މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންކަމުގައި ޔަގީންކުރުމަށް މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވަނީ އަނެއްކާވެސް ވެކްސިން ކެމްޕޭނެއް ފަށާފައެވެ. ރާއްޖޭގެ އާބާދީގެ އެންމެންނަށް ވެކްސިން ޖެހޭ ވަރަށް ވެކްސިން ލިބިފައިވާކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް