27 އޭޕްރިލް 2021 | އަންގާރަ 11:06

ޝަމްސުއްދީން ރަސްކަމުގައި އެމަނިއްޕުޅުގެ ބޮޑުވަޒީރު އަބްދުލްމަޖީދު ކިލެގެފާނުގެ ދައުރަކީ ދިވެހިރާއްޖެއަށް އެންމެބޮޑު ތިޔާގިކަމަކާއި ސުލްޙަ މަސަލަސްކަމުގެ ދުވަސްވަރެވެ. ޔޫރަޕަށް ޞަނާޢީ އިންޤިލާބު އައިސްގެން އިންޖިނިއަރިން ފުރިހަމަވެގެން އޭގެ ބާރުން މަސައްކަތްތައް ހިންގާ އަތްމައްޗަށް ފަސޭހަވަރަކަށް އަގު ތިރިވެގެން މީސްތަކުންނަށް ބާއްޖަވެރިކަމާއި އުފާ ނިހާޔަތަށް ލިބުމުގެ ސަބަބަކަށް މިކަންވިއެވެ. މިދުވަސްވަރަށް އުސްހަކުރު ޒަމާނޭ ކިޔައި އުޅުނެވެ. އުސްހަކުރަކީ އޭރު ބާޒާރުގައި އެންމެ އަގުމަތި ހަކުރެވެ. ގަނޑުވަރުތެރޭން ފެށިގެން ކިރިޔާ ފޯރާމީހަކުވިޔަސް މިހަކުރު ބޭނުންކުރަމުން ދިޔައެވެ. އަދި ދޯބުރާލި ހަކުރާއި އުސްހަކުރު އެއްކޮށްގެން މީރުފޮނިކާތަކެތި ތައްޔާރުކޮށް އުޅުނެއެވެ.

އުސްހަކުރު ޒަމާނަކީ ދިވެހީންގެ އެކެއްގެ ހިތުގައިވެސް އެހެން ދުވަހެއް އަންނާނެކަމަށް ހީނުކުރެވުނު ޒަމާނެކެވެ. އެކަމަކު ދީނުގެ ދަންނަބޭކަލުން، ދުނިޔޭގެ ޒަމާން ބަދަލުވަމުންދާގޮތް މާލެއާއި ރަށްފުށުގެ އެތައްބަޔަކަށް ވިސްނައި ދެއްވަމުން ގެންދެވިއެވެ. އޭގެތެރޭގައި ޒުވާން ބަންޑާރަނައިބު ހުސައިން ޞަލާޙުއްދީން ހިމެނެއެވެ. ހުކުރު ދުވަހު ހުކުރު ޚުޠުބާގައްޔާއި އަދި ޖަމާޢަތްތައް އެއްކުރައްވައިގެންނާއި ދުނިޔެއާއި އާޚިރަތުގެ ކަންކަން ހުންނާނެގޮތް ކިޔައިދެއްވަމުން ގެންދެވިއެވެ. ތިޔާގިކަމުގެ ތެރޭގައި ހާމަކުރާގޮތުގައި، ދީނުގައި ހުއްދަ ހުރިހާ ކަމެއް އެދުވަސްވަރުކޮށްއުޅުނެވެ. ޖަމާޢަތްތަކާއި ފަރުދުންގެ ތެރޭގައި އެންމެ ގިނަ ކުޅިވަރުތަކަކީ ބޭރުންގެނެވިފައިވާ ކަންކަމުގައި ވިއެވެ.

ދިވެހިންގެ މޫސުމީ ކުޅިވަރާއި ރޭގަނޑުގެ ކުޅިވަރާއި ދުވާލުގެ ކުޅިވަރާއި ދޭދޭ މީހުން އެކަހެރިކޮށް ކުޅޭ ކުޅިވަރާއި ޖަމާޢަތްތައް ބައިވެރިވެގެން ކުޅެއުޅޭ ފޯރިނަގާ ކުޅިވަރުތައް ހުއްޓެވެ. އިންޑިޔާގެ މިއުޒިކީ ކުޅިވަރުތަކަކީ އެންމެ ހިތްއުފާ މުނިފޫހި ފިލުވުން ކަމުގައިވިއެވެ. ހަށިގަނޑުގެ ކަސްރަތާއި ކުޑަކުދިންގެ ކަސްރަތާއި އަންހެނުންނާއި ފިރިހެނުންގެ ކަސްރަތާއި އެކުލެވިގެންވާ ކުޅިވަރުތައް މަދެއްނޫނެވެ. މޫސުމީ ކުޅިވަރުތަކުގެ ތެރެއިން ގުޑިއެރުވުމާއި ފެންކުޅިއާއި މިއީ އިރުވައި މޫސުމުގެ ބައެއް ޚާއްޞަ ކަންކަމެވެ. އަދި ހޭނަކަތުގެ (ދޮންދީނި ލޯފިނދު ފަދަ) ހިފުންވެސް މެއެވެ. ގުޑީގެ ތެރޭގައި އިލޮށީން ހަދާ ގުޑިއާއި އޮނުން ހަދާ ގުޑިހުރެއެވެ. އިލޮށިން ހަދާ ގުޑިއަކީ ކުޑަކުދިންގެ އެއްޗެކެވެ. ގުޑި އެރުވުމަކީ މުޅީން ފިރިހެނުންގެ ކަމެކެވެ. މިކަމުގައި ލޯބިވެރީންގެ ފޯރި ވަކިންގަދަވާނެއެވެ.

މިދަންނަވަން އުޅޭ ވާހަކައިގެ ދުވަސްވަރު ސަރިދާލޭސްމައްތީގައި އިންނެވީ ފެށުމުގައި ދެންނެވިހެން ޝަމްސުއްދީން ރަދުންނެވެ. ބޮޑުބަނޑޭރިއަކީ އަދި ބޮޑުވަޒީރަކީ އަބްދުލްމަޖީދު ކިލެގެފާނެވެ. އެއްފަހަރަކު އިރުވައިމޫސުން އައިސްގެން ބަންޑާރައިން ގުޑީކުޅިވަރު ކުޅުއްވާން މާބޮޑަށް ބޭނުންފުޅުވެއްޖެއެވެ. އެއީ ހަމަ ކޮންމެ އަހަރެއްގައި މިކަމަށް ހިތްޕުޅުޖެހޭ ފަދައިންނެވެ. އެހެންކަމުން ގުޑިހަދާ ސާމާނުބަލާ، އަރިހު ބޭކަލުންގެ އިސްދެބޭކަލަކު ބަނޑޭރިގެއަށް ބަންޑާރައިން ފޮނުއްވިއެވެ. އެއީ ބޮޑުބޭކަލުންގެ ދެކަލުންނެވެ. އެދެކަލުން ބަނޑޭރިގެއިން މާލިއްޔާގެ ވެރިޔާ އަބްދުލްމަޖީދު ކިލެގެފާނާއި ބައްދަލުކުރެއްވިއެވެ. އަދި ބަންޑާރައިންގެ އެދުންފުޅު ހުށަހެޅުއްވިއެވެ. ބޮޑުބަނޑޭރި މަނިކުފާނު ވިދާޅުވީ ގުޑިއެރުވުމުގެ ކަންތައް މިއަހަރު ތަންކޮޅެއް ލަސްކޮށްލަދެއްވާށެވެ. އެއީ ދައުލަތުގެ މާލިއްޔަތަށް އެއްޗެއްލިބޭނީ މިއަންނަ ބޯޓް ފަހަރުންނާއި ނައުޒޯގުފަހަރުން ލިބޭ އެއްޗަކުންނެވެ. އެއީ ކަސްޓަމަށް ނެގޭ މަޢުމޫލެވެ. މިމޫސުންމުޅީން ވައި ހިނދި ބަގަލާ ބޯޓްފަހަރު ދަތުރު ނުކުރެވިގެން މިހާރު ކަނޑުމަތީގައި ދުއްވުން މިވަނީ ލަސްވެފައެވެ. އެހެންވީމާ ކުރިއަށް އޮތް މަސްދުވަހާއި ހަމައަށް އެކަން ލަސްކޮށްލައްވަން ރަދުންނަށް ދެންނެވުމަށް އަބްދުލްމަޖީދު ކިލެގެފާނު އެދެކަލުންނަށް ވިދާޅުވިއެވެ. ދެބޭކަލުން ގަނޑުވަރަށް ވަންނަވާ ބަންޑާރައިންގެ އަރިހުގައި މިވާހަކަ ދަންނަވައިފިއެވެ. ރަދުންވިދާޅުވީ އަދި އަބްދުލްމަޖީދު ބޭބެ އަރިހަށް ދާށެވެ. މިކަން ލަސްކުރެވޭކަށް ނޯންނާނެއޭ ދަންނަވާށެވެ. އަބްދުލްމަޖީދު ކިލެގެފާނަށް ރަދުންގެ ބަސްފުޅު އެދެކަލުން އިއްވެވިއެވެ. ޒުވާބުދެއްވަމުން ކިލެގެފާނު ވިދާޅުވިއެވެ. މުސާރަކޮޅާއި މަހު އެއްޗެހިކޮޅު ގެންދެވިތާ އަދި ދިހަވަރަކަށް ދުވަސްވެސް ނުވާނެއެވެ. ދެކަލުން އެނބުރި ގަނޑުވަރަށް ދުރުވެ މިވާހަކަ ރަދުންނަށް ދަންނަވައިފިއެވެ. ދެން އެދެބޭކަލުން ރަދުންގެ ބަސްފުޅައިގެން ބޮޑުބަނޑޭރިއަށް ދަތުރެއް އަޅުއްވައި ލިބިވަޑައިގެންނެވި މަހުމުސާރަފުޅާއި މަހުއެއްޗެހިކޮޅު، ކޮއްކޯފުޅުމެން އާލާސްކަންފުޅާ އުޅުއްވާތީ އެކި ގަނޑުވަރުތަކަށް ތަކެތި ފޮނުއްވާ މިހާރު ހުރީ ތިމަންނާއަށް ކިރިޔާ ފުދޭ - ނުފުދޭ މިންވަރަށޭ ރަދުންވިދާޅުވިއޭ ދަންނަވައިފިއެވެ. މިއަޑު އައްސަވާ ތިމަންނައަށް ލިބޭ މުސާރަމާކުޑައޭ، ބަންޑާރައިންނަށް މާގިނަ އެއްޗެތިކޮޅު ލިބިވަޑައިގަނެއޭ ތިމަންނާއަށް ލިބޭ އެއްޗަކުން ހަމަޖައްސަމޭ މިވާހަކަ ބަންޑާރައިންނަށް ދަންނަވާށޭ ބޮޑުބަނޑޭރިމަނިކުފާނު އެދެބޭކަލުންނަށް އެންގެވި އެންގެވުން، ދެކަލުން ބަންޑާރައިންނަށް ދެންނެވިއެވެ.

މިހިސާބުން، ދެން މިޖެހުނީ ބޮޑު ހިސާބުގައި ޖައްސަންތާއޭ ރަދުންގެ ހިތްޕުޅަށް އެރިއެވެ. ދެން ރަދުން ވިދާޅުވިކަމަށް ވަނީ އަދި އެއްފަހަރު އަބްދުލްމަޖީދު ބޭބެ އަރިހަށްގޮސް ދަންނަވާށޭ، މިހާރު ހަދަންވީގޮތް ތިމަންނާއަށް އެނގިއްޖެއޭ، އެއީ މިސުންޕާބޮޑު މުސާރައިގެ މައްޗަށް އަބްދުލްމަޖީދު ބޭބެ ތަޚްތަށް އިސްވެވަޑައިގަންނަވަން ވީއެވެ. ތިޔަބަރަކާތްތެރި ކުޑަ މުސާރައާއިގެން ބަނޑޭރިގޭގައި ތިމަން ބައިންދަވަންވީއެވެ. އޭރުން ދެބަސްވުމާއި މިކަހަލަ ހުރިހާ ކަމެއްނެތިދިޔައީއެވެ. ބުއްދިވެރި އަބްދުލްމަޖީދަށް ވިސްނިވަޑައިގަތީ ރިވެތިބަހުން ވަރަށް ހުތުރު އެއްޗެއް ބަންޑާރައިން، ތިމަންނާއަށް ވިދާޅުވިކަމަށެވެ. މައްސަލަ ނިމުނީ ބަންޑާރައިންނަށް އަދި އިހުނަށްވުރެވެސް ތިޔާގިކަން ތަނަވަސްކޮށްދެއްވާ ބޭނުންފުޅު ކޮންމެ އެއްޗަކީވެސް ބަނޑޭރިގޭގައި ހުރިނަމަ މަހާރަދުންނަށް ލިބިވަޑައިގަންނަވާނެ އެއްޗެއްކަމުގެ އުފާވެރި ޚަބަރުންނެވެ.