ރެއާލް މެޑްރިޑުން ވިދާލި ޑީސްޓެފާނޯ އަކީ ވޯލްޑް ކަޕު ކުޅުމުގެ އުފާ ލިބިގަތުމަށް އެންމެ ގިނަ ގައުމުގެ ރައްޔިތުކަން ހޯދި މީހާ އެވެ. އާޖެންޓީނާގެ ރައްޔިތަކަށް ހުރެ 1950 ވަނަ އަހަރުގެ މުބާރާތް ކުޅެން ލިބުނު ފުރުސަތުން އޭނާ މަހުރޫމްވީ އެ މުބާރާތުގައި ކުޅެން އާޖެންޓީނާ ދެކޮޅު ހެދުމުންނެވެ. އަދި ޖެހިގެން އައި މުބާރާތަށް އެ ގައުމު ކޮލިފައި ވެސް ނުވި އެވެ.
އެ ދުވަސްވަރަކީ ފުޓްބޯޅައިގެ މާބޮޑު ގަވާއިދުތަކެއް ނެތް ދުވަސްވަރެކެވެ. ބޭނުން ގައުމަކަށް ކުޅުމުގެ ފުރުސަތު ވެސް އެބައެއްގެ އަތްމައްޗަށް ނުވަތަ ކުޅުންތެރިޔާ އަށް އޮވެ އެވެ. މިހެންވެ ޑީސްޓެފާނޯ ގަސްތު ކުރީ އަވައްޓެރި ކޮލަމްބިއާގެ ރައްޔިތަކަށް ވާށެވެ. އޭނާގެ މޮޅު ކުޅުމުގެ ސަބަބުން ކޮލަމްބިއާގެ ރައްޔިތުކަން ނުހަނު ފަސޭހައިން ލިބުނެވެ. އެ ގައުމުގެ ރައްޔިތުން އޭނާ ބަލައިގަތެވެ. އެކަމަކު ފީފާއިން ވެސް ކަންކަން ތަރުތީބު ކުރަން ފަށާފައިވުމުން ކޮލިފައިންގައި އާޖެންޓީނާ އަށް ކުޅެފައިވާތީވެ ވޯލްޑް ކަޕުގައި އެހެން ގައުމަކަށް ކުޅުމުގެ ހުއްދަ ޑީސްޓެފާނޯ އަށް ނުދޭން ފީފާއިން ނިންމީ އެންމެ ފަހު ވަގުތު އެވެ. މިހެންވެ 1956 ވަނަ އަހަރު ޑީސްޓެފާނޯ ސްޕޭނުގެ ރައްވެހިކަން ހޯދިއެވެ.
އެކަމަކު އޭގެ ދެ އަހަރު ފަހުން އޮތް ވޯލްޑް ކަޕަށް ސްޕޭން ކޮލިފައި ނުވުމުން ޑީސްޓެފާނޯގެ އުއްމީދު ދިގުލައިދިޔަ އެވެ. އެންމެފަހުން 1962 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް އަނިޔާވެ ޑީސްޓެފާނޯ ހުރިހާ އުއްމީދެއް ވިއްސިވިހާލިވި އެވެ.
އެކަމަކު އޭނާ އަކީ ޕެލޭ އާއި މަރަޑޯނާ އަދި މިޝޭލް ޕްލެޓިނީގެ ފަހަތުން 20 ވަނަ ގަރުނުގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އަދި ނިމިދިޔަ ގަރުނުގައި ސްޕޭނު ދުށް އެންމެ މޮޅު ކުޅުންތެރިޔާ ވެސްމެ އެވެ. ރެއާލް މެޑްރިޑަށް ހަތަރު ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ޑީސްޓެފާނޯ އަކީ ސްޕޭނުގެ ތާރީހުގައި ނުވަ ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ފޯވަޑް ވެސް މެއެވެ.
ބާސެލޯނާ އާއި ރެއާލްގެ ވާދަވެރިކަމުގެ ފެށުމަކީ ވެސް އޭނާ
ޑިސްޓެފާނޯ އެންމެ އަކީ 1950ގެ ތެރޭގައި ދެކުނު އެމެރިކާގައި އުފެދުނު އެންމެ ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އެވެ. އޭނާގެ ޖާދޫ ފެނިފައި ޑީސްޓެފާނޯ ލައްވައި ކުޅުވަން އެންމެ ފުރަތަމަ އޭނާ ސްޕޭނަށް ގެންދިޔައީ ބާސެލޯނާއިންނެވެ. ނަމަވެސް 1953 ވަނަ އަހަރު ކޮލަމްބިއާގެ މިލޮނޭރިއަސްގައި ހުރެފައި ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އެކުލަބަށް އޭނާ އަށް ކުޅެވޭގޮތެއް ނުވި އެވެ.
ޑީސްޓެފާނޯ ބާސެލޯނާ އަށް ގެންދިއުމާއެކު ސްޕޭނުގައި އަޑުފެތުރުނީ އާދަޔާހިލާފު މާ މޮޅު ކުޅުންތެރިއަކު ބާސެލޯނާ އަށް ގެންގޮސްފި ކަމަށެވެ. މިކަން ބެލިއިރު މިއީ ތެދަކަށްވުމުން އެހާ މޮޅު ކުޅުންތެރިއަކު ބާސެލޯނާ އަށް ކުޅުމަކީ ރެއާލް މެޑްރިޑަށް ހަޖަމް ކުރެވޭވަރުގެ ކަމަކަށްނުވި އެވެ. އެކުލަބުގެ އިއްޒަތާއި ހައިބަތު މީގެ ސަބަބުން ކުޑަވެދާނެ ކަމަށް ބަލައި މެޑްރިޑުން މިކަމާ ވަރަށް ބޮޑަށް ނުރުހުނެވެ. އަދި މި ދެ ބައިމީހުންގެ މެދުގައި އޮތް ޒަމާންވީ އަދާވާތްތެރިކަމާހެދި ޑީސްޓެފާނޯ ޖަހައިގަތުމުގެ ރޭވުން މެޑްރިޑުން ފެށީ އާރާއި ބާރާއި ނުފޫޒާއެކު ސްޕޭނުގެ މައި ސަރުކާރުގެ ބައިވެރިވުމާއެކުގަ އެވެ.
އެންމެ ފަހުން ޑީސްޓެފާނޯ ބާސެލޯނާ އަށް ގެންދިޔައީ ފީފާ އަށް އެނގުމެއްނެތި ކަމަށް ތުހުމަތުކޮށް އެބަދަލު ބަލައިނުގަންނަން ސްޕޭނުގެ ސަރުކާރުން ނިންމި އެވެ. ސްޕޭން ސަރުކާރުގެ މައި މަރުކަޒަކީ ރެއާލް މެޑްރިޑް ނިސްބަތްވާ މެޑްރިޑް ސަރަހައްދެވެ. މި ނިންމުމަށްފަހު މެޑްރިޑުގެ އަޑީގައި އޮވެ ޑީސްޓެފާނޯ ބާސެލޯނާއާއެކު ފަރިތަކުރުން ވެސް ހުއްޓުވި އެވެ. އަދި ފުޓްބޯޅަ ކުޅެން ބޭނުންވާނަމަ މިވަގުތު އެކަން މެޑްރިޑުގައި ފަހިވެފައި އޮތްކަމަށް ބުނެ ކުޅުންތެރިޔާ މެޑްރިޑަށް ގެންދިޔަ އެވެ. އެއަށްފަހު މާގިނަ ދުވަހެއްނުވެ ރެއާލް މެޑްރިޑުން ޑީސްޓެފާނޯ އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ދަނޑަށް ނެރުނެވެ.
ރެއާލް މެޑްރިޑުން ޑީސްޓެފާނޯއާ ހެދި ގަދަ ދައްކަން ފެށުމުން އޭނާ ލައްވައި ބާސެލޯނާއިން ޕްރީ ކޮންޓްރެކްޓެއްގައި ވެސް ސޮއި ކުރުވި އެވެ. ނަމަވެސް އެ ދުވަސްވަރަކީ ދުނިޔޭގެ ފުޓްބޯޅައިގައި ހާއްސަކޮށް އެއް ކުލަބުން އަނެއް ކުލަބަކަށް ކުޅުންތެރިން ބަދަލުވުމުގެ ގަވާއިދުތަކެއް ހެދިފައި ނެތް ދުވަސްވަރަކެވެ. މީގެ އެޑްވާންޓޭޖް ނަގައި ސްޕޭނުގެ ސަރުކާރުން ބާސެލޯނާގެ އެއްވެސް ހުށަހެޅުމެއް ބަލައި ނުގަތެވެ.
އެންމެ ފަހުން ޑީސްޓެފާނޯވީ ރެއާލް މެޑްރިޑްގެ ތާރީހުގައި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަށެވެ. ޔޫރަޕުގެ ތަށި ފަސް ފަހަރު ހޯދައިދިނުމަށްފަހު 1982 އިން 1984 އަށް އެކުލަބަށް ކޯޗުކަން ވެސް ކޮށްދިނެވެ. ފަހުން ކުލަބުގެ އެމްބެސެޑަރެއްގެ ގޮތުގައި ދެއްކީ ވެސް އޭނާ އެވެ. މިއީ ވެސް ބާސެލޯނާ އަށް ޖެއްސުން ކުރުމުގެ އަމަލެކެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ޒަމާންވީ ޒާތީ ވާދަވެރިކަމުގެ އެންމެ މުހިންމު އެއް ފެށުމަކީ ވެސް ޑީސްޓެފާނޯ މެޑްރިޑުން ޖަހައިގަތުމެވެ.
އޭނާ ނިޔާވީ 7 ޖުލައި 2014 ވަނަ އަހަރު އުމުރުން 88 އަހަރުގަ އެވެ.