ޣައްޒާ ހިފުމަށް އިސްރާއީލުން ދެމުންދާ ހަމަލާތައް

  • އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދޭން ފަށައިފި
  • ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ވީ އެއްބަސްވުން ނިމުމަކަށް އައިސް ހަމަލާ ބަދަލުކުރުންތައް އަލުން ފަށައިފި
  • އިތުުރު ގައިދީން ތަކެއް މިއަދު ދޫކޮށްލާނެ ކަމަށް އިސްރާއީލުން ބުނެފި
 
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް ޣައްޒާއަށް ދޭން ފަށައިފި

ހަމަލާ ބަދަލުކުރުން 7 ދުވަހަށް މެދުކަނޑާލުމަށްފަހު ހަމަލާތައް ދޭން މިއަދު ފަށާފައިވާއިރު ޣައްޒާގެ އުތުރުގައި ފަލަސްތީނުގެ ހަނގުރާމަވެރިންނާއި އިސްރާއީލު އަސްކަރިއްޔާ އާ ދެމެދު ހަމަލާ ބަދަލުކުރުންތައް ކުރިޔަށްދާކަމަށް ރިޕޯޓްތައް ބުނެއެވެ.

އަލް ޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެންޓްރަލް ޣައްޒާ ސްޓްރިޕްގައި އިސްރާއީލުގެ ޓޭންކުތަކުން އަންނަނީ ހަމަލާތައް ދެމުންނެވެ. މީގެއިތުރުން ވައިގެ މަގުންވެސް ހަމަލާތަކެއް ދީފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

1 ޑިސެންބަރ 2023 | ހުކުރު 10:40
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ވީ އެއްބަސްވުން ނިމުމަކަށް އައިސް ހަމަލާ ބަދަލުކުރުންތައް އަލުން ފަށައިފި

އިސްރާއީލާއި ހަމާސް އާ ދެމެދު ހަމަލާތައް ބަދަލުކުރުން މެދުކަނޑާލަން އެއްބަސްވީ ނިމުމަކަށް އައިސް ހަމަލާ ދޭން ފަށައިފިއެވެ.

މީޑިޔާ ރިޕޯޓްތައް ކުރިން ބުނެފައިވާ ގޮތުގައި ހަމަލާ ބަދަލުކުރުންތައް އިތުރު އެއް ދުވަހަށް މެދުކަނޑާލަން ދެ ފަރާތުން ވަނީ އެއްބަސްވެފައެވެ. ނަމަވެސް އެއްބަސްވުމުގެ ގަޑި ހަމަވިއިރު އެއްވެސް ފަރާތަކުން ރަސްމީކޮށް އެކަމާއި ގުޅޭގޮތުން ބަހެއް ނުބުނެއެވެ.

އިސްރާއީލުން ބުނެފައިވަނީ ޣައްޒާއަށް އަލުން ހަމަލާދޭން ފަށާފައިވާކަމަށެވެ. އެއީ ޣައްޒާއިން އިސްރާއީލަށް ރޮކެޓް ހަމަލާތަކެއް އަމާޒުކުރުމާއި ގުޅިގެންކަމަށެވެ. އަނެއްކޮޅުން ޣައްޒާގެ އުތުރުގައި ހަމަލާ ބަދަލުކުރުންތަކުގެ އަޑު އިވެމުންދާކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

1 ޑިސެންބަރ 2023 | ހުކުރު 10:17
Writer Profile Picture
އަހްމަދު ދާއޫދު
އިތުުރު ގައިދީން ތަކެއް މިއަދު ދޫކޮށްލާނެ ކަމަށް އިސްރާއީލުން ބުނެފި

އިސްރާއީލުގެ މަސްދަރުތަކާ ހަވާލާދީ އޭއެފްޕީން ބުނީ ހަނގުރާމައިގެ އެއްބަސްވުމުގެ ދަށުން ފަލަސްތީނުގެ 42 ގައިދީންނާއި ޣައްޒާގައި ތިބި 14 ގައިދީން މިއަދު ދޫކޮށްލާނެ ކަމަށެވެ.

25 ނޮވެންބަރ 2023 | ހޮނިހިރު 13:56
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ޖަލުތަކުގައި ތިބި ފަލަސްތީނުގެ 39 މީހުން ދޫކޮށްލައިފި

ހަމާސް އާއި އިސްރާއީލާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އިސްރާއީލު ޖަލުތަކުގައި ތިބި 39 މީހުން މިރޭ ދޫކޮށްލައިފިއެވެ.

މިރޭ ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންނެވެ. އެމީހުން ދޫކޮށްލުމާއި ގުޅިގެން ފަލަސްތީނުގައި އަންނަނީ އުފާފާޅުކުރަމުންނެވެ.

25 ނޮވެންބަރ 2023 | ހޮނިހިރު 03:54
Writer Profile Picture
އަހްމަދު ދާއޫދު
ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި އިސްރާއީލުން ދިން ހަމަލާއަށްފަހު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލްޖަޒީރާ އަރަބިކް އިން އެކްސްގައި އާންމުކޮށްފައިވާ ވީޑިއޯ ކްލިޕެއްގައި ފެންނަ ގޮތުގައި ޣައްޒާގެ އިންޑޮނޭޝިއާ ހޮސްޕިޓަލް ކައިރީގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގަމުންދާއިރު، ފަހަތުން ބާރު ގަދަ ގޮވުންތަކެއް އިވެމުން ދިޔަ އެވެ.

އެ ޕޯސްޓުގައި ވާގޮތުން އިސްރާއީލު ސިފައިން ޣައްޒާގެ އުތުރުގެ ސަރަހައްދަށާއި އިންޑޮނޭޝިއާ ހޮސްޕިޓަލްގެ ކައިރީގައި ބޮން އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެ ހޮސްޕިޓަލް މިހާރުވެސް ވަނީ ހިދުމަތުން ނެއްޓިފައި ކަމަށާއި ނަމަވެސް އަދިވެސް ގެދޮރު ދޫކޮށް ގޮސްފައިވާ ފަލަސްތީނު މީހުންނަށް އެ ހޮސްޕިޓަލުން ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އަދި އިޒްރޭލުގެ ޓޭންކްތައް އެ ހޮސްޕިޓަލް ހުންނަ ސަރަޙައްދަށް ޖަމާކުރަމުން އަންނަ ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓްކުރެއެވެ.

20 ނޮވެންބަރ 2023 | ހޯމަ 06:07
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރުގެ ގިނަ ތަންތަނަށް އަމާޒުކޮށް އިސްރާއީލުން އަންނަނީ ހަމަލާތައް ދެމުން

އިސްރާއީލުން މިރޭވެސް ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް އަމާޒުކޮށް ހަމަލާދެމުންދާއިރު އިންޑޮނޭޝިއަން ހޮސްޕިޓަލު ވަށައިގެންވާ ސަރަހައްދަށްވެސް ހަމަލާތައް ދެމުން އަންނަ ކަމަށް ފަލަސްތީނިއަން ސްޓޭޓް ނިއުސް އެޖެންސީ ވަފާއިން ބުނެއެވެ.

މިހަމަލާތަކުގައި ފުރާނަ ގެއްލިގެންދިޔަ މީހުންނާއި ޒަޚަމްވި މީހުންގެ މައުލޫމާތެއް ސާފެއް ނޫނެވެ. އުތުރުގެ ހުރިހާ ހޮސްޕިޓަލުތަކާއި މުވާސަލާތީ ގުޅުން ވަނީ ކެނޑިފައެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 05:07
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުގެ ވަރުގަދަ ހަމަލާތަކެއް މިހާރު އަންނަނީ ހުޅަނގު އައްސޭރިއަށް އަމާޒުކުރަމުން

އިސްރާއީލުން ހުޅަނގު އައްސޭރިއަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުން އަންނަކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

މިހާތަނަށް މިހަމަލާތަކުގައި ފަސް މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ބުނެފައިވެއެވެ. ޑްރޯން ހަމަލާތައް ފަތަހަ މޫވްމަންޓްގެ ހެޑް ކުއަރޓަރ އަށް އަމާޒުކޮށްފައިވާކަމަށްވެސް ބުނެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 05:05
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގައި ފީލްޑް ހޮސްޕިޓަލްތަކެއް ގާއިމުކުރަން ބޭނުންވާކަން ޑަބްލިޔުއެޗްއޯއިން ހާމަކޮށްފި

ޣައްޒާގައި ފީލްޑް ހޮސްޕިޓަލްތަކެއް ގާއިމުކުރަން ބޭނުންވާކަމަށް ފަލަސްތީނަށް ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާ ރެޕްރެޒެންޓޭޓިވް ރިޗަރޑް ޕީޕަރކޮން ބުނެފިއެވެ.

ހަނގުރާމަ ފެށުނުއިރު ޣައްޒާގައި 3500 އެނދު ހޮސްޕިޓަލުތަކުގައި ހުރިއިރު މިހާރު ސަލާމަތުން ހުރީ 1400 އެނދެވެ. ދުވާލަކު 50 އާއި 60 އާ ދެމެދު ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހުން ހޮސްޕިޓަލުތަކަށް ގެނެއެވެ. ވީއެންމެ އަވަހަކަށް އެންމެ ހާލަތު ގޯސް ބަލި މީހުން މިސްރަށް ބަދަލުކުރަންޖެހޭކަމަށް ރިޗަރޑް ބުންޏެވެ.

ފީލްޑް ހޮސްޕިޓަލު ގާއިމުކުރުމަށް އިސްރާއީލުން އެއްބަސްވެފައިވާކަމެއް ރިޗަރޑް ނުބުނެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 03:07
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން ޣައްޒާގައި ހިންގާ އޮޕަރޭޝަން ދެކުނަށް ފުޅާކުރަނީ

އިސްރާއީލުން ޣައްޒާ ހިފުމަށް އެއްގަމު މަގުން ހިންގާ އޮޕަރޭޝަން ދެކުނަށް ފުޅާކުރާނެކަމަށް އިސްރާއީލު އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފު ބުނެފިއެވެ.

ޣައްޒާގެ އުތުރުގައި އޮތް ހަމާސްގެ އަސްކަރީ ބާރު ނައްތާލުމާއި ގާތަށް އާދެވިފައިވާކަމަށާއި އެހެންކަމުން އެހެން ހިސާބުތަކަށް ހަމަލާތައް ދޭން ފަށާނެކަމަށް ވަނީ ބުނެފައެވެ.

އުތުރުގައި ހަނގުރާމަވެރިންނާއި އިސްރާއީލު އަސްކަރިއްޔާ އާ ދެމެދު ހަމަލާތައް ބަދަލުކުރަމުންދާއިރު ބުރާސްފަތި ދުވަހު އިސްރާއީލު އަސްކަރިއްޔާއިން ވަނީ ދެކުނަށް ލީފްލެޓްތަކެއް އަޅާފައެވެ. އޭގައި ބުނެފައިވަނީ ޚާން ޔޫނުސްގައި އުޅޭ އެތަން ދޫކޮށްދިޔުމަށެވެ.

އެކަމާއި ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޣައްޒާގައި ރައްޔިތުންނަށް އަމާން އެއްވެސް ތަނެއް ނެތެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 03:02
Writer Profile Picture
އާއިޝަތު ޝިއުރާ
އައް ޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދުވަސްނުފުރާ ވިހެއި ކުޑަކުދިންގެ ތެރެއިން 4 ކުއްޖެއް ނިޔާވެއްޖެ

އައް ޝިފާ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ދުވަސްނުފުރާ ވިހެއި ކުޑަކުދިންގެ ތެރެއިން އިތުރު ހަތަރު ކުއްޖެއް ނިޔާވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މީގެއިތުރުން ފަސް ކުއްޖެއްގެ ހާލަތު ވަރަށް ގޯސްކަމަށްވެސް ބުނެފައިވެއެވެ. ޝިފާ ހޮސްޕިޓަލުގައި މަސައްކަތްކުރާ ސިއްހީ މަސައްކަތްތެރިން ބުނާގޮތުގައި ތެލާއި އޮކްސިޖަން އާ ނުލާ އިންކިޔުބޭޓަރުގައި ތިބި ތުއްތުކުދިންގެ ފުރާނަ ސަލާމަތްކުރުމަކީ ނާދިރުކަމެއްކަމަށެވެ.

އިސްރާއީލުން އައް ޝިފާ ހޮސްޕިޓަލަށް ވަދެގަތްއިރު އެހޮސްޕިޓަލުގައި ދުވަސްނުފުރާ ވިހާފައިވާ 39 ކުއްޖަކަށް ފަރުވާދެމުން ގޮސްފައިވެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:48
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީގައި އަދިވެސް އަށް ލައްކަ މީހުން އުޅެމުންދޭ

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެންމެ ބޮޑަށް އަމާޒުކޮށްފައިވާ ޣައްޒާގެ އުތުރާއި ޣައްޒާ ސިޓީގައި އަދިވެސް 807،000 މީހުން ދިރިއުޅެމުންދަކަމަށް އަންދާޒާކުރެވޭކަމަށް ފަލަސްތީނިއަން ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް އިން ބުނެފިއެވެ.

ހަނގުރާމަ ފެށުނުއިރު އެ ދެ ސަރަހައްދުގައި 1.2 މިލިއަން މީހުން ދިރިއުޅެމުން ދިޔައެވެ. ނަމަވެސް ހަނގުރާމައާ ހެދި ހާލަތު ގޯސްވަމުންދާތީ އެއްބަޔަކު މިހާރު ވަނީ ދެކުނަށް ބަދަލުވެފައެވެ. ނަމަވެސް އިސްރާއީލުން މިހާރު އަންނަނީ ދެކުނަށް އަމާޒުކޮށްވެސް ގިނަ ހަމަލާތަކެއް ދެމުންނެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:37
Writer Profile Picture
އާއިޝަތު ޝިއުރާ
ދުވާލަކު ދެ ޓްރަކުގެ ތެޔޮ ޣައްޒާއަށް އެތެރެކުރުމަށް އިސްރާއީލުން އެއްބަސްވެއްޖެ

އިސްރާއީލުން ޣައްޒާއަށް ހަމަލާދެމުންދާތާ 41 ދުވަސްވެފައިވާއިރު ޣައްޒާއަށް އެއްގޮތަކަށްވެސް ތެޔޮ އެތެރެކުރުން އިސްރާއީލުން ވަނީ މަނާކޮށްފައެވެ.

ނަމަވެސް އިސްރާއީލުގެ މީޑިޔާތަކުން މިއަދު ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު ހަނގުރާމައާ ގުޅޭ ކެބިނެޓުން ވަނީ ދުވާލަކު ދެ ޓްރަކުގެ ތެޔޮ ޣައްޒާއަށް އެތެރެކުރުމަށް ނިންމާފައެވެ.

ޣައްޒާއަށް ތެޔޮ އެތެރެކުުރުމަށް އިސްރާއީލުން އެއްބަސްވެފައިމިވަނީ އެމެރިކާއިން އެދުމުންކަމަށް ރިޕޯޓްތައް ބުނެއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:30
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާގެ ބައެއް ހިސާބުތަކަށް މުވާސަލާތީ ޚިދުމަތް އަލުން ދޭން ފަށައިފި

ޔޫއެންއާރުޑަބްލިޔުއޭ އިން މިއަދު ފޯރުކޮށްދިން ތެލާއެކު ފަލަސްތީނިއަން ޓެލެކޮމް ފަރމުން ޣައްޒާގެ ބައެއް ހިސާބުތަކަށް މުވާސަލާތީ ޚިދުމަތް އަލުން ދޭން ފަށައިފިއެވެ.

ޕަލްޓެލް އިން ބުނި ގޮތުގައި މިއަދު ލިބުނު ތެލާއެކު އެކުންފުނީގެ މައި ޖަނަރޭޓަރުތައް މިހާރު ހިނގަމުންދާކަމަށާއި ނަމަވެސް މުވާސަލާތީ ޚިދުމަތް މެދުނުކެނޑި ދިނުމަށް ޣައްޒާގެ ތެރެއަށް ތެޔޮ ގަވާއިދުން އެތެރެވާން ޖެހޭކަމަށެވެ.

ފާއިތުވި 24 ގަޑިއިރު ޣައްޒާގައި ވަނީ މުވާސަލާތީ ގުޅުން މެދުކެނޑިފައެވެ. އެހެންކަމުން ގިނަ މީހުން ބޭނުންކުރަނީ އީސިމްއެވެ.

18 ނޮވެންބަރ 2023 | ހޮނިހިރު 02:24
Writer Profile Picture
އާއިޝަތު ޝިއުރާ
އައް ޝިފާ ހޮސްޕިޓަލުގައި ކުރިޔަށްގެންދާ އޮޕަރޭޝަން ހުއްޓާނުލާނެކަމަށް އިސްރާއީލުން ބުނެފި

ހަމާސްގެ ކޮމާންޑަރު ސެންޓަރު އައް ޝިފާ ހޮސްޕިޓަލުގައި ހުރިކަމަށް ބުނެ އައް ޝިފާ ހޮސްޕިޓަލުގައި އިސްރާއީލު އަސްކަރިއްޔާއިން ކުރިޔަށްގެންދާ އޮޕަރޭޝަން އެގޮތުގައި ކުރިޔަށްގެންދާނެކަމަށް އިސްރާއީލު އަސްކަރިއްޔާއިން ބުނެފިއެވެ.

އައް ޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ހަނގުރާމަވެރިން ތިބިކަމަށާއި އެތަނުގެ ހަމާސްގެ ޓަނަލުތައް ހުންނަކަމަށް އިސްރާއީލު އަސްކަރިއްޔާއިން އަންނަނީ ބުނަމުންނެވެ.

ނަމަވެސް މިހާތަނަށް އެމީހުން ދައްކަމުން އަންނަ އެއްވެސް ވާހަކައެއްގެ ހެއްކެއް ދެއްކިފައެއްނުވެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 09:17
Writer Profile Picture
އާއިޝަތު ޝިއުރާ
ޖެނިން ރެފިޔުޖީ ކޭމްޕްގައި ހުރި ހޮސްޕިޓަލެއް ހުސްކުރުމަށް އިސްރާއީލުން އަންގައިފި

ޖެނިން ރެފިޔުޖީ ކޭމްޕުގައި ހުންނަ އިބުނު ސިނާ ހޮސްޕިޓަލު ހުސްކުރުމަށް އިސްރާއީލު ސިފައިން އަންގައިފިއެވެ.

އިސްރާއީލުން ވަނީ ދެ ޕެރެމެޑިކްސް ހައްޔަރުކޮށްފައެވެ. އިސްރާއީލު ސިފައިން ވަނީ މިހޮސްޕިޓަލު ވަށާލާފައެވެ. އަދު އެމްބިޔުލަންސްތައް ބަލާފައިވާއިރު ލައުޑް ސްޕީކަރުން އަންނަނީ ހޮސްޕިޓަލު ހުސްކުރުމަށް ގޮވާލަމުންނެވެ.

17 ނޮވެންބަރ 2023 | ހުކުރު 09:12
Writer Profile Picture
އާއިޝަތު ޝިއުރާ
ފާއިތުވި 24 ގަޑިއިރުގެ އުސްއަލިތައް:

- އައް ޝިފާ ހޮސްޕިޓަލުގައި އިސްރާއީލުން ހިންގަމުން އަންނަ ރެއިޑް އަދިވެސް ކުރިޔަށްދާއިރު ހޮސްޕިޓަލުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަމަށް އެހޮސްޕިޓަލުން ބުނޭ

- ޣައްޒާގެ ޓެލެކޮމިޔުނިކޭޝަން ފަރމުން ބުނެފައިވަނީ ތެޔޮ ނެތުމުގެ ސަބަބުން ޣައްޒާއަށް މުވާސަލާތީ ޚިދުމަތްދެން ނުދެވޭނެކަމަށް

- ޣައްޒާގައި އުތުރުގައި ހުންނަ އިންޑޮނޭޝިއަން ހޮސްޕިޓަލުން ދެން އިތުރަށް ޚިދުމަތް ނުދެވޭނެކަމަށް އެހޮސްޕިޓަލުން ބުނެފި

- ހަނގުރާމައިން ނަސްރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހަމާސްގެ ވެރިޔާ އިސްމާއީލު ހަނިއްޔާ ބުނެފި

- ހުޅަނގު އައްސޭރީގައި ހުންނަ ޖެނިން ރެފިޔުޖީ ކޭމްޕުގައި އިސްރާއީލުން އަނެއްކާވެސް ރެއިޑް ކުރިޔަށް ގެންގޮސްފި

- އައް ޝިފާ ހޮސްޕިޓަލާއި ކައިރީގައި ހުރި އިމާރާތަކުން ހަމާސްގެ އަތްދަށުގައި ހުރި އަސީރަކު މަރުވެފައި އޮއްވާ ފެނިފައިވަކަމަށް އިސްރާއީލުން ބުނެފި

- މުވާސަލާތީ ޚިދުމަތް ޣައްޒާގައި އެއްކޮށް މެދުކެނޑިފައިވުމުން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުމަކީ މިހާރު ވަރަށް ނާދިރު ކަމެއްކަމަށް އދ ރެފިޔުޖީންނާ ބެހޭ ފަލަސްތީނު ގޮފިން ބުނެފި

- އައް ޝިފާ ހޮސްޕިޓަލުގެ ތެރޭގައި މަރުވެފައި ވަޅުލެވޭނެ ގޮތެއްނެތް އެތައް ހަށިތަކެއް އިސްރާއީލުން ގެންގޮސްފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފި

17 ނޮވެންބަރ 2023 | ހުކުރު 05:33
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލުން އަނެއްކާވެސް ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް ބޮން އަޅަން ފަށައިފި

އިސްރާއީލުން އަނެއްކާވެސް ޖަބާލިޔާ ރެފިޔުޖީ ކޭމްޕަށް ބޮން އަޅަން ފަށާފައިވާކަމަށް އަލްޖަޒީރާއިން ރިޕޯޓްކޮށްފިއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ މި ރެފިޔުޖީ ކޭމްޕަކީ އިސްރާއީލުގެ ހަމަލާތައް ކޮންމެ ދުވަހަކުހެން އަމާޒުކުރަމުން އަންނަ ކޭމްޕެކެވެ. މިހަމަލާތަކުގައި އެތައް ބަޔެއްގެ ފުރާނަ ގެއްލިފައިވާކަމަށާއި އިމާރާތްތަކުގެ ދަށުގައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތްކުރަމުން އަންނަ އަލް ޖަޒީރާއިން ބުނެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 05:26
Writer Profile Picture
އާއިޝަތު ޝިއުރާ
ޣައްޒާއިން ތެޔޮ ހުސްވެ މުވާސަލާތީ ގުޅުން ކެނޑިފައިވާތީ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި

ޣައްޒާއިން ތެޔޮ ހުސްވެ މުވާސަލާތީ ގުޅުން އެއްކޮށް މެދުކެނޑިފައިވާތީ ބައިނަލްއަގްވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

އެގޮތުން މީޑިޔާ ރައިޓް ގްރޫޕު ތަކުން ޣައްޒާގެ ތެރޭގައި ވާނުވާ ނޭންގޭތީ އާއި ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށްދީފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ. އަދި ވީއެންމެ އަވަހަކަށް ޣައްޒާއަށް ތެޔޮ އެތެރެކުރުމަށް ވަނީ އެދިފައެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:22
Writer Profile Picture
އާއިޝަތު ޝިއުރާ
ޚާން ޔޫނުސް އަށް އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލައިފި

ޚާން ޔޫނުސްގެ އިރުމައްޗަށް ދިން އިސްރާއީލުން ވައިގެ މަގުން ދިން ހަމަލާތަކުގައި 10 މީހުން ޝަހީދުކޮށްލާފައިވާކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ޝަހީދުވި މީހުންގެ ތެރޭގައި ކުޑަ އަންހެންކުއްޖަކާއި ތުއްތުކުއްޖެއްވެސް ހިމެނެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:18
Writer Profile Picture
އާއިޝަތު ޝިއުރާ
ނަސްރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހަމާސްގެ ވެރިޔާ ބުނެފި

އިސްރާއީލުން ޣައްޒާ ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ހަމާސް އަށް ނަސްރު ލިބޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށް ހަމާސްގެ ވެރިޔާ އިސްމާއީލު ހަނިއްޔާ ބުނެފިއެވެ.

ހަނިއްޔާ ބުނީ އިސްރާއީލުން ބޭނުންވަނީ ހަނގުރާމަ ދިގުދަންމަން ކަމަށްވާނަމަ އެކަމަށްވެސް ތައްޔާރުކަމަށާއި އެކަމުގެ ގާބިލުކަން އެބަހުރިކަމަށެވެ. ހަނިއްޔާ ބުނީ ފަލަސްތީނުގެ ރައްޔިތުން އިސްރާއީލުގެ ޕްލޭންތައް ނާކާމިޔާބުކޮށްލާފައިވާކަމަށެވެ.

އިސްރާއީލަށް ޣައްޒާގައި ހާސިލުކުރަން ބޭނުންވާ އެއްވެސް ކަމެއް ހާސިލުނުވާކަމަށާއި އަސީރުންވެސް މިނިވަންކޮށްގެން ނުގެންދެވޭކަމަށް ހަނިއްޔާ ބުންޏެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:14
Writer Profile Picture
އާއިޝަތު ޝިއުރާ
ހަމާސްގެ އަތްދަށުގައި ހުރި އަސީރެއް މަރުވެފައި އޮއްވާ ފެނިފައިވާކަމަށް އިސްރާއީލުން ބުނެފި

ހަމާސްގެ އަތްދަށުގައި ހުރި އަސީރެއް އައްޝިފާ ހޮސްޕިޓަލާއި ކައިރީގައި ހުރި އިމާރާތެއްގައި މަރުވެފައި އޮއްވާ ފެނިފައިވާކަމަށް އިސްރާއީލުން ބުނެފިއެވެ.

އިސްރާއީލު އަސްކަރިއްޔާގެ ސްޕޯކްސްމަން ބުނީ މަރުވެފައި އޮއްވާ ފެނުނީ އުމުރުން 60ގެ އަހަރުތައް ގުނަމުންދާ އަންހެނެއްކަމަށެވެ. އެމީހާ މަރުވީ ކިހިނެއްކަމެއް އިސްރާއީލުން ބުނެއެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:09
Writer Profile Picture
އާއިޝަތު ޝިއުރާ
އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން ފަލަސްތީނުގެ 2760 ރައްޔިތުން އިސްރާއީލުން ހައްޔަރުކޮށްފި

އޮކްޓޯބަރ މަހުގެ 7 ވަނަ ދުވަހުގެ ފަހުން މިހާތަނަށް އިސްރާއީލުން ފަލަސްތީނުގެ 2760 ރައްޔިތުން ހައްޔަރުކޮށްފައިވާކަމަށް ފަލަސްތީނިއަން ޕްރިޒަނަރސް ސޮސައިޓީން ބުނެފިއެވެ.

މީގެތެރޭގައި ހިމެނެނީ އެމީހުންގެ ގެތަކުގައި ތިއްބާ ގޮސް ހައްޔަރުކުރި މީހުންނާއި، ޗެކް ޕޮއިންޓްތަކުން ހައްޔަރުކުރި މީހުންނާއި ހައްޔަރުވާން މަޖުބޫރުކޮށްގެން ހައްޔަރުކޮށްފައިވާ މީހުންނެވެ.

17 ނޮވެންބަރ 2023 | ހުކުރު 03:06
Writer Profile Picture
އާއިޝަތު ޝިއުރާ
ނަތަންޔާހޫ އިސްތިއުފާ ދިނުމަށް އިދިކޮޅު ލީޑަރު ޔައިރު ލަޕިޑު ގޮވާލައިފި

އިސްރާއީލުގެ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އިސްތިއުފާ ދިނުމަށް އިދިކޮޅު ލީޑަރު ޔައިރު ލަޕިޑު ގޮވާލައިފިއެވެ.

މިއީ ހަނގުރާމަ ފެށި ފަހުން އިސްރާއީލުގެ އިދިކޮޅު މީހަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި ނަތަންޔާހޫ އިސްތިއުފާ ދިނުމަށް ގޮވާލި ފުރަތަމަ ފަހަރެވެ.

ލަޕިޑު ބުނީ އިސްރާއީލު ސަރުކާރު ނުހިނގާކަމަށާއި ނަތަންޔާހޫ އަށް ބޮޑުވަޒީރުކަމުގައި ނުހުރެވޭނެކަމަށެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 05:08
Writer Profile Picture
އާއިޝަތު ޝިއުރާ
ޝިފާ ހޮސްޕިޓަލުގެ ދެ އިންޖިނިއަރުން އިސްރާއީލުން ހައްޔަރުކޮށްފި

އިސްރާއީލުން އައް ޝިފާ ހޮސްޕިޓަލަށް ވަދެގަނެ ހިންގަމުންދާ ޖަރީމާތަކުގައި އެ ހޮސްޕިޓަލުގެ ދެ އިންޖިނިއަރުން ހައްޔަރުކޮށްފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ދެ މީހުންވެސް ހައްޔަރުކޮށްފައިވަނީ ހޮސްޕިޓަލުގައި ތިއްބައެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 02:10
Writer Profile Picture
އާއިޝަތު ޝިއުރާ
އިސްރާއީލު އަސްކަރިއްޔާގެ އަމާޒު މިހާރު ހުރީ ޣައްޒާގެ ދެކުނަށް

އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިސްރާއީލު އަސްކަރިއްޔާގެ އަމާޒު މިހާރު ހުރީ ޣައްޒާގެ ދެކުނަށެވެ.

އެގޮތުން ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް އަށް އަމާޒުކޮށް އިސްރާއީލުން ގިނަ ހަމަލާތަކެއް ދެމުްނ އަންނަކަމަށް ވަނީ ބުނެފައެވެ. އިސްރާއީލުން އަންނަނީ ޣައްޒާގެ ދެކުނަށް އިތުރަށް ވަނުމަށް މަސައްކަތްކުރަމުންނެވެ.

ޣައްޒާގެ އުތުރުގައި އުޅޭ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ދެކުނަށް ބަދަލުވެފައެވެ. އަދި އިސްރާއީލުން ބުނެފައިވާ ގޮތުގައި ޣައްޒާގެ ދެކުނަކީ ރައްކާތެރި ސަރަހައްދެވެ.

16 ނޮވެންބަރ 2023 | ބުރާސްފަތި 02:07