ކޮވިޑް-19: އެންމެ ފަހުގެ

18,747,118
  • ކޮވިޑް-19: މުސާރަ ކުޑަކުރަން އެއްބަސްވި ކުޅުންތެރިންނަށް ލީޑްސްއިން ފަހުން ބޯނަހެއް ދެނީ
  • ޗައިނާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަނީ!
  • ލައިސަންސް އަދި ރަޖިސްޓްރޭޝަންގެ ބައެއް ޚިދުމަތްތައް މި ހަފުތާގައި ދޭން ޓްރާންސްޕޯޓުން ނިންމައިފި
 
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: މުސާރަ ކުޑަކުރަން އެއްބަސްވި ކުޅުންތެރިންނަށް ލީޑްސްއިން ފަހުން ބޯނަހެއް ދެނީ

މުސާރަ ކުޑަކުރަން އެއްބަސްވި ލީޑްސް ޔުނައިޓެޑްގެ ކުޅުންތެރިންނަށް އަލުން ސީޒަން ފެށުމުން ބޯނަހެއް ދޭން އެ ކްލަބުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ލީޑްސް އަކީ ކުޅުންތެރިންގެ މުސާރަ ކުޑަކުރަން އެއްބަސްވުމަކަށް އައި އިނގިރޭސި ފުރަތަމަ ކްލަބެވެ. ލީޑްސް މި ވަގުތު އޮތީ އިނގިރޭސި ދެވަނަ ޑިވިޝަނުގެ އެއްވަނައިގަ އެވެ.

މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާނެ މާލީ ދަތިތަކުން އަރައިގަތުމަށް، ލީޑްސްގެ ކުޅުންތެރިންގެ އިތުރުން ކްލަބުގެ ކޯޗު މާސެލޯ ބިއެލްސާ އާއި އެހެނިހެން ބައެއް މުވައްޒަފުން ވެސް ވަނީ މި މުއްދަތުގައި މުސާރައިން ދެބައި ކުޅަ އެއް ބައި ކުޑަކޮށްފައެވެ.

12 އޭޕްރިލް 2020 | އާދީއްތަ 14:06
Writer Profile Picture
ޒިހްނަތު ހަސަން
ޗައިނާގައި ކޮވިޑް-19 ޖެހިގެން ރިޕޯޓުކުރާ މިންވަރު އިތުރުވަނީ!

ޗައިނާގައި ކޮވިޑް-19 ޖެހޭ މީހުންގެ ނިޞްބަތް ކޮންޓްރޯލްވުމަށްފަހު، އަނެއްކާ ވެސް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އިތުރުވަމުން އަންނަ ކަމަށް އެޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 12:54
Writer Profile Picture
ޒިހްނަތު ހަސަން
ލައިސަންސް އަދި ރަޖިސްޓްރޭޝަންގެ ބައެއް ޚިދުމަތްތައް މި ހަފުތާގައި ދޭން ޓްރާންސްޕޯޓުން ނިންމައިފި

ސަރުކާރު ބަންދުކޮށްފައިވީ ނަމަވެސް ޓްރާންސްޕޯޓް އޮތޯރިޓީން ދެމުން އަންނަ ބައެއް ޚިދުމަތްތައް ދިނުމަށް އެ އޮތޯރިޓީން ނިންމައިފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 12:42
Writer Profile Picture
ޒިހްނަތު ހަސަން
ސަރުކާރު ބަންދުނަމަވެސް އެކްސްޕެޓް އޮންލައިން ސިސްޓަމުންދޭ ބައެއް ޚިދުމަތްތައް ދެމުންދާނެ: މިނިސްޓްރީ

ސަރުކާރު ބަންދުނަމަވެސް އެކްސްޕެޓް އޮންލައިން ސިސްޓަމުންދޭ ބައެއް ޚިދުމަތްތައް ދެމުންދާނެ ކަމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓުން ބުނެފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 12:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޕާކިސްތާނުން 86 މަރު

ޕާކިސްތާނުން ކޮވިޑް-19 ރޯގާގައި މަރުވީ މީހުންގެ ޢަދަދު 86 އަށް އަރައިފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 12:35
Writer Profile Picture
ޒިހްނަތު ހަސަން
ވަރުންގެ ގާތް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވުމުން އޭނާ ކަންބޮޑުވުން ފާޅުކޮށްފި

ބޮލީވުޑްގެ ފިލްމީތަރި، ވަރުން ދަވަންގެ ގާތް އަދި ކުޑައިރުގެ ރަޙުމަތްތެރިއެއް ކަމަށްވާ ޒޯއާ މޮރާނީ ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން, ވަރުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:51
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުސޫލު ޢާންމުކޮށްފި

ކޮވިޑް-19 ރޯގާއާ ގުޅިގެން އިޢުލާނުކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ދައުލަތުގެ އިދާރާތައް ބަންދުކޮށްފައި ހުންނަ މުއްދަތުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސައްކަތްތައް ކުރިއަށްދާނެގޮތުގެ އުޞޫލު އާދިއްތަ ދުވަހު ޢާންމުކޮށްފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:39
Writer Profile Picture
އިސްމާޢީލް ޝާހް
ކޮވިޑް-19: ޝެފީލްޑް ޔުނައިޓެޑްގެ ބައެއް މުވައްޒަފުންނަށް މުސާރައާ އެކު ޗުއްޓީ

އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރަމުން އަންނަ ޝެފީލް ޔުނައިޓެޑުން މުސާރައާ އެކު ބައެއް މުވައްޒަފުންނަށް ޗުއްޓީ ދޭން ނިންމައިފި އެވެ.

އެ ކްލަބުން މިގޮތަށް ނިންމާފައި މި ވަނީ ކޮރޯނާވައިރަސް (ކޮވިޑް-19) ގެ ސަބަބުން ދިމާވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ބައެއް ކްލަބުތަކުގެ މުވައްޒަފުން ނޯޕޭ ލީވްއަށް ފޮނުވާލުމާއި މުސާރައިން ބައެއް އުނިކުރަން ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

އެކަމަކު ޝެފީލްޑް ޔުނައިޓެޑުން ވަނީ ކޮވިޑް-19 އާ ގުޅިގެން ވަޒީފާއަށް ދިޔުމަށް އުނދަގޫވާ މުވައްޒަފުންނަށް މުސާރައާ އެކު ޗުއްޓީ ދިނުމަށް ނިންމާފައެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:38
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 : މި ޞަރަހައްދުން އަދިވެސް އެންމެ ނުރައްކާތެރި ޙާލަތުގައި އޮތީ އިންޑިއާ

ދިވެހިރާއްޖެ ނިޞްބަތްވާ ދެކުނު އޭޝިޔާ ބައްރުގެ ޤައުމުތަކުގެ ތެރެއިން މިހާރު އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތީ އިންޑިއާއެވެ. އިންޑިއާއިން މިއަދު އެކަނި، 58 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، އެކަކު ވަނީ މަރުވެފައެވެ. މިއާއެކު، އިންޑިއާގައި ވައިރަސްޖެހުނު މީހުންގެ ޖުމުލަ އަދަދަކީ، 8,504 އެވެ. އަދި މަރުވީ މީހުންގެ ޖުމުލަ އަދަދަކީ، 289އެވެ. މިހާރުވެސް އެޤައުމުގައި 7,243މީހުން ވަނީ ކޮވިޑް-19 އަށް ފަރުވާ ހޯދަމުންނެވެ. އަދި ފަރުވާދީގެން، 972 މީހަކު ވަނީ ރަނގަޅު ކުރެވިފައެވެ.

ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން ދެވަނަޔަށް އެންމެ ގިނަައިން ވައިރަސްއަށް މީހުން ޕޮޒިޓިވްވެފައިވަނީ ޕާކިސްތާނުންނެވެ. ޕާކިސްތާނުން މިހާތަނަށް އައިއިރު، 5,038 މީހުން ވައިރަސްއަށް ޕޮޒިޓިވްވެފައިވާއިރު، މީގެތެރެއިން، 86 މީހުން ވަނީ މަރުވެފައެވެ. ޕާކިސްތާނުން މިއަދު އެކަނިވެސް 27 މީހުން ވައިރަސްއަަށް ޕޮޒިޓިވްވެފައިވެއެވެ. މިހާރުވެސް އެޤައުމުގައި 3,926 މީހަކަށް ފަރިވާދެމުންދާއިރު، މީގެތެރެއިން 37 މީހެއްގެ ޙާލަތު ވަރަށް ސީރިއަސްކަމަށް ޚަބަރު ލިބެއެވެ.

އެހެން ޤައުމުތަކުގެ ތަފުޞީލު :

އަފްޣާނިސްތާން: 555 ޕޮޒިޓިވް ކޭސް/ 18 މަރު

ބަންގްލަދޭޝް: 48 ކޭސް/ 30 މަރު

ސްރީލަންކާ: 199 ކޭސް/ 7 މަރު

ދިވެހިރާއްޖެ: 20 ކޭސް

ނޭޕާލް: 12 ކޭސް

ބޫޓާން: 05 ކޭސް

12 އޭޕްރިލް 2020 | އާދީއްތަ 11:27
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: މިއަދުގެ މިހާތަނަށް އެއްހާހަށް ވުރެ ގިނަ މީހުން ވައިރަސްއަށް ޕޮޒިޓިވްވެއްޖެ

ދުނިޔޭގެ އެކި ޤައުމުތަކުން މިއަދުގެ މިހާތަނަށް 1,166 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ، 73 މީހުން މަރުވެއްޖެއެވެ.

ޞައްޙަ މަސްދަރުތަކުން ލިބޭ ޑޭޓާތަކައް ބަލާއިރު، އެންމެ ގިނަ މީހުން މިއަދުގެ މިހާތަނަށް ޕޮޒިޓިވްވެފައިވަނީ، މެކްސިކޯއިންނެވެ. މެކްސިކޯއިން މިއަދު ވަނީ 375 ވައިރަސްއަށް ޕޮޒިޓިވްވެ 44 މީހުން މަރުވެފައެވެ.

ދެވަނަޔަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިއަދުގެ މިހާތަނަަށް 236 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ 3 މީހުން ވަނީ މަރުވެފައެވެ.

ތިންވަނައަށް އެންމެ ގިނަ މީހުން މިއަދު ޕޮޒިޓިވްވެފައިވަނީ ހަންގޭރީންނެވެ. ހަންގޭރީން 100 މީހުން ޕޮޒިޓިވްވެ، 14 މީހުން މިއަދު ވަނީ މަރުވެފައެވެ.

މީގެއިތުރުން ޗައިނާއިން، 99 މީހުން، އިންޑިއާއިން 58 މީހުން، ދެކުނު ކޮރެއާއިން 32 މީހުން، ތައިލޭންޑުން 33 މީހުން، ޕާކިސްތާނުން 27 މީހުން، ލިތުއޭނިއާއިން 27 މީހުން ޕޮޒިޓިވްވެފައިވެއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:18
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19 ޖެހުނު މީހުންގެ އަަދަދު އެއްލައްކަ ހަތްދިހަ ހާހަށްވުރެ މައްޗަށް އަރައިފި

ދުނިޔޭގެ 215 ޤައުމަކަށް/ޓެރިޓަރީސްއެއްގައި ކޮވިޑް-19 ފެތުރިފައިވާއިރު، މިހާރު 1,780,907 މީހުން ވަނީ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ.

އެކްޓިވް ކޭސްތަކައް ބަލާއިރު، މިހާރު ދުނިޔޭގެ އެކިކަންލޮޅުތަކުގައި 1,267,558 މީހުންނަށް އަދިވެސް ދަނީ ފަރުވާ ދެމުންނެވެ. މީގެ ތެރެއިން، 50,626 މީހުންގެ ޙާލަތު ވަރަށް ސީރިއަސްކަމަަށް ޚަބަރު ލިބެއެވެ. މިއީ، ފަރުވާ ހޯދަމުންދާ މީހުންގެ %4 އެވެ.

މިހާރުވެސް އެންމެ ނުރައްކާތެރި ޙާލުގައި އޮތީ އެމެރިކާއެވެ. އެމެރިކާއިން މިއަދު އެކަނިވެސް 236 މީހުން ވައިރަސްއަށް ޕޮޒިޓިވްވެ 3 މީހުން މިހާތަނަށް އައިއިރު ވަނީ މަރުވެފައެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:10
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ނިއުޔޯކްގެ އެންމެ ޙާލަތު ގޯސް 2 ހޮސްޕިޓަލުން ފެންނަނީ މަރުގެ ބިރުވެރިކަން !

ބިރުވެރިކަމާއި، ހިިތްނުތަނަވަސްކަން މުޅި މާޙައުލުގައި ވަނީ ފެތުރިފައެވެ. އެމެރިކާގައި ކޮވިޑް-19 ގެ ބިރުވެރިކަން އެންމެ ނުރައްކާ ފައްތަރެއްގައި އޮތް ނިއުޔޯކްގެ ބްރޮންޒް ޖެކް ޑި ވެއިލަރ ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާޓުމަންޓުގެ އެތެރެއިން ފެންނަނީ މަރުގެ ބިރުވެރިކަމެވެ. ވާރޑުތައް ފުރެމުންދަނީ އިންތިހާ ބިރުވެރިކަމުގައި ފުރާނަ އަތް މައްޗަށް ލައިގެން ތިބި ބަލި މީހުންނާއި، ޙާލު ބޮޑުވެ، އަލުން ލޯބިވާ މީހުންނާއި ބައްދަލުވާނެ ކަމުގެ އުއްމީދު ފަނޑުވެފައިވާ ބަލި މީހުންނާއެކުއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:03
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ފޮރިން މިނިސްޓަރ ޝާހިދު ޔޫއޭއީގެ ފޮރިން މިނިސްޓަރާ ފޯނުން ގުޅުއްވައި މަޝްވަރާކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ޔޫއޭއީގެ ފޮރިން މިނިސްޓަރ ޝައިޚް ޢަބްދުﷲ ބިން ޒައިދް އަލްނަޙްޔާން އާ ފޯނުން ގުޅުއްވައި، ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:02
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: ޕޮޒިޓިވްކަން ނުވަތަ ނޫންކަން 15 މިނެޓްތެރޭ ދެނެގަނެވޭ ޓެސްޓެއް ހަދަން އެމެރިކާއިން ހުއްދަ ދީފި

ކޮވިޑް-19 ބަލި ހުރިކަން ނުވަތަ ނޫންކަން 15 މިނެޓު ނުވަނީސް ދެނެގަނެވޭނެ ޓެސްޓެއް ހަދަން އެމެރިކާއިން ހުއްދަ ދީފިއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:01
Writer Profile Picture
ޒިހްނަތު ހަސަން
ކޮވިޑް-19: އިންޑިއާގެ ތުއްތު ދެކުދިން ފުލުސް އޮފީހަށްގޮސް އެހީވެއްޖެ

އިންޑިއާގެ ތުއްތު ދެކުދިން ފުލުސް އޮފީހަށް ގޮސް ކޮވިޑް-19 ގެ ކަންތަކައް އެހީވެއްޖެއެވެ. އިންޑިއާގެ މަދްޔަޕްރަދޭޝްގެ އަވަށެއް ކަމަށްވާ ކެޑްލީއަށް ނިސްބަތްވާ ކޭސަރު އަދި ޔޫވްރާޖް މިވަނީ ކޮވިޑް-19 ފެތުރެމުންދާތީވެ އެ ދެކުދިންގެ "ޕޮކެޓް މަނީ" ހިފައިގެން ފުލުސް އޮފީހަށް ގޮސްފައެވެ. އަދި މި ފައިސާ އަކީ އެކުދިންގެ ބައްޕަ ގުލާބްސިންގ މި ދެކުދިންނަށް ދެމުންދިޔަ ފައިސާ އެވެ.

12 އޭޕްރިލް 2020 | އާދީއްތަ 11:00
Writer Profile Picture
ޒިހްނަތު ހަސަން
އަނެއްކާވެސް ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

އެރިޔަދޫ ކަރަންޓީން ފެސިލިޓީ ގައި ކަރަންޓީނު ކުރެވިފައިވާ ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، މިމީހާއަކީ ފިލިޕީންސް އިން އެނބުރި އައި މީހެއްކަމަށެވެ. މިއީ، މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި 5 ވަނަ ދިވެހި މީހާކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

12 އޭޕްރިލް 2020 | އާދީއްތަ 10:42
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތަކުން އަޅާފިޔަވަޅުތައް އަވަހަށް ނިމުމަކަށް ގެންނާތީ ޑަބްލިޔުއެޗްއޯއިން އިންޒާރުދީފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް މާ އަވަހަށް ނިމުކަކަށް ގެންނާތީ އެކަމުގެ ސަބަބުން ވައިރަސް ކޮންޓްރޯލް ނުކުރެވި އިތުރަށް ފެތުރިދާނެކަމަށް ބުނެ އެކަމުގެ އިންޒާރު ގައުމުތަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ދީފި އެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 07:41
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ވައިރަސް ފެތުރޭތޯ ބެލުމަށް ހަދާ ސަރވޭގައި 500 ސާމްޕަލް ނަގާނެ

ކޮވިޑް-19 ރާއްޖޭގައި އާއްމުންގެ ތެރެއަށް ފެތުރިފައި ވޭތޯ ނުވަތަ ނޫންތޯ ބެލުމަށް ކުރާ ސަރވޭގައި ރާއްޖޭގެ އާބާދީގެ ތެރެއިން 500 ސާމްޕަލް ނަގާނެކަމަށް ނެޝަނަލަ އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) އިން ބުނެފި އެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 07:39
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ފްރާންސްގައި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 13،000 ށް ވުރެ މައްޗަށް އަރައިފި

ކޮވިޑް-19 ޖެހިގެން ފްރާންސް ގައި މަރުވި މީހުންގެ އަދަދު 13،000 ށް ވުރެ މައްޗަށް އަރައިފި އެވެ.

އެގައުމުގައި ހުކުރު ދުވަހު 987 މީހުން ވައިރަސް ޖެހިގެން މަރުވެފައިވާއިރު މީގެތެރެއިން ގިނަ މީހުންނަކީ ނާރސިންގ ހޯމެއްގައި ތިބި ބައެއްކަމަށް އެގައުމުން ބުނެއެވެ. މީގެތެރެއިން ބައެއް މީހުން އައިސީޔޫގައި ތިބިއިރު މުޅި ފްރާންސްގައި ވައިރަސް ފެތުރޭ މިންވަރު ކުޑަކުރެވިފައިވަނީ ކުޑަ އިންސައްތައަކަށެވެ. ފްރާންސްގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ވަނީ 124،869 މީހުންނަށް އަރާފަ އެވެ. ނަމަވެސް އެގައުމުގެ ސިއްހަތާއި ބެހޭ މިނިސްޓްރީން އަދި ސީދާ އަދަދުތަކެއް ހާމަނުކުރާކަމަށް ރޮއިޓަރސް އިން ބުނެއެވެ. އެއީ ހޮސްޕިޓަލްތަކާއި ނަރސިންގ ހޯމްތަކުގައި ތިބި މީހުންގެ އަދަދުތައް އަދި އެއްކޮށް ނުލިބޭތީކަމަށް ރޮއިޓަރސް އިން ބުނެއެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 07:38
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ ބައިމިލިއަނަށް އަރައިފި

ދުނިޔޭގައި ހަލުވި ކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އެންމެ ހަލުވި މިނުގައި ފެތުރެމުންދާ އެމެރިކާގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ބައި މިލިއަނަށް ވުރެ މައްޗަށް އަރައިފި އެވެ.

މުޅި ދުނިޔޭގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 1.7 މިލިއަނަށް އަރާއިރު އެމެރިކާގައި 500،399 ( ފަސް ލައްކަ ތިންސަތޭކަ ނުވަދިހަ ނުވަ )މީހުންނަށް ވައިރަސް ޖެހިފައިވާކަމަށް ޖޯންސް ހޮޕްކިންސް އިން ބުނެއެވެ. އެމެރިކާގައި 18,693 މީހުން މިވައިރަސް ޖެހިގެން މަރުވެފައިވާކަމަށްވެސް އެވެބްސައިޓުން ވަނީ ހާމަކޮށްފަ އެވެ. މީގެއިތުރުން ހުކުރު ދުވަހަކީ އެމެރިކާގައި އެންމެ ގިނަ އަދަދެއްގެ މީހުން މިހާތަނަށް އާއިރު ވައިރަސް ޖެހިގެން މަރުވި ދުވަހެވެ. އެއީ 1,953 މީހުންނެވެ. އެމެރިކާގައި ވައިރަސް ޖެހިގެން ރަނގަޅު ކުރެވިފައިވަނީ 28,837 މީހުންނެވެ.

އެމެރިކާއަށް ބަލާލާއިރު އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދަނީ ނިއުޔޯކް ސިޓީގަ އެވެ. އަދި އެންމެ ގިނަ އަދަދަކަށް މީހުން މަރުވަމުން އަންނަނީވެސް ނިއުޔޯކު ސިޓީންނެވެ. އެގޮތުން ނިއު ޔޯކް ސިޓީން އެކަނި 5,820 މީހުން ވަނީ ވައިރަސް ޖެހިގެން މަރުވެފަ އެވެ. އަދި އެސިޓީގައި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު ދުނިޔޭގައި ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ގައުމުތަކަށްވުރެ ގިނަ އެވެ. ނިއުޔޯކް ސިޓީން އެކަނި ވައިރަސް ޖެހިފައިވާ މީހުންގެ އަދަދު 174,481 އަށް އަރައެވެ. ދުނިޔޭގައި ދެވަނަ އަށް އެންމެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާ ސްޕެއިންގައި ވައިރަސް ޖެހިގެން މިހާތަނަށް ރިޕޯޓްކޮށްފައިވަނީ 158,273 މީހުންނަށެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 07:37
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ނިއުޔޯކްގައި އަލަށް 6,684 މީހުންނަށް ވައިރަސް ޖެހިއްޖެ

ހަލުވިކަމާއެކު މިހާރު ފެތުރެމުންދާ ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުންދާ އެއް ތަނަކީ އެމެރިކާގެ ނިއު ޔޯކް ސިޓީއެވެ. އެގޮތުން ނިއު ޔޯކުން އަލަށް 6684 މީހުންނަށް ވައިރަސް ޖެހިފައިވާއިރު 651 މީހަކު ވަނީ މަރުވެފައެވެ. ނިއު ޔޯކުން އެކަނި ވައިރަސްޖެހިފައިވާ މީހުންގެ އަދަދު ލައްކައަކަށް އަރައެވެ. މިއީ މިވަގުތު ދުނިޔޭގައި އެންމެ ހަލުވިމިނުގައި ވައިރަސް ފެތުރެމުންދާ ސިޓީ އެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 03:44
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: އިޓަލީ ލޮކްޑައުންކޮށްފައި އޮތް މުއްދަތު މެއި މަހުގެ 3 އާ ހަމައަށް ދިގު ދައްމާލައިފި

ކޮވިޑް-19 ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ އެއް ގައުމުކަމަށްވާ އިޓަލީ ލޮކްޑައުންކޮށްފައި އޮތް މުއްދަތު މެއި މަހުގެ 3 ވަނަ ދުވަހާ ހަމައަށް ދިގު ދައްމާލާފައިވާކަމަށް އެގައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެ އެވެ. ހުކުރު ދުވަހު ގައުމުގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވީ ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށްޓަކައި އުނދަގޫ އެނިންމުން ނިންމަވާފައިވާކަމަށެވެ. މިވައިރަސް ޖެހިގެން މިހާތަނަށް އެންމެ ގިނަ މީހުން މަރުވެގެން ރިޕޯޓްކުރަމުން އަންނަނީ އިޓަލީންނެވެ. އެގައުމުން މަރުވި މީހުންގެ އަދަދު 18000 ށް ވުރެ މައްޗެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 03:01
Writer Profile Picture
އާއިޝަތު ޝިއުރާ
ޔަމަން އިން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓްކޮށްފި

ދާހިލީ ހަނގުރާމައިން ސުންނާފަތިވެފައިވާ ޔަމަނުން ފުރަތަމަ ފަހަރަށް ކޮވިޑް-19 ގެ ކޭސްއެއް ރިޕޯޓްކޮށްފިއެވެ.

ޔަމަނުގެ ސަރުކާރުން ބުނީ، ކޮވިޑް-19 ޖެހިފައިވަނީ އިރުމަތީ ހަދްރަމައުތު ޕްރޮވިންސްގެ މީހަކަށް ކަމަށެވެ. ކޮވިޑް-19 އާ ދެކޮޅަށް މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ ކޮމިޓީން ބުނީ، ޕޮޒިޓިވްވި މީހާގެ ހާލު ރަނގަޅު ކަމަށާއި، އެ މީހާއަށް ބޭނުންވާ ފަރުވާދެމުންދާ ކަމަށެވެ. އަދި އެމީހާއާ ގުޅުން ހުރި މީހުން ޓްރޭސްކޮށް އެ މީހުން އެކަހެރި ކޮށްފައިވާ ކަމަށް ޔަމަނުގެ ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 02:57
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށް ވުރެ މަތި!

ކޮވިޑް-19 ޖެހިގެން މަރުވި މީހުންގެ އަދަދު ލައްކައަކަށް ވުރެ އިތުރުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ 10:30 ގެ ނިޔަލަށް ކޮވިޑް-19 ޖެހިގެން 101،496 މީހުން މަރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މި ބަލި ޖެހުނު މީހުންގެ އަދަދު 1،673،848 އަށް އަރާއިރު، ރަނގަޅުވި މީހުންގެ އަދަދަކީ 372،027 އެވެ.

މި ބަލި ދުނިޔޭގެ 215 ސަރަހައްދަކުން ފެނިފައިވާއިރު މިހާތަނަށް މި ބަލީގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ އެމެެރިކާއިންނެވެ. އެމެރިކާގައި 488،959 މީހުންނަށް މި ބަލި ޖެހިފައިވާއިރު 17،995 މީހުން ބަލީގައި މަރުވެފައިވެއެވެ. އަދި މި ބަލި ޖެހުނު 27،482 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 02:56
Writer Profile Picture
އާއިޝަތު ޝިއުރާ
ކޮވިޑް-19: ތުރުކީގައި 48 ގަޑިއިރު ކާފިއު ހިންގުމަށް ނިންމައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް ތުރުކީގައި 48 ގަޑިއިރު ކާފިއު ހިންގުމަށް އެގައުމުން ނިންމައިފި އެވެ. އެގައުމުގެ އިންޓީރިއާ މިނިސްޓަރ ވިދާޅުވީ 2 ދުވަހުގެ މުއްދަތަށް 31 ސިޓީގައި ކާފިއު ހިންގާނެކަމަށެވެ. މިސިޓީތަކުގެ ތެރޭގައި އިސްތަންބޫލް އާއި އަންކާރާ ހިމެނެ އެވެ.

11 އޭޕްރިލް 2020 | ހޮނިހިރު 02:55