ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފާޅުވާ ފޮޓޯތައް ފުރަތަމަ ފަހަރަށް އާންމުކޮށްފިއެވެ.
މިފޮޓޯތައް ރައީސް ނަޝީދުގެ ބޭބެ ޑރ އިބްރާހީމް ނާޝިދު ވަނީ ރާއްޖެއެމްވީއާ ހިއްސާ ކުރައްވާފައެވެ. މިފޮޓޯތަކަށް ބަލައިލުމުން ރައީސް ނަޝީދުގެ ހަށިކޮޅަށް ބޮޑެތި އަނިޔާވެފައިވާކަން ފާހަގަވެއެވެ. އަދި ބަނޑުފުޅާ ދިމާލުން ވަރަށް ބޮޑަށް ކެފުމަށްފަހު ފަހާފައިވާތަންވެސް ފެނެއެވެ.
މީގެ އިތުރުންވެސް ހަށިކޮޅުގެ އެކި ތަންތަނުގައި މަލަން އަޅައި ބެންޑޭޖްކޮށްފައިވާތަން ފެނެއެވެ.
![](https://dyncz33htw1ec.cloudfront.net/posts/c4983540-f16e-4cb4-8a32-84ed6154413b.png)
ރައީސް ނަޝީދަށް މިހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާއަށް މިވަގުތު ވަނީ ޖަރުމަން ވިލާތުގައެވެ.
ރައީސް ނަޝީދުގެ ހާލުކޮޅު މިހާރު ރަނގަޅުވަމުން އަންނައިރު، ހަމަލާއާއި ގުޅިގެން އެމަނިކުފާނު ހޮސްޕިޓަލަށް ގެންދެވުނުއިރު ވަރަށް ސީރިއަސްކަމަށާއި ފުރާނަ ސަލާމަތް ކުރެވުނީ ކިރިޔާކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވެފައިވެއެވެ.
މާލޭގައި ދިން ޓެރަރިސްޓް ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަޚަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެވުމަށް ފަހު ބޭރަށް ފުރާ ވަޑައިގެންނެވީ ބުރާސްފަތި ދުވަހުގެ ހެނދުނެވެ.
![](https://dyncz33htw1ec.cloudfront.net/posts/61985ea7-b7c3-4e03-804c-2821ee2a797b.png)
މިކަމާ ގުޅޭ ގޮތުން މަޖިލީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، ރައީސް ނަޝީދު ދަތުރުކުރެއްވި އެއާރ އެމްބިއުލާންސްގެ ޚަރަދާއި ބޭސްފަރުވާގެ ޚަރަދު ހަމަޖެއްސީ އޮނަރަރީ ކޮންސޫލް މިސްޓަރ ކްރިސްޓިއަން ވޮން ސްޓެޓެން މެދުވެރިކޮށް ކަމުގައެވެ.
ރައީސް ނަޝީދުގެ ދަތުރުފުޅުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި ޖަރުމަނުވިލާތުގައި ހުންނަ ރާއްޖޭގެ އެންބަސީ މެދުވެރިކޮށް ޖަރުމަނުގެ ސަރުކާރުން ކަމަށް މަޖިލީހުގެ ބަޔާނުގައި ވެއެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން، މެއި މަހުގެ ހަވަނަ ދުވަހު ދިން ހަމާލާގައި ރައީސް ނަޝީދުގެ އިތުރުން، އަރިހުގައި އެވަގުތު ތިއްބެވި ސިފައިންނާއި އާންމުންނަށް ވެސް އެކި ވަރުގެ އަނިޔާ ލިބިފައިވެއެވެ.
މި ނުރައްކާތެރި ހަމަލާގައި އިސްކޮށް އުޅުނު މީހުންގެ ތެރެއިން މިހާތަނަށް 3 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އެ ތިން މީހުންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ޖަހައިދީފައެވެ.