ހއ. އަތޮޅުން ރ. އަތޮޅަށް ނެރެފައިވާ ޔެލޯ އެލަރޓްގެ ވަގުތު އިތުރު ކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހއ. އަތޮޅުން ރ. އަތޮޅަށް ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކުރެވޭތީ ޔެލޯ އެލަރޓް ގެ ވަގުތު އިތުރު ކުރާ ކަމަށެވެ. އެގޮތުން ހޮނިހިރު ދުވަހުގެ މެންދުރު 12:00ން މެންދުރު 03:00ށް މި އެލަރޓްގެ ވަގުތު އިތުރު ކޮށްފައިވެއެވެ.
އެ އިދާރާއިން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ބޮޑުބަޔަކަށް ވިއްސާރަވާނެ ކަމަށާއި ބައެއް ރަށްރަށަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
އަދި ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން، މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. ވިލާގަނޑުގައި ގަޑިއަކު 50 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެ.
ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 8 ފޫޓުގައި ކަމަށް އެ އިދާރާއިން ހާމަ ކުރެއެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ބުނެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.