ކޮވިޑް-19 ޖެހިގެން ރާއްޖޭގައި، ހޮނިހިރު ދުވަހު ދެވަނަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ބުނީ ހއ. ދިއްދޫ އަތޮޅު ހޮސްޕިޓަލަށް ގެނެވުނު އުމުރުން 83 އަހަރުގެ ދިވެހި އަންހެނެއް ކޮވިޑުގައި ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ ހެނދުނު 08:45ގައި ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 94 ވަނަ މީހާއެވެ.
ހޮނިހިރު ދުވަހު އެންމެ ފުރަތަމަ ނިޔާވީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާހޯދަމުންދިޔަ ދިވެހި ފިރިހެނެކެވެ. އެމީހާގެ އުމުރަކީ 87 އަހަރެވެ. އެމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ ދަންވަރު 01:39 ހާއިރުއެވެ. ހޮނިހިރު ދުވަހު ކޮވިޑް ޖެހިގެން ދެ މީހަކު ނިޔާވެފައިވާއިރު ހުކުރު ދުވަހު އެކަނިވެސް 5 މީހަކު ވަނީ ނިޔާވެފައެވެ.
ހުކުރު ދުވަހު އެންމެ ފުރަތަމަ ނިޔާވެފައި ވަނީ، އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުކުރުވިލޭރޭ މެންދަމު 02:46 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. އަދި ދެވަނައަށް ނިޔާވެފައި ވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުކުރު ދުވަހު ހެނދުނު 06:30 ހާއިރު އެވެ. މިއީ ޑީއެޗް-11ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެކެވެ.
އޭގެފަހުން ހުކުރު ދުވަހުގެ މެންދުރު 12:48 ހާއިރު ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެސް ފަރުވާދެމުންދަނިކޮށެވެ. ހުކުރު ދުވަހު އެންމެ ފަހުން ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ ދިވެހި އަންހެނެކެވެ. އެމީހާގެ އުމުރަކީ 63 އަހަރެވެ. އެމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ 11:53ގައެވެ.