ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ތޫފާން 'ޓައުޓޭ'ގެ ސަބަބުން ރާއްޖޭގެ ސަރަހައްދަށް މިހާރު ކުރަމުންދާ އަސަރު ހޮނިހިރު ދުވަހުގެ ރެއިން ފެށިގެން ކުޑަވާން ފަށާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
އެ އިދާރާއިން ބުނީ ތޫފާން "ޓައުޓޭ" މިވަގުތު ހުރީ ހއ. ތުރާކުނުގެ އުތުރުން ގާތްގަނޑަކަށް 400 މޭލު ދުރުގައި ކަމަށެވެ. މި ތޫފާނުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުން ދާއިރު އެ އިދާރާއިން ބުނީ ތޫފާނުގެ ސަބަބުން ކުރަމުންދާ އަސަރު ކުޑަވި ނަމަވެސް މިއީ ހުޅަނގު މޫސުން ކަމަށް ވުމާއެކު ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށެވެ.
މި ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ އިންޑިޔާގެ ހުޅަނގު އުތުރު ސަރަހައްދަށާއި ޕާކިސްތާނަށް ކަމަށް ބައިނަލްއަގްވާމީ މީޓިއޮރޮލޮޖިސްޓުން ވަނީ ލަފާ ކޮށްފައެވެ. މިއީ މިއަހަރު ތެރޭގައި މިސަރަހައްދަށް ކުރިމަތިވާ މިފަދަ ފުރަތަމަ ތޫފާނެެވެ.
މޫސުމާއި ބެހޭ ކަންކަން ކުރިޔަށްލަފާ ކުރާ ފަރާތްތަކުން އިންޑިޔާގެ ހުޅަނގު ދެކުނު އައްސޭރި ސަރަހައްދުގައި ތޫފާނެއް އުފެދެމުން އަންނަކަމަށް ލަފާކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް ތޫފާނުގެ އަސްލު އުފެދޭނެ ހިސާބާއި ތޫފާން ބާރުގަދަވެގެންދާނެ އަވަސްމިނާއި ތޫފާން އަރާނެ ސަރަހައްދުތަކާމެދު ސީދާ މައުލޫމާތުތަކެއް ދެނެގަނެވިފައެއްނުވެއެވެ.
ތޫފާނުގެ ބާރު އެންމެ ގަދަވާނެކަމަށް ބެލެވިފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރުއެވެ. ވައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 127 މޭލު ބާރުމިނުގައެވެ.
ކޮޅިގަނޑު ބާރުގަދަ ތޫފާނާކަށް ބަދަލުވެގެންދާން ދިމާވާ މައިގަނޑު ސަބަބަކީ މިވަގުތު މިސަރަހައްދުގެ ތިމާވެށީގެ ހާލަތެވެ. އެގޮތުން ކަނޑުގެ ފިނި ހޫނުމިނަށް ބަލާއިރު މިސަރަހައްދުގެ ކަނޑުގެ ފަށަލައަކީ މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ހޫނުމިން މަތި ފަށަލައެވެ. މިސަރަހައްދުގެ ހޫނުމިން ހުރީ 30 އާއި 32 ޑިގްރީ ސެލްސިއަސްގައެވެ.
ތޫފާންތައް ބާރުގަދަކުރުމަށް ބޭނުންވަނީ ހޫނުމިން މަތި ފެނެވެ. އާންމު ގޮތެއްގައި 26.5 ޑިގްރީ ސެލްސިއަސްއަށްވުރެ ހޫނުމިން މަތި ނަމަ ތޫފާނަށް ބަދަލުވުމުގެ ފުރުސަތު ފަހިވެއެވެ. ވައިގެ ބާރުމިން ކުއްލިއަކަށް އިތުރުވެގެންދަނީ ހޫނުވެފައިވާ ކަނޑުގެ ފަށަލައިގެ ސަބަބުންނެވެ.
އިންޑިޔާގެ ހުޅަނގު ބިތުގެ އައްސޭރި ސަރަހައްދަށް މިތޫފާނުގެ އަސަރު ބޮޑަށް ފޯރާނެއެވެ. ހޯމަ ދުވަހާ ޖެހެންދެން ތޫފާނުގެ އަސަރު ދެމިހުންނާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.