ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑު، އިތުރަށް ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ ތޫފާނަކަށް ބަދަލުވެ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރާނެކަމަށް ބެލެވެނީ އިންޑިޔާގެ ހުޅަނގު އުތުރު ސަރަހައްދަށާއި ޕާކިސްތާނަށް ކަމަށް ބައިނަލްއަގްވާމީ މީޓިއޮރޮލޮޖިސްޓުން ލަފާކޮށްފިއެވެ.
މިއީ މިއަހަރު ތެރޭގައި މިސަރަހައްދަށް ކުރިމަތިވާ މިފަދަ ފުރަތަމަ ތޫފާނެެވެ. މިތޫފާނަށް ދީފައިވާނަމަކީ ސައިކްލޯން ތައުކްޓޭއެވެ.
މޫސުމާއި ބެހޭ ގޮތުން ކުރިޔަށްލަފާ ކުރާ ފަރާތްތަކުން އިންޑިޔާގެ ހުޅަނގު ދެކުނު އައްސޭރި ސަރަހައްދުގައި ތޫފާނެއް އުފެދެމުން އަންނަކަމަށް ލަފާކުރާތާ ދުވަސްތަކެއް ވަނީ ވެފައެވެ. އެހެންނަމަވެސް ތޫފާނު އަސްލު އުފެދޭނެ ހިސާބާއި ތޫފާން ބާރުގަދަވެގެންދާނެ އަވަސްމިނާއި ތޫފާން އަރާނެ ސަރަހައްދުތަކާމެދު ސީދާ މައުލޫމާތުތަކެއް ދެނެގަނެވިފައެއްނުވެއެވެ. މޮޑެލްސް ތަކުން ދައްކާގޮތުގައި މިތޫފާނުގެ ބާރު ގަދަ ވާނީ އަންނަ ހަފްތާގައެވެ.
ތޫފާން އެންމެ ބޮޑަށް ބާރުގަދަ ވާނެކަމަށް ބެލެވިފައިވަނީ ކުރިޔަށް އޮތް 24 ގަޑިއިރުއެވެ. އަދި ވައި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 127 މޭލު ބާރުމިނުގައެވެ.
ކޮޅިގަނޑު ބާރުގަދަ ތޫފާނާކަށް ބަދަލުވެގެންދާން ދިމާވާ މައިގަނޑު ސަބަބަކީ މިވަގުތު މިސަރަހައްދުގެ ތިމާވެށީގެ ހާލަތެވެ. އެގޮތުން ކަނޑުގެ ފަށަލައިގެ ފިނި ހޫނުމިނަށް ބަލާއިރު މިސަރަހައްދުގެ ކަނޑުގެ ފަށަލައަކީ މިވަގުތު މުޅި ދުނިޔޭގައިވެސް އެންމެ ހޫނު މިން މަތި ކަނޑުގެ ފަށަލައެވެ. މިސަރަހައްދުގެ ކަނޑުގެ ފަށަލައިގެ ހޫނުމިން ހުރީ 30 އާއި 32 ޑިގްރީ ސެލްސިޔަސްގައެވެ.
ތޫފާންތައް ބާރުގަދަކުރުމަށް ބޭނުންވަނީ ހޫނު މިން މަތި ފެނެވެ. އާންމު ގޮތެއްގައި 26.5 ޑިގްރީ ސެލްސިއަސްއަށްވުރެ ހޫނު މިން މަތި ނަމަ ތޫފާނަށް ބަދަލުވުމުގެ ފުރުސަތު ފަހިވެއެވެ. އަދި ވައިގެ ބާރުމިނަށް ކުއްލިއަކަށް ގެނުވާ ބަދަލުތަކާއެކު ހޫނުވެފައިވާ ކަނޑުގެ ފަށަލައިގެ ބޭނުން ބޮޑަށް ކުރެވެއެވެ.
މިތޫފާން އަރާނެ ސީދާ ގަޑިއަކާއި ސަރަހައްދެއް އަދި ސާފެއް ނޫނެވެ. ނަމަވެސް ބެލެވޭ ގޮތުގައި އިންޑިޔާގެ ހުޅަނގު އައްސޭރި ސަރަހައްދަށް މިތޫފާންގެ އަސަރު ބޮޑަށް ކުރާނެއެވެ. އަދި ހޯމަ ދުވަހާ ޖެހެންދެން މިތޫފާންގެ އަސަރު ހުންނާނެކަމަށް މާހިރުން ވަނީ ލަފާކޮށްފައެވެ.