ހއ އަތޮޅުން ފެށިގެން ބ އަތޮޅަށް އޮރެންޖް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ރޭ 10:30ން ފެށިގެން މެންދަމު 2:30ށް އެސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށެވެ. އަދި ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވާނެކަމަށެވެ. މީގެއިތުރުން ކަނޑުތައް ގަދަވެ ރާޅު އަރާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން ގއ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވަނީ ޔެލޯ އެލަރޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ ހުކުރު ދުވަހުގެ ރޭ 11:45ން ފެށިގެން މެންދަމު 3 ޖެހުމާ ހަމައަށް އެސަރަހައްދަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާނެކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މިސަރަހައްދަށްވެސް ކަނޑުތައް ގަދަވެ ރާޅު އަރާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުނެއެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.
ހުޅަނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ކަނޑުތައް އާންމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 8 ފޫޓުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އެހެންކަމުން ހުރިހައި ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ވަރަށްބޮޑަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.