ކޮވިޑް ޖެހިގެން އިތުރު މީހަކު ރާއްޖޭގައި ނިޔާވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި ފަރުވާދެމުންދިޔަ ދިވެހި އަންހެނެއްކަމަށެވެ. މިމީހާގެ އުމުރަކީ 63ކެވެ. މިމީހާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ރޭ 11:53ގައެވެ. މިއީ ހުކުރު ދުވަހު ނިޔާވި 5 ވަނަ މީހާއެވެ. އަދި މިބަލީގައި ރާއްޖޭގައި ނިޔާވި 92 ވަނަ މީހާއެވެ.
ނިޔާވި މީހުންގެ ތެރެއިން، ހުކުރު ދުވަހު އެންމެ ފުރަތަމަ ނިޔާވެފައި ވަނީ، އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުކުރުވިލޭރޭ މެންދަމު 02:46 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖޭން ކޮވިޑް ޖެހިގެން ނިޔާވި 88 ވަނަ މީހާއެވެ.
ކޮވިޑް ބަލީގައި ހުކުރު ދުވަހު ދެވަނަ އަށް ނިޔާވެފައި ވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުކުރު ދުވަހު ހެނދުނު 06:30 ހާއިރު އެވެ. މިއީ ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި 89 ވަނަ މީހާއެވެ. އަދި 3 ވަނައަށް ނިޔާވެފައިވަނީ ޑީއެޗް-11ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެކެވެ.
އޭގެފަހުން ހުކުރު ދުވަހުގެ މެންދުރު 12:48 ހާއިރު ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެއީ އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ. އޭނާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އީއާރްއަށް ގެނެސް ފަރުވާދެމުންދަނިކޮށެވެ.
ކޮވިޑް ޖެހިގެން މިދިޔަ ހަފްތާގެ ހުކުރު ދުވަހުވެސް ވަނީ 4 މީހަކު ނިޔާވެފައެވެ. އަދި ހޯމަ ދުވަހު 3 މީހަކު ވަނީ ނިޔާވެފައެވެ.
ރާއްޖެއިން މިހާރު ކޮވިޑް-19ށް ރެކޯޑު އަދަދުތަކުން ޕޮޒިޓިވްވަމުންދާއިރު، ފާއިތުވި 24 ގަޑިއިރުވެސް 1400ށް ވުރެ ގިނަ ކޭސް ރިޕޯޓު ކުރެވިފައިވެއެވެ. މިހާރު ރާއްޖޭގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ ނިސްބަތްވެސް އިތުރުވެފައިވާއިރު، އެޗްޕީއޭއިން ވަނީ މިހާރު އަޅާފައިވާ ފިޔަވަޅުތައްވެސް އިތުރަށް ވަރުގަދަކޮށްފައެވެ.