ޑީއެޗް-11 ގައި ކޮވިޑް-19ށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ޑީއެޗް-11ގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 86 އަހަރުގެ ދިވެހި އަންހެނެއް ނިޔާވެފައިވާ ކަމަށެވެ. އޭނާ ނިޔާވެފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 9:05 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއީ ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި 90 ވަނަ މީހާއެވެ.
ހުކުރު ދުވަހު ކޮވިޑްގައި ތިން ވަނަ މީހަކު ނިޔާވެފައިވާއިރު، ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން ދިޔަ ދެމީހަކު ވެސް ވަނީ ނިޔާވެފައެވެ.
ނިޔާވި ދެމީހުންގެ ތެރެއިން، އެންމެ ފުރަތަމަ ނިޔާވެފައި ވަނީ، އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައިވަނީ ހުކުރުވިލޭރޭ މެންދަމު 02:46 ހާއިރު ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ ރާއްޖޭން ކޮވިޑް ޖެހިގެން ނިޔާވި 88 ވަނަ މީހާއެވެ.
ކޮވިޑް ބަލީގައި ހުކުރު ދުވަހު ދެވަނަ އަށް ނިޔާވެފައި ވަނީ އުމުރުން 64 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ނިޔާވެފައި ވަނީ ހުކުރު ދުވަހު ހެނދުނު 06:30 ހާއިރު އެވެ. މިއީ ރާއްޖޭން ކޮވިޑް ބަލީގައި ނިޔާވި 89 ވަނަ މީހާއެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި ބަލި ފެތުރި، ޚާއްސަކޮށް މާލޭގައި ކޮވިޑް ބަލިމަޑުކަމުގެ ހާލަތު މިހާރު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިންތިހާއަށް މަތިވެފައިވާއިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.