ދިރާގުން މި އަހަރުގެ ފިޠުރު އީދުގައި ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ޚާއްސަ އޮފަރ ތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން ބުނީ ކޮވިޑް-19ގެ ހާލަތު ގޯސްވުމުގެ ސަބަބުން ގްރޭޓަރ މާލެ ރީޖަންގައި އިތުރު ފިޔަވަޅުތައް އެޅުމާ ގުޅިގެން، ފިތުރު އީދު ފާހަގަކުރަން ޖެހިފައި ވަނީ ގޭގައި ތިބެގެން ކަމަށެވެ. އެހެންކަމުން، މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ އީދު ދުވަހު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އެކަކު އަނެކަކާ ގުޅުވައިދިނުމަށް ކަމަށެވެ.
މި އަހަރު ރަމަޟާން މަހު ތައާރަފުކުރި ޑޭޓާ ބަންޑަލްތަކުގެ އެލަވަންސް ޑަބަލްކޮށް، އަގަށް އިތުރު ބަދަލެއް ނުގެނެސް، އީދު ޑޭޓާ ބަންޑަލްތަކުގެ ނަމުގައި ޚާއްޞަ އޮފަރތަކެއް ތައާރަފުކޮށްފައިވެއެވެ. އެގޮތުން މިހާރު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 45 ރުފިޔާއަށް އީދު 20ޖީބީ އެފްބީބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް އީދު 7ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް އީދު 14ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެވޭނެއެވެ.
މޮބައިލް ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވުމާއެކު އެފްބީބީ ޑޭޓާ ބޫސްޓަރ މެއި މަސް ނިމެންދެން ބޭނުން ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ. ކަސްޓަމަރުން މި ބަންޑަލްތައް އެކްޓިވޭޓް ކުރުމަށް 13 މެއި 2021ން 15 މެއި 2021 އާ ދެމެދު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343 އަށް ކީވޯޑް އެސްއެމްއެސް ކުރެވޭނެ ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން، މުޖުތަމައުއަށް އެހީތެރިވުމުގެ ގޮތުންނާއި ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން، މި އަހަރުގެ ރަމަޟާން މަހުގެ ތަޢާރަފުކުރި އޮފަރ އެކޭ އެއްފަދައިން އީދު ޑޭޓާ ބަންޑަލްތައް ގަތުމަށް ކަސްޓަމަރުން ކުރާ ޚަރަދުގެ 10 އިންސައްތަ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ބުނީ ކޮވިޑް-19ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ޚިދުމަތްތަކުން އިތުރު ލުއިފަސޭހަތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ.