ފަންނުވެރިކަމުގެ ދާއިރާއަށް އަގުހުރި އަދި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސަރުދާރު ދޮންމަނިކު (ސަރުދާރު ދޮންބެ) އަވަހާރަވެއްޖެއެވެ.
ސަރުދާރު ދޮންބެ އަކީ އުމުރުން 10 އަހަރުން ފެށިގެން ކުރެހުމާއި ފަންނުވެރިކަމުގެ އެކިއެކި މަސައްކަތް ކުރައްވަމުން ގެންދެވި ބޭފުޅެކެވެ. މިގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ބޮޑެތި ތަސްވީރުތައް ކުރެއްސެވުމާއި، ގިޑިގެ ޑިޒައިން ކުރެއްވުންފަދަ ކަންތައްތައް ހިމެނެއެވެ. މީގެ އިތުރުން، ބޮއްޔާއި، މަހުގެ ކަށްޓާއި، މަހުގެ ހަމުން ތަފާތު ވައްތަރުގެ ތަކެތި ހެއްދެވުން ވެސް ހިމެނެއެވެ. އަދި ސްޓެންސިލްގައި ކުރަހައިގެން ނޫސްމަޖައްލާ ނެރުނު މުއްދަތުގެ ތެރޭގައި ކުރައްސަވާފައިވާ ގިނަ އަދަދެއްގެ ކުރެހުންތައް ވެސް ހިމެނެއެވެ.
ފަންނުވެރިކަމުގެ ދާއިރާއިން ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި ސަރުދާރު ދޮންބެއަކީ ރާއްޖޭގައި އުފެއްދި އެންމެ ފުރަތަމަ ކަރުދާސް ރުފިޔާގެ ޑިޒައިންތަކުގެ ކުރެހުންތެރިޔާ އެވެ. އަދި ރާއްޖެއަށް އެންމެ ފުރަތަމަ ސުވެނިއާ އާޓް (ފަތުރުވެރީންނަށް ހަދިޔާއަށް ދިނުމަށް ނުވަތަ ވިއްކުމަށް ހަދާފައި ހުންނަ ސާމާނު އުފެއްދުމުގެ ފަންނު) ތައާރަފުކުރެއްވީ ވެސް ސަރުދާރު ދޮންބެއެވެ.
ފަހަކަށް އައިސް ރާއްޖޭގައި ކުރެހުންތެރިން އުފެދިގެން، އެ ކުރެހުންތެރިންގެ މަސައްކަތްތައް އާންމުވުމުގެ ކުރީގައި، ގިނަ އަހަރުތަކެއް ވަންދެން މުޅި ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އަދި އެންމެ މަޝްހޫރު ކުރެހުންތެރިޔަކީ ސަރުދާރު ދޮންބެއެވެ. ކުރެހުމާއި އަތްތެރި މަސައްކަތް ކުރެއްވުމުގެ އިތުރުން ސަރުދާރު ދޮންބެއަކީ ޑައިވް ވެސް ކުރެއްވި ބޭފުޅެކެވެ. ސަރުދާރު ދޮންބެއަކީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސްކޫބާ ޑައިވަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ.
އާންމުޚިދުމަތުގެ ޝަރަފުގެ އިނާމު 1996ގައި ލިބިވަޑައިގެންފައިވާ ސަރުދާރު ދޮންބެ އަވަހާރަވިއިރު އުމުރުފުޅަކީ 93 އަހަރެވެ.