ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން 1572 މީހުން ކޮވިޑް-19ށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 5،336 މީހުން ވަނީ ކޮވިޑަށް ޓެސްޓު ކޮށްފައެވެ. އޭގެ ތެރެއިން 1،572 މީހުން ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1،315 މީހުންނާއި، އަތޮޅު ތެރެއިން ޕޮޒިޓިވްވި 242 މީހުން އަދި ރިސޯޓުތަކުން ޕޮޒިޓިވްވި 15 މީހުންނެވެ.
އިތުރު 1،572 މީހުން ކޮވިޑަށް ޕޮޒިޓިވްވުމާއިއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 40،092ށް އަރައިފައެވެ. އަދި އެކްޓިވް ކޭސްތަކުގެ އަދަދު 12،873ށް ވަނީ އަރައިފައެވެ. އޭގެ ތެރެއިން 263 މީހަކަށް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. ރާއްޖެއިން މިހާތަނަށް 27.123 މީހުން ބަލިން ފަސޭހަވެފައިވާއިރު، 87 މީހުން ވަނީ ނިޔާވެފައެވެ.
ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ހަތަރު ވަނަ ރާޅާއެކު، ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ދަނީ ޕޮޒިޓިވްމުންނެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް ގިނަ ފިޔަވަޅުތައް އަޅަމުންދާއިރު، ކާފިއުގެ ވަގުތަށް މިހާރު ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން ހަވީރު 4:00ން ފަތިހު 4:00ށް ކާފިއު ހިންގުމަށް ވަނީ ނިންމާފައިވެއެވެ. މީގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ. ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ އެތެރޭގައި ތިބެގެން ކެއިން ބުއިމުގެ ޚިދުމަތް ދިނުން ހުއްޓާލުމަށް ވެސް އަންގާފައިވެއެވެ. ނަމަވެސް ފުލުހުންގެ ޚާއްސަ ހުއްދައެއްގެ ދަށުން ޑެލިވަރީގެ ޚިދުމަށް ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ. ޑެލިވަރީގެ ޚިދުމަތް ދިނުމަށް ނިންމާފައި ވަނީ ކޮންމެ ދުވަހެއްގެ ވެސް މެންދަމު 12 އާ ހަމައަށެވެ.