ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.
އެޗްޕީއޭއިން ބުނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހަފްތާއެއްގެ މުއްދަތަށް މަނާ ކުރެވިފައިވާ ކަމަށެވެ.
ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ އައު ރާޅާއެކު ކޮންމެ ދުވަހަކު ދަނީ ގިނައަދަދެއްގެ ބަޔަކު ޕޮޒިޓިވްވަމުންނެވެ. ހާލަތު ގޯސްވެފައިވާތީ ފުލް ލޮކްޑައުންއަކަށް ދާން ޖެހިދާނެކަމުގެ އިންޒާރު ވެސް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ގެ ޑޮކްޓަރުންގެ ޓީމުންދީފައިވެއެވެ.
ބުދަ ދުވަހުން ފެށިގެން ޖަމާއަތުގައި ނަމާދު ނުކުރެވޭނެކަން އަންގާފައިވާއިރު، މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން މިސްކިތްތަކުގައި ނަމާދު ކުރަމުންދިޔައީ ގައިދުރުކޮށެވެ.
ހަލުހި މިނެއްގައި ބަލި ފެތުރެމުންދާއިރު، އެޗްޕީއޭއިން އާންމުކުރި ތަފާސް ހިސާބުތަކުން ވެސް 1204 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 10،000ށް ވުރެ މަތީގައި ހުރިއިރު ބެޑް ކެޕޭސިޓީ ފުލް ވެދާނެ ކަމުގެ ބިރު މިހާރު ވަނީ ހީފައެވެ. އަދި ރާއްޖޭގައި މިހާރު އިންޑިއާގައި މިހާރު ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއެންޓް އުޅޭނެ ކަމަށް ޑޮކްޓަރުން ވަނީ ލަފާކޮށްފައެވެ.