ކ. މާލެ
|
11 މެއި 2021 | އަންގާރަ 17:00
ވިސެލަށް ކުޅެމުން އަންނަ ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ
ވިސެލަށް ކުޅެމުން އަންނަ ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ
ގެޓީ އިމޭޖަސް
އިނިއެސްޓާ އެއްބަސްވުން އާކުރުން
ވިސެލް ކޯބޭގެ އެއްބަސްވުން އިނިއެސްޓާ އާކޮށްފި
އިނިއެސްޓާ ވަނީ ވިސެލުގެ އެއްބަސްވުން އިތުރު ދެ އަހަރަށް އާކޮށްފައި
ބާސާ ދޫކޮށް އިނިއެސްޓާ ވިސެލަށް ބަދަލުވީ 2018 ވަނަ އަހަރު

ޖަޕާނުގެ ވިސެލް ކޯބޭއާއެކު ހަދާފައިވާ އެއްބަސްވުން ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަންދްރެސް އިނިއެސްޓާ އިތުރު ދެ އަހަރަށް އާކޮށްފިއެވެ.

ބާސެލޯނާގައި 20 އަހަރު ހޭދަކުރުމަށްފަހު އިނިއެސްޓާ ވިސެލަށް ބަދަލުވީ 2018 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އެ ފަހަރު އޭނާ ވަނީ ވިސެލާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުން އަންނަ މަހުގެ ނިޔަލަށް ހަމަވާއިރު، 37 އަހަރު ފުރުނު ދުވަހު އިނިއެސްޓާ ވަނީ އެއްބަސްވުން އާކޮށްފައެވެ. ވިސެލުގެ އެއްބަސްވުން އިތުރު ދެ އަހަރަށް އިނިއެސްޓާ އާކުރުމާއެކު، 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ޓީމުގައި އޭނާ މަޑުކުރާނެއެވެ.

އެއްބަސްވުން އާކުރުމަށްފަހު އިނިއެސްޓާ ބުނީ އިނިއެސްޓާ ބުނީ ވިސެލުގެ އެއްބަސްވުން އާކުރަން ނިންމީ މި ވަގުތަށް ބަލާއިރު އެއީ އެންމެ ރަނގަޅު ނިންމުން ކަމަށް ފެންނާތީ ކަމަށެވެ. އަދި މީގެ ކުރިން ވިސެލުގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރި ނަމަވެސް، މިހާތު އެ ޓީމުގައި ހުރީ އުފަލުން ކަމަށްވެސް އިނިއެސްޓާ ވަނީ ބުނެފައެވެ.

މިހާތަނަށް ވިސެލަށް ކުޅެދިން 75 މެޗުގައި އިނިއެސްޓާ 16 ލަނޑު ޖަހާފައިވާއިރު، އޭނާ ވަނީ އެ ޓީމާއެކު 2019 ވަނަ އަހަރު ޖަޕާނުގެ އެމްޕަރާ ކަޕާއި، މިދިޔަ އަހަރު ޖަޕާނުގެ ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

އަދި އޭގެ ކުރިން އޭނާ ވަނީ ބާސާގައި ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ބާސާގެ ސީނިއާ ޓީމުގައި 16 އަހަރު ހޭދަކުރި އިނިއެސްޓާއަކީ 669 މެޗާއެކު ބާސާއަށް ތިންވަނައަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާއެވެ. އިނިއެސްޓާ ބާސާއާ ގުޅިފައި ވަނީ 1996 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، އުމުރުން އެންމެ 12 އަހަރުގައެވެ. އަދި 32 ތައްޓާއެކު އިނިއެސްޓާއަކީ ބާސާގެ ތާރީޚުގައިވެސް އެންމެ ގިނަ ތަށި ކާމިޔާބުކުރި އެއް ކުޅުންތެރިޔާއެވެ. ބާސާއާއެކު އިނިއެސްޓާ ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި ސްޕެނިޝް ލީގު ނުވަ ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގުގެ ހަތަރު ފަހަރު ހޯދުން ފާހަގަކޮށްލެވެއެވެ.

- ކޮމެންޓް