ޔޫރަޕިއަން ސުޕަ ލީގުން ވަކިވާން އިޓާލިއަން ފުޓްބޯޅަ ފެޑެރޭޝަނުން ޔުވެންޓަސްއަށް ފަހު އިންޒާރު ދީފިއެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޔޫރަޕުގެ ނަން މަޝްހޫރު ކުލަބުތެއް ގުޅިގެން އުފެއްދި ސުޕަ ލީގުގައި އިޓާލިއަން ލީގުގެ ތިން ކުލަބެއް ހިމެނުނެވެ. އެއީ ޔުވެންޓަސް އާއި، އިންޓަ މިލާން އަދި އޭސީ މިލާނެވެ. އެކަމަކު އިންޓަ އާއި މިލާނުން ވަނީ ފަހުން މި މުބާރާތުން ވަކިވެފައެވެ. އަދި އެ ލީގުގައި ހިމެނުނު އިނގިރޭސި ހަ ކުލަބާއި ސްޕެއިނުގެ އެތުލެޓިކޯއިންވެސް ވަނީ ފަހުން މި މުބާރާތުން ވަކިވެފައެވެ.
ސުޕަ ލީގުން ވަކިވާން އިޓަލީގެ ޓީމުތަކަށް އޮތް އެންމެ ފަހުގެ މުއްދަތަކީ ޖޫން މަހުގެ 20 ވަނަ ދުވަހެވެ. އެ މުއްދަތުގެ ކުރިން ސުޕަ ލީގުން ޔުވެންޓަސް ވަކިނުވެއްޖެނަމަ، އަންނަ ސީޒަނުގައި އިޓާލިއަން ލީގުން އެ ޓީމަށް ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ފަހު އިންޒާރު ދީފައެވެ.
ސުޕަ ލީގުގައި ބައިވެރިވި ތިން ކުލަބަށް ފިޔަވަޅު އެޅުމަށް އެ ލީގުގެ 11 ކުލަބަކުން މީގެ ކުރިން ގޮވާލިއިރު، އިޓަލީގެ ކުލަބުތަކާއެކު މީގެ ކުރިން ބޭއްވި މަޝްވަރާ ބައްދަލުވުންތަކުގައި ވަނީ ޔުއެފާ އާއި ފީފާއިން ބަލައިނުގަންނަ އަމިއްލަ ލީގުތަކުގައި އިޓާލިއަން ލީގުގެ ޓީމުތަކަށް ނުކުޅެވޭނެ ކަމަށް ފާސްކޮށްފައެވެ. އަދި އެފަދަ ލީގެއްގައި ބައިވެރިވާ ޓީމަކަށް އިޓާލިއަން ލީގުން ފުރުސަތު ނޯންނާނެ ކަމަށްވެސް ވަނީ ފާސްކޮށްފައެވެ.
އަދި ދާދި ފަހުން ޔުއެފާއިންވެސް ވަނީ ސުޕަ ލީގުން ވަކިވި ކުލަބުތަކަށް ފިޔަވަޅު އަޅާފައެވެ. އެގޮތުން ޔުއެފާއިން ވަނީ ސުޕަ ލީގުން ވަކިވި ކުލަބުތަކުން 15 މިލިޔަން ޕައުންޑް އެއްކޮށް ޔުއެފާގެ ގްރާސްރޫޓް ޕްރޮގްރާމަށް ފަންޑުކުރަން އެންގުމާއި، އެއް ސީޒަން ވަންދެން އެ ކުލަބުތަކަށް ލިބޭ ފައިސާގެ ފަސް އިންސައްތަ ޔުއެފާއަށް ނެގުމުގެ އިތުރުން، ކުރިއަށް އޮތްތަނުގައި ސުޕަ ލީގު ފަދަ ޔުއެފާގެ އުސޫލާ ޚިލާފު މުބާރާތެއްގައި ބައިވެރިވެއްޖެނަމަ 100 މިލިޔަން ޕައުންޑުގެ ޖޫރިމަނާއެއް ދައްކަން އެއްބަސްވުމާއި، ޔުއެފާގެ އެ ނޫން ވެސް އެހެން ކޮންމެ އުސޫލަކާ ޚިލާފުވެއްޖެނަމަ އެ ކުލަބެއް 50 މިލިޔަން ޕައުންޑްގެ ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.
އަދި ސުޕަ ލީގުގައި މި ވަގުތު އޮތް ތިން ކުލަބުން އެ ލީގުން ވަކިނުވެއްޖެނަމަ، ޔޫރަޕުގެ މުބާރާތްތަކުން އެ ކުލަބުތައް ދެ އަހަރަށް ސަސްޕެންޑްކުރަން ނިންމާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސުޕަ ލީގުގައި ހިމެނުނު ނުވަ ކުލަބެއް މުބާރާތުން ވަކިވުމާއެކު އެ ލީގު ހުއްޓުމަކަށް އައިސްފައިވީ ނަމަވެސް، މީގެ ކުރިން ސުޕަ ލީގުން ނެރުނު ބަޔާނެއްގައި ވަނީ ސުޕަ ލީގުގެ މަސައްކަތް އެއްކޮށް ހުއްޓާނުލާނެ ކަމަށާއި، އެގޮތުން މުބާރާތުގެ ފޯމެޓަށް ގެނެވޭނެ ބަދަލުތައް ދިރާސާކުރަމުން އަންނަ ކަމަށް ބުނެފައެވެ.