ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ސައުދީން ބޭރު ގައުމުތަކަށް ދީފައިވީ ނަމަވެސް އަދި ރާއްޖެއަށް ރަސްމީކޮށް ހުއްދަ ނުލިބޭ ކަމަށާއި، ހުއްދަ ލިބުނުހާ އަވަހަކަށް އިންތިޒާމުތައް ފައްޓަވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖެއެމްވީ އަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި މިނިސްޓަރ ވިދާޅުވީ ހައްޖަށް މީހުން ގެންދާނީ ކޮންމެ ގައުމަކުން ވެސް ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްގެން ކަމަށެވެ. އަދި ރާއްޖެއަށް ވެސް އޮންނާނީ އެ އުސޫލު ކަމަށާއި، ގައުމުތަކަށް ހުއްދަ ދޭން ނިންމި ނަމަވެސް ހުއްދަ ދެނީ ކޮން ގައުމުތަކަކަކަށް ކަމާއި ކިހާ މީހުންނަކަށް ކަމެއް އަދި ނޭނގޭ ކަމަށް ވިދާޅުވިއެވެ. އަދި ކޮވިޑް-19ގެ ސަބަބުން ވަކި ފިޔަވަޅުތަކެއް އަޅަން ޖެހޭއިރު އެ ތަފްސީލްތައް ވެސް އަދި ނުލިބޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިހާރު މަޑުކުރަނީ އެ މައުލޫމާތުތައް ލިބޭނެ އިރަކަށް ކަމަށާއި، ރަސްމީ ހުއްދަ ލިބުނުހާ އަވަހަކަށް ތައްޔާރީތައް ފައްޓަވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ފަހު ވަގުތު ކަންކަން ނިންމަން ޖެހުމަކީ ވަރަށް ޚަރަދު ބޮޑުވާނެ ކަމެއް ކަމަށެވެ. އެގޮތުން ދަތުރާއި މަޑުކުރާ ހޮޓާތައް ބުކް ކުރުމުގައި ބޮޑު ޚަރަދެއް ދާނެ ކަން ފާހަގަކުރެއްވިއެވެ. އެކަމަކު ކިތަންމެ ލަހުން ހުއްދަ ލިބުނުކަމުގައި ވިޔަސް ހައްޖަށް ދިއުމުގެ ފުރުސަތު ދިވެހިންނަށް ދޭނެ ކަމަށް ވިދާޅުވިއެވެ.
އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ އެ ބޭފުޅުންގެ ފަރާތުން ޚަބަރެއް ލިބޭތޯ. އަދި ވަގުތުކޮޅެއް ނަގާނެ ހެން ހީވަނީ. އެންމެ ފަހު ވަގުތަށް ވެސް އަޅުގަނޑުމެންނަށް ފުރުސަތެއް ލިބިއްޖެއްޔާ އެ ފުރުސަތުގެ ބޭނުން ހިފާނަން. ދިވެހިންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދޭނަން.އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
މިނިސްޓަރ ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ހައްޖުގައި ވެސް ޚާއްސަ ފިޔަވަޅުތަކެއް އަޅައި ގައިދުރުކަން ބަހައްޓަން ސައުދީން ނިންމާފައިވާ ކަމަށެވެ. އެހެންވެ ހުރިހާ ގައުމަކަށް ހުއްދަ ލިބޭނެ ކަމަށް ނުބެލެވޭ ކަމަށާއި، އެހެން އަހަރުތަކާ އަޅައިބަލާއިރު، ކޯޓާ ވެސް މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އާންމުކޮށް ހައްޖަށް ދާން 1000 ކޯޓާ ދޭ ކަމަށާއި، ކޮވިޑް ގެ ސަބަބުން މި އަހަރު އެ ކޯޓާ މަދުވާނެ ކަމަށް ބެލެވޭ ކަމަށް ވިދާޅުވިއެވެ.
އުސޫލެއްގެ ގޮތުން ލިބޭ ކޯޓާގެ 50 ޕަސެންޓު އަބަދުވެސް ދެނީ ހައްޖު ކޯޕަރޭޝަން އަށެވެ. އެހެންނަމަވެސް މި ފަހަރު ކަންތައްތައް ވާގޮތުން އެކަމަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ޝައްވާލް މަސް ނުނިމެނީސް ހުއްދަ ލިބިއްޖެ ނަމަ އަމިއްލަ ފަރާތްތަކަށް ހުއްދަ ދެވިދާނެ ކަމަށާއި އޭގެ ފަހުން ލިބިއްޖެ ނަމަ ހައްޖު ކޯޕަރޭޝަން އިން ކުރިއަށްގެންދާނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިހާލަތުގައި ނޭނގެ ކިހާވަރެއްގެ ކޯޓާއެއް ކަމެއް ލިބޭނީ. ބަލިމަޑުކަމުގައި ހީނުވޭ 1000 ކޯޓާ ލިބޭނެ ހެނެއް. ކޯޓާ ލިބޭ އަދަދެއް އެނގުނީމަ ދެން އެނގޭނީ ކިހިނެއް ކަމެއް އިންތިޒާމްކުރާނީ. މި ބަލަނީ ޝައްވާލް މަހު ލިބުނަސް 1000 ކޯޓާ ލިބިއްޖެއްޔާ މިހާރުގެ އުސޫލުން ކުރިއަށް ދެވޭތޯ. ކޯޓާ އެވަރަށް ނުލިބިއްޖެއްޔާ ދެން ޖެހޭނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ކުރިއަށްގެންދަން.އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
ހައްޖުގެ ފުރުސަތު އެހެން ގައުމުތަކަށް ހުޅުވާލުމާ ގުޅޭގޮތުން ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ ކޮވިޑާ ގުޅިގެން ޚާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ހައްޖުވެރިން އަމަލުކުރަން ޖެހޭ އުސޫލުތައް ކަނޑައެޅުމަށްޓަކައި ގުޅުން ހުރި އިދާރާތަކާ މަޝްވަރާ ކުރަންމުން އަންނަ ކަމަށެވެ. ހައްޖަށް ފުރުސަތުދެވޭ ގައުމުތަކާއި ބައިވެރިންގެ އަދަދާ މެދުވެސް މަޝްވަރާތައ ކުރިއަށްދާނެ ކަމަށް ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ހައްޖުގެ އަޅުކަމަށް ސައޫދީއަށް އެތެރެވާ މީހުން އަމަލުކުރަން ޖެހޭ ގަވާއިދެއް އާންމުކުރާނެ ކަމަށާއި ހައްޖުވެރިންގެ ސިއްހަތަކީ އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށެވެ. ސައޫދީ އަރަބިއްޔާއިން ބޭރު ގައުމުތަކަށް ހައްޖު ކެންސަލްކުރަން ވިސްނަމުން އަންނަ ކަމަށް ރޮއިޓާސްއިން މިދިޔަ ހަފްތާގައި ރިޕޯޓުކޮށްފައިވެއެވެ. ސަބަބެއް ކަމަށް ބުނެފައި ވަނީ ގައުމުތަކުގައި އަދި ވެސް ކޮވިޑް ކޮންޓްރޯލްކުރެވިފައި ނުވާތީއެވެ.
ސައުދީން މިދިޔަ އަހަރު ވެސް ބޭރު ގައުމުތަކަށް ހައްޖުވުމުގެ ފުރުޞަތު ހުޅުވާލާފައެއް ނުވެއެވެ. މިދިޔަ އަހަރު ހައްޖުގައި ބައިވެރިކުރީ އެގައުމުގައި ތިބި 1،000 މީހުންނާއި، ޚާއްސަ ދައުވަތު ދިން ފަރާތްތަކެވެ.