ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިންތިހާއަށް އިތުރުވެފައިވާއިރު، އެޑްމިޓްކުރާ މީހުންގެ އަދަދު އިތުރުވެ ބެޑް ކެޕޭސިޓީ ފުރެމުންދާކަން އެޗްއީއޯސީން ހާމަކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވަނީ މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުންދާ މީހުންނާއި، ބެޑް ކެޕޭސިޓީގެ ތަފްސީލްތައް ހިއްސާކޮށްދެއްވާފައެވެ. އަދި އެއިން ކޮންމެ ތަނެއްގައި ޑޮކްޓަރުންނާއި ނަރުހުން ތިބި އަދަދު ވެސް ވަނީ ހާމަކޮށްފައެވެ.
މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލްގެ ތިން ފްލޯއެއް މިހާރު ވެސް ކޮވިޑް-19ށް ހާއްސަކޮށްފައިވާ ކަމަށެވެ. އެގޮތުން މީގެ ކުރިން ބަލި މީހުންނަށް އައިސީޔޫގެ ގޮތުގައި ބޭނުންކުރި ޑީއެޗް-11އާއި، ޑީއެޗް-16ގެ އިތުރަށް ޑީއެޗް-17 ވެސް މިހާރު ކޮވިޑް-19ށް ހާއްސަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ޑީއެޗް-11 ގައި 8 މީހަކު އެޑްމިޓްކޮށްފައިވާއިރު އޭގެ ތެރެއިން ހަތަރު މީހުން ތިބީ ވެންޓިލޭޓަރގައެވެ. ޑީއެޗް-16ގައި 6 މީހަކު އެޑްމިޓްކޮށްފައިވެއެވެ.
މި ދެ ފްލޯއަށް ބަލާއިރު 11ގައި ހަރަކާތްތެރިވަމުން އަންނަނީ 15 ނަރުހުންނާއި 5 މެޑިކަލް އޮފިސަރުންގެ އިތުރަށް ދެ ވޯޑް އެޓެންޑަންޓުންނެވެ. އަދި 16ގައި 10 ނަރުހުންނާއި 5 ވޯޑް އެޓެންޑަންޓުން ތިބި އިރު 17 ވަނަ ފްލޯ ވެސް ބަލަހައްޓަމުންދަނީ އެ ވޯޑް އެޓެންޑެންޓުންނެވެ. އަދި އެ ފްލޯގައި 8 ނަރުހަކު މަސައްކަތްކުރެއެވެ.
ކޮވިޑް-19ގެ ފަރުވާއަށް ހަދާފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 214 މީހަކު އެޑްމިޓްކޮށްފައިވާއިރު އެތަނުގައި މަސައްކަތްކުރަނީ 88 ނަރުހަކާއި 9 މެޑިކަލް ސްޓޫޑަންޓުންގެ އިތުރަށް 18 ޑޮކްޓަރުންނާއި 18 އެޓެންޑަންޓުން ކަމަށް ވިދާޅުވިއެވެ. ނިސްބަތުން ބަލާ ނަމަ އެއީ 12 މީހުންނަށް އެއް ޑޮކްޓަރެވެ. އަދި ކޮންމެ ދެ މީހަކަށް ނަރުހެކެވެ.
މީގެ އިތުރަށް އަތޮޅުތެރޭގައި އެޑްމިޓްކޮށްފައިވާ މީހުންގެ ތަފްސީލްތައް ވެސް އާންމުކޮށްފައިވާއިރު، ބ. އޭދަފުށީ މެޑިކަލް ފެސިލިޓީގައި ދެ މީހުން، ށ. ފުނަދޫ މެޑިކަލް ފެސިލީޓިގައި 6 މީހުން އަދި ލ. ގަން ފެސިލިޓީގައި 7 މީހަކު ވަނީ އެޑްމިޓްކޮށްފައެވެ.
މިވަގުތު ބަލި މީހުން ކަރަންޓީންކުރާ ފެސިލިޓީތަކުގެ ގޮތުގައި ހަމަޖައްސާފައިވަނީ ފަރުކޮޅުފުށި، ވެލިދޫ އަދި ހޮރައިޒަން ފެސިލިޓީއެވެ. އެތަންތަން ވެސް ވަނީ ފުރެން ގާތްވެފައެވެ. އެގޮތުން ހޮރައިޒަންގެ 44 އެނދުގެ ތެރެއިން 24 އެނދު ފުރިފައިވާއިރު، ވެލިދޫގެ 93 އެނދުގެ ތެރެއިން 88 އެނދު ވަނީ ފުރިފައެވެ. އަދި ފަރުކޮޅު ފުށީގެ 111 އެނދުގެ ތެރެއިން 75 އެނދު ފުރިފައިވާއިރު އެތަނަށް އިތުރު 52 އެނދު އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.
ފެސިލިޓީތައް ފުރި ޑޮކްޓަރުން މަދުވެފައިވާއިރު، ކޮވިޑް-19ގެ ހާލަތުގައި މަސައްކަތްކުރާނެ ވޮލަންޓިއަރ ޑޮކްޓަރުން ހޯދުމަށް ހެލްތު މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ. އަދި ފެސިލިޓީތައް އިތުރުކުރުމުގެ މަސައްކަތް ވެސް މިހާރު ކުރަމުން އަންނަ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ. ރާއްޖެއިން މިހާރު ކޮވިޑް-19 ޖެހިފައިވާ މީހުންގެ އަދަދު 37،000ށް ވުރެ މައްޗަށް ގޮސްފައިވާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1000ން މަތީގައެވެ.