ކ. މާލެ
|
11 މެއި 2021 | އަންގާރަ 01:55
އަލީ އާޒިމް
އަލީ އާޒިމް
މަޖިލިސް
އަލީ އާޒިމް އިސްތިއުފާ ދެއްވުން
ބޮޑު ޚިޔާނާތުގެ އައު ލިސްޓު ލިބުމާއެކު އަލީ އާޒިމް 241 ކޮމިޓީން އިސްތިއުފާ ދެއްވައިފި
އާޒިމްގެ ބަދަލުގައި މަޖިލީހުގެ ނާއިބުރައީސާ އީވާ އަބްދުﷲ ކޮމެޓީއާ ގުޅިވަޑައިގެންނެވުމަށް ވަނީ ނިންމަވާފައި
އަލީ އާޒިމް އިސްތިއުފާ ދެއްވުމުން ނާއިބު މުގައްރިރުގެ މަގާމަށް ހަސަން ލަތީފު ވަނީ ހަމަޖައްސާފައި

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަތައް ބަލަމުންދާ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ ނުވަތަ 241 ކޮމެޓީން އެ ކޮމިޓީގެ ނާއިބު މުގައްރިރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އިސްތިއުފާ ދެއްވައިފި އެވެ. އާޒިމަކީ އެމްޑީޕީގެ ޕީޖީ ލީޑަރެވެ. އެގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރެވެ.

އަލީ އާޒިމް އިސްތިއުފާ ދެއްވުމާއެކު، 241 ކޮމެޓީން ބޭއްވި ބައްދަލުވުމުގައި ކޮމެޓީގެ ހުސްވެފައިވާ ނާއިބު މުގައްރިރުގެ މަގާމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ހަމަޖައްސާފައެވެ. މި މަގާމަށް އޭނާ ހޮވިވަޑައިގެންނެވީ ކޮމިޓީގައި ބައިވެރިވި 13 މެމްބަރުންގެ ވޯޓާ އެކުއެވެ.

ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ކޮމެޓީގެ ނާއިބު މުގައްރިރުގެ މަގާމުގައި ހުންނަވައިގެން އާޒިމް ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.  

އާޒިމް ކޮމެޓީން ވަކިވެވަޑައިގެންފައި މިވަނީ، ކުރިން ތަހުގީގީ އިދާރާތަކުން އާންމުކޮށްފައިވާ ލިސްޓުގައި ނުހިމެނޭ 14 މީހުންގެ ނަމާއެކު، އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ހިމެނޭ މެންބަރުންގެ އައު ލިސްޓެއް އެސެޓް ރިކަވަރީ ކޮމެޓީން ފޮނުވާފައި ވަނިކޮށެވެ.

އަލީ އާޒިމް އސްތިއުފާ ދެއްވުމާއެކު ބަދަލުގައި މަޖިލީހުގެ ނާއިބުރައީސާ އީވާ އަބްދުﷲ 241 ކޮމެޓީއާ ގުޅިވަޑައިގެންނެވުމަށް ވަނީ ނިންމަވާފައެވެ. ކޮމެޓީގެ ބޭއްވި ބައްދަލުވުމުގައި، އަސްލަމް ވިދާޅުވީ، އާޒިމްގެ ބަދަލުގައި ދެން ކޮމެޓީގައި އިންނަވާނީ އީވާ ކަމަށެވެ.

އީވާއަކީ ކޮމެޓީގައި ކުރިންވެސް ހިމެނިވަޑަގެންނެވި މެންބަރެކެވެ. އެހެންނަމަވެސް، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން، މަސައްކަތް ބުރަވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ، ކޮމެޓީން އިވާ ވަނީ ވަކިވެވަޑައިގެންފައެވެ. އީވާގެ ބަދަލުގައި ކޮމެޓީއަށް ހަމަޖެއްސީ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިންއެވެ.

ކޮމެޓީން ވަކިވެ ވަޑައިގެންނެވި އިރުވެސް އެމްއެމްޕީއާރްސީގެ މައްސަލައާއި، ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގެ މައްސަލައަށް އަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށް އީވާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް