ކ. މާލެ
|
10 މެއި 2021 | ހޯމަ 04:27
ރެއާލާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ރެއާލާއި ސެވިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗު އެއްވަރުވީ 2-2 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
ސެވިއްޔާއާ އެއްވަރުވެ ރެއާލުން ފުރުސަތު ނަގާލައިފި
 
ރެއާލާއި ސެވިއްޔާ އެއްވަރުވީ 2-2 ގެ ނަތީޖާއަކުން
 
ތާވަލުގެ ދެވަނައިގައި ރެއާލް އޮތީ 75 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުގައި ސެވިއްޔާއާ އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

ރެއާލުގެ ދަނޑުގައި ކުޅުނު މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 12 ވަނަ މިނެޓުގައި ކަރިމް ބެންޒެމާ ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު އޭގެ ކުރިން އެ ޓީމުގެ އަލްވާރޯ އޮޑްރިއޮޒޯލާ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިގެންފައެއް ނުވެއެވެ. އެއާއެކު މެޗުގެ 22 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލީޑު ނަގާފައެވެ. އިވާން ރަކިޓިޗް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެނާންޑޯއެވެ. މި މެޗުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މާކޯ އަސެންސިއޯއެވެ.

އެކަމަކު މެޗުގެ 78 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރަކިޓިޗް ވަނީ ސެވިއްޔާއަށް އަލުން ލީޑު ނަގާދީފައެވެ. އެންމެ ފުރަތަމަ ރެއާލަށް ޕެނަލްޓީއެއް ދޭން ރެފުރީ ނިންމި ނަމަވެސް، އެ ނިންމުން ބަދަލުކޮށް ސެވިއްޔާއަށް ޕެނަލްޓީއެއް ދީފައިވަނީ ވީއޭއާރް ބެލުމަށްފަހު އޭގެ ކުރިން އޭރިއާ ތެރެއިން ރެއާލުގެ އެޑާ މިލިޓާއޯގެ އަތުގައި ބޯޅަ ޖެހުމުންނެވެ. މި މެޗުން ރެއާލް ބަލިވާން ދަނިކޮށް، އެ ޓީމު ސަލާމަތްވީ މެޗުގެ އިތުރު ވަގުތުގައި އެޑެން ހަޒާޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މި ނަތީޖާއާއެކު ރެއާލް އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 35 މެޗުން ލިބުނު 75 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ބާސެލޯނާއަށްވެސް 35 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް ކުރި ކިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ. އަދި ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 35 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ރެއާލާ އެއްވަރުކުރި ސެވިއްޔާ އޮތީ ތާވަލުގެ ހަތަރުވަނައިގައި 35 މެޗުން 71 ޕޮއިންޓާއެކުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް