ޗައިނާގެ ޖައްވީ ރޮކެޓްގެ ބައިތައް ރާއްޖޭގެ ކައިރިން ކަނޑަށް ފޭބުމުން, އެމެރިކާގެ ޖައްވީ އިދާރާ، ނާސާއިން ޗައިނާއަށް ބަހުގެ ހަމަލާއެއް ފޮނުވާލައިފިއެވެ.
މި ރޮކެޓަކީ ޗައިނާއިން ގާއިމުކުރާ ޖައްވީ ސްޓޭޝަން ކަމަށްވާ "ޓިއަންހޭ ސްޕޭސް ސްޓޭޝަން" ގެ ފުރަތަމަ މޮޑިއުލް ލޯންޗުކުރުމަށް އޭޕްރީލް މަހުގެ 29 ވަނަދުވަހު ފޮނުވާލި އުޅަނދެކެވެ.
'ލޯންގް މާޗް ފައިވް - ބީ' ގެ ނަން ނަންދީފައިވާ މި ރޮކެޓް ވަނީ ޖައްވީ ސްޓޭޝަނުގެ ފުރަތަމަ މޮޑިއުލް ކާމިޔާބުކަމާއެކު ގެންގޮސްފައެވެ. އެހެންނަމަވެސް ރޮކެޓްގެ ކޮންޓްރޯލް ގެއްލި، ދުނިޔޭގެ ވައިގެ ފަށަލައަށް އަލުން ވަނުމާއެކު ގޮވައި ކުދިކުދިވެ އޭގެ ބައިތައް ރާއްޖޭގެ ހުޅަނގުން ނިލަންދެއަތޮޅުތަކާއި ގާތަށް އާދީއްތަ ދުވަހު ވަނީ ފައިބާފައެވެ.
މިކަމާ ގުޅިގެން ނާސާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖައްވީ އުޅަނދުތައް އަނބުރާ ދުނިޔެއަށް އަންނައިރު އޭގެ ސަބަބުން މީހުންނަށާއި މުދަލަށް ގެއްލުން ނުވާނެހެން އަމަލު ކުރަންޖެހޭ ކަމުގައެވެ. ޖައްވަށް އެކި ކަހަލަ އުޅަނދުތައް ފޮނުވައި ގެނެސް ހަދާ ގައުމުތަކުން މިކަމަށް ފަރުވާތެރިވާން ޖެހޭ ކަމުގައެވެ. ޖައްވީ ޕްރޮގްރާމްތައް ހިންގަންވާނީ ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ކަމަށް ބުނެފައިވެއެވެ.
ޖައްވަށް ރޮކެޓެއް ފޮނުވާލީމާ އެހިސާބުން ގާބިލް ބަޔަކަށް ވެވުނީ ނޫންކަމަށާއި އެޒާތުގެ މަސައްކަތް ޒިންމާދާރު ކަމާއެކު ކުރިއަށް ގެންދިޔުމުގައި ޗައިނާގެ ގާބިލްކަމެއް ނެތްކަން މިހާރު ސާފުކޮށް އެނގޭ ކަމަށްވެސް މި ބަޔާނުގައި ވެއެވެ.
ޗައިނާއިން ބުނެފައިވަނީ އެ ގައުމުގެ ޖައްވީ ރޮކެޓް ހަލާކުވެގެން އޭގެ ބައިތައް ދުނިޔޭގެ ވައިގެ ފަށަލައިގެ ތެރެއަށް ވަދެފައިވަނީ ޗައިނާ ގަޑިން ހެނދުނު 10:30 ގައި ކަމަށެވެ. މި ބައިތައް ރާއްޖެއާ ގާތުން ކަނޑަށް ފޭބުމުގެ ކުރިން, ވަރަށް ބޮޑަށް އަނދާފައި ވާކަމަށް ވެސް ބުނެއެވެ.
'ލޯންގް މާޗް ފައިވް - ބީ' ރޮކެޓަކީ 30 މީޓަރު ދިގު، ފަސް މީޓަރު ފުޅާ، ބަރުދަނުގައި 21 ޓަނު ހުރި ރޮކެޓެކެވެ. މިއީ މިހާ ބޮޑު އުޅަނދެއް ކޮންޓްރޯލެއްނެތި ދުނިޔެއަށް ވެއްޓުނު ފުރަތަމަ ފަހަރެވެ.