އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް މޮޅުވެއްޖެއެވެ.
ޔުނައިޓެޑް މޮޅުވީ ރަށުން ބޭރުގައި ކުޅުނު މެޗުން އެސްޓަން ވިލާ އަތުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ވިލާއިން ވަނީ ލީޑު ނަގާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާޓްރަންޑް ޓްރައޯރޭއެވެ. އެކަމަކު ދެވަނަ ހާފުގައި ޔުނައިޓެޑުން ވަނީ ތިން ލަނޑު ޖަހައި، އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ.
އެގޮތުން ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ބްރޫނޯ ފެނާންޑޭސް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ ޕައުލް ޕޮގްބާއަށް ވިލާގެ ޑަގްލަސް ލުއީޒް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގައިދީފައެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޔުނައިޓެޑުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެޑިންސަން ކަވާނީއެވެ. އަދި މި މެޗު ވިލާއިން ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އޮލީ ވަޓްކިންސްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.
މި މެޗުން ޔުނައިޓެޑް މޮޅުވުމާއެކު ލީގު ހޯދުމަށް ސިޓީން ކުރަމުން އަންނަ އިންތިޒާރު ވަނީ ދިގުވެފައެވެ. ލީގުގައި ހޮނިހިރު ދުވަހުގެރޭ ޗެލްސީ އަތުން ސިޓީ ބަލިވިއިރު، ދެން އެންމެ އަވަހަށް ލީގު ލިބެން އޮތީ އަންގާރަ ދުވަހުގެރޭ ލެސްޓާ ސިޓީ އަތުން ޔުނައިޓެޑް ބަލިވެއްޖެނަމައެވެ. އެ މެޗުން ޔުނައިޓެޑް ބަލިނުވި ނަމަވެސް، އަންނަ ހުކުރު ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްގެން ސިޓީއަށް ލީގު ކަށަވަރުކުރެވޭނެއެވެ.
މިހާރު އޮތް ގޮތުން ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 80 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ޔުނައިޓެޑް އޮތީ 34 މެޗުން 70 ޕޮއިންޓް ހޯދައިގެންނެވެ.
މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ވެސްޓް ބްރޮމްވިޗް އެލްބިއަން އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.
މި މެޗުގައި އާސެނަލުން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 29 ވަނަ މިނެޓުގައި އެމިލް ސްމިތު-ރޯ ވަނީ އާސެނަލަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ހަ މިނެޓު ފަހުން އާސެނަލުގެ ލީޑު ފުޅާކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ނިކޮލަސް ޕެޕޭއެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެން ވެސްޓް ބްރޮމުން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 67 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަތެއުސް ޕެރެއިރާއެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ހިލޭ ޖެހުމަކުން ވިލިއަން ވަނީ ލަނޑެއް ޖަހައި، އާސެނަލަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މިއީ މިދިޔަ ހޫނު މޫސުމުގައި ޗެލްސީ ދޫކޮށް އާސެނަލަށް ބަދަލުވިފަހުން ވިލިއަން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މި މޮޅާއެކު އާސެނަލް އޮތީ ތާވަލުގެ ނުވަވަނައިގައި ކުޅުނު 35 މެޗުން 52 ޕޮއިންޓާއެކުއެވެ. އަދި މި ނަތީޖާއާއެކު ވެސްޓް ބްރޮމް ދެވަނަ ޑިވިޝަނަށް ރެލިގޭޓްވިއިރު، އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި 35 މެޗުން 26 ޕޮއިންޓާއެކުއެވެ.