އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ސަމްޕްޑޯރިއާ އަތުން ޗެމްޕިއަން އިންޓަ މިލާން ފަސޭހަކަމާއެކު މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އިންޓަ މޮޅުވީ 5-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި އިންޓައިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބާޓޯ ގަލިއާޑީނީއެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި އެލެކްސިސް ސަންޗޭޒް ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ.
އޭގެ ފަހުން މެޗުގެ 35 ވަނަ މިނެޓުގައި ކެއިޓާ ބާލްޑޭގެ ލަނޑުން ސަމްޕްޑޯރިއާއިން ފަރަގު ކުޑަކުރި ނަމަވެސް، އޭގެ މިނެޓެއް ފަހުން ސަންޗޭޒް ވަނީ އިތުރު ލަނޑެއް ޖަހައި، އިންޓައަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި އަންދްރެއާ ޕިނަމޯންޓީ އިންޓަގެ ހަތަރުވަނަ ލަނޑު ޖަހައިދިންއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފަސްވަނަ ލަނޑު 70 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ލަޓާރޯ މާޓިނޭޒެވެ.
މި މެޗުން އިންޓަ މޮޅުވިއިރު، މި މެޗުގެ ކުރިން އެ ޓީމުން ވަނީ ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. މިއީ 11 އަހަރުތެރޭ އިންޓައިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
ސަމްޕްޑޯރިއާ އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އިންޓަ އޮތީ ކުޅުނު 35 މެޗުން 85 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ނާޕޮލީއަށް 35 މެޗުން 70 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާ އާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަދި ފަސްވަނައިގައި އޮތް އޭސީ މިލާނަށް 34 މެޗުން ވަނީ 69 ޕޮއިންޓް ލިބިފައެވެ.