އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ޓޮޓެންހަމް ހޮޓްސްޕާ އަތުން ލީޑްސް ޔުނައިޓެޑް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލީޑްސް މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ. މި މެޗުން ލީޑްސް މޮޅުވިއިރު، މި ސީޒަނުގައި ލީޑްސްއިން ވަނީ ޕްރިމިއާ ލީގުގެ ގަދަ ހަ ޓީމު އަތުންވެސް އަމިއްލަ ދަނޑުގައި މޮޅުވެފައެވެ.
ހޮނިހިރު ދުވަހު ކުޅުނު މެޗުގައި ލީޑްސްއިން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން 13 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސްޓުއާޓް ޑަލަސްއެވެ. އެކަމަކު މެޗުގެ 25 ވަނަ މިނެޓުގައި ޑެލޭ އަލީ ދިން ޕާހަކުން ސޮން ހުއެން-މިން ވަނީ ލަނޑެއް ޖަހައި، ޓޮޓެންހަމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އޭގެ ފަހުން މި މެޗުގައި ލީޑްސްއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން އެ ޓީމުން ވަނީ އަލުން ލީޑު ނަގާފައެވެ. މި ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު ލީޑްސްއަށް ކާމިޔާބުކޮށްދިނީ ޕެޓްރިކް ބަމްފޯޑެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ރޮޑްރީގޯ ވަނީ ލީޑްސްއަށް ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުން ޓޮޓެންހަމް ބަލިވިއިރު، އެ ޓީމަށް މިހާރު ވަނީ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ހަނިވެފައެވެ. އެގޮތުން ޓޮޓެންހަމް އޮތީ ތާވަލުގެ ހަވަނައިގައި ކުޅުނު 35 މެޗުން ލިބުނު 56 ޕޮއިންޓާއެކުއެވެ. ތާވަލުގެ ހަތަރުވަނައިގައި އޮތް ޗެލްސީއަށް 34 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވަނީ 34 މެޗުން 58 ޕޮއިންޓް ލިބިފައެވެ. އަދި ޓޮޓެންހަމް ބަލިކުރި ލީޑްސް އޮތީ ތާވަލުގެ ނުވަވަނައިގައި 35 މެޗުން 50 ޕޮއިންޓާއެކުއެވެ.