ކ. މާލެ
|
10 މެއި 2017 | ބުދަ 00:43
ވޮލީ ޓީމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި 7 މެމްބަރުންގެ ކޮމިޓީ
ވޮލީ ޓީމުގެ ކަންކަން ބެލެހެއްޓުމަށް އެކުލަވާލި 7 މެމްބަރުންގެ ކޮމިޓީ
ރާއްޖެއެމްވީ
ވޮލީބޯލް
ގައުމީ ވޮލީ ޓީމުތަކަށް އަނެއްކާވެސް ހަތް މެމްބަރުންގެ ކޮމިޓީއެއް
ކޮމެޓީގެ ޗެއާމަނަކަށް ތަރި އަނީސް، ނައިބަކަށް މާޒް ސަލީމް
ކޮމެޓީގެ މަސައްކަތަކީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ އަހުލާގު ރަނގަޅުކުރުން
މި ކޮމެޓީގައި އަންހެން މެމްބަރަކާއެކު ޖުމްލަ 7 މެމްބަރުން ތިބޭނެ

ވޮލީބޯލް އެސޯސިއޭޝަންގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ކަންކަން ބެލެހެއްޓުމަށް 7 މެމްބަރުންގެ ކޮމިޓީއެއް އެކުލަވާލައި ކޮމިޓީގެ ޗެއާމަނަކަށް ތަރި މުހުއްމަދު އަނީސް ހަމަޖައްސައިފިއެވެ.

ވީއޭއެމުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިކޮމިޓީއަށް މެމްބަރުން ހަމަޖެއްސިކަން އިއުލާންކުރީ އެ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ލަތީފެވެ.

މި ކޮމެޓީގައި ހިމެނޭ ހަތް މެމްބަރުންނަކީ ޗެއާމަން ކަމަށް ތަރި މުހައްމަދު އަނީސާއި ނައިބު ރައީސް ކަމަށް ކުރީގެ ކޯޗު މާޒް އަހުމަދު ސަލީމާއި ސައީދު އަލީ އާއި އަންހެން ކުޅުންތެރިންގެ ކަންތައްތައް ބެލެހެއްޓުމަށް ފާތިމަތު ލިއުޝާ އާއި ޤާނޫނީ ވަކީލު އައްބާސް ޝަރީފާއި ރެފްރީންގެ ބައިން އަހުމަދު ސައިފުގެ އިތުރުން ވީއޭއެމްގެ ހިންގާ ކޮމިޓީގެ މެމްބަރު އަދި ގައުމީ ޓީމުގެ ޑިރެކްޓަރ އަލީ ލަތީފް (ޑިލައިޓް އައްލާ) އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވިދާޅުވީ ގައުމީ ޓީމުތަކަށް ކޮމިޓީއެއް އެކުލަވާލުމުގެ މަގްސަދަކީ ގައުމީ ޓީމުގެ ކުޅުންތެރިންނަކީ އަހުލާގު ރަނގަޅު ބަޔަކަށް ހަދައި އެކި މުބާރާތްތަކުން ރަނގަޅު ނަތީޖާތައް ނެރެދެވޭނެ ފަދަ ގާބިލް ބަޔަކަށް ކުޅުންތެރިން ހެދުން ކަމަށެވެ.

ލަތީފް ވިދާޅުވީ މި ކޮމެޓީ ވުޖޫދު ވުމަށްފަހު ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ކަންކަން ހިނގަމުންދާނީ އެ ކޮމިޓީގެ ބެލުމުގެ ދަށުން އެސޯސިއޭޝަނާއި ވަކިން ކަމަށާއި އެހެން ނަމަވެސް ކޮމިޓީގައި ހަރަކާތްތްތެރިވާ ފަރާތްތަކާ އެސޯސިއޭޝަނާއި އަބަދުވެސް ކުރިއަށްދާނީ އެކުއެކީގައި އެއް ފުރާޅެއްގެ ދަށުން ކަމަށެވެ.

ކޮމިޓީގެ ޗެއާމަން މުހައްމަދު އަނީސް ވިދާޅުވީ މިކޮމިޓީ އުފެދިގެން ދިއުމުން ގައުމީ ވޮލީ ޓީމު ހިންގުމަށް އިތުރު އެހީއެއް ލިބިގެންދާނެ ކަމަށާއި، އަވަސް މުސްތަގުބަލެއްގައި އެދެވޭ ބަދަލުތަކެއް ގައުމީ ޓީމަށް ގެނެވިގެންދާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ކޮމިޓީގެ ހިންގުމުގެ އޮނިގަނޑު ރާވާލާ މަސައްކަތް ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޮމިޓީގެ ޗެއާމަން ތަރި މުހައްމަދު އަނީސް ވިދާޅުވީ ވޮލީގެ ގައުމީ ޓީމުތަކުގެ ކަންކަން ބެލެހެއްޓުމަށް ކޮމެޓީއެއް އެކުލަވާލުމަކީ ވޮލީ ކުރިއަށް ގެންދިއުމަށް މިހާރުގެ އެކްސްކޯ އިން ނެންގެވި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށާއި އެހެން ކަމުން މިހާރު އޮތް ޓީމާއެކު ވޮލީ ކުރިއަށް ގެންދިއުމަށް ނަގަންޖެހޭ ފުރިހަމަ ޒިންމާއާއެކު ނަތީޖާ ނެރެދޭނެ ކަމަށެވެ.

އަނީސް ވިދާޅުވީ މި ކޮމެޓީގެ އެއްބާރުލުމާއެކު ގައުމީ ޓީމުތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މާސްޓާ ޕްލޭނަކާއެކު ވަރަށް އަވަހަށް މަސައްކަތްތައް ފެށިގެންދާނެ ކަމަށެވެ.

ކޮމިޓީގެ ބެލުމުގެ ދަށުން ގައުމީ އަންހެން އަދި ފިރިހެން ވޮލީ ޓީމުގެ ފަރިތަކުރުންތައް އަވަސް މުސްތަގުބަލެއްގައި ފެށުމަށް ތައްޔާރުވަމުންދާއިރު، ފަރިތަކުރުންތައް ފެށުމުގެ ކުރިން ގައުމީ ޓީމުގެ ކުޅުންތެރިންނާއެކު އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ.

ވޮލީ ޓީމުތައް ހިންގުމަށް ކޮމިޓީއެއް އެކުލަވާލުމުގެ އިތުރުން ވީއޭއެމުން އަންނަނީ ހިންގުން ހަރުދަނާ ކުރުމަށް ހަ މަސް ދުވަހު ޕްލޭނަކާއެކު އެ އެސޯސިއޭޝަން ރިފޯމް ކުރުމުގެ މަސައްކަތްތަކެއް ކުރުމަށްވެސް ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ހަފްތާގެ ތެރޭގައި ރިފޯމް ކޮމިޓީއެއް އެކުލަވާނެ ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް