އިނގިރޭސި ޕްރިމިއާ ލީގުގައި ހުކުރު ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް އަތުން ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކުރަން މަސައްކަތްކުރަމުން އަންނަ ލެސްޓާ ސިޓީ ބަލިވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ ބަލިވީ 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ލެސްޓާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގައި ނިއުކާސަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ޖޯސެފް ވިލޮކް އެ ޓީމަށް ލީޑު ނަގައިދިންއިރު، 34 ވަނަ މިނެޓުގައި ޕައުލް ޑަމެޓް ވަނީ ލަނޑެއް ޖަހައި، ނިއުކާސަލުގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގެ ދެވަނަ ހާފު ފަށައިގެންވެސް ނިއުކާސަލުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 64 ވަނަ މިނެޓުގައި ކަލުމް ވިލްސަން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ 73 ވަނަ މިނެޓުގައި ވިލްސަން ވަނީ ނިއުކާސަލުގެ ހަތަރުވަނަ ލަނޑުވެސް ކާމިޔާބުކޮށްދީފައެވެ. އެއާއެކު ލެސްޓާއިން މި މެޗުގައި ކުޅުން ރަނގަޅުކުރިއިރު، މެޗުގެ ފަހުކޮޅު އެ ޓީމުން ވަނީ ދެ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑުތައް ލެސްޓާއަށް ކާމިޔާބުކޮށްދިނީ މާކް އޯލްބްރައިޓަނާއި ކެލެޗީ އިހެނާޗޯއެވެ.
މި ނަތީޖާއާއެކު ތާވަލުގެ ތިންވަނައިގައި ލެސްޓާ އޮތީ ކުޅުނު 35 މެޗުން 63 ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އޮތް ޗެލްސީއަށް 34 މެޗުން 61 ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 34 މެޗުން ލިބިފައިވަނީ 58 ޕޮއިންޓެވެ. އަދި ގަދަ ހަތަރަކަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާއަށް 34 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އޮތީ ތާވަލުގެ ހަތްވަނައިގައި 33 މެޗުން 54 ޕޮއިންޓާއެކުއެވެ. މީގެ އިތުރުން ލެސްޓާ ބަލިކުރި ނިއުކާސަލް އޮތީ ތާވަލުގެ 13 ވަނައިގައި 35 މެޗުން 39 ޕޮއިންޓާއެކުއެވެ.