ކ. މާލެ
|
7 މެއި 2021 | ހުކުރު 03:50
ބ. އޭދަފުށި
ބ. އޭދަފުށި
ވަން އޮންލައިން
ކޮވިޑް-19
ފަސް ރަށެއްގައި ކޮންމެ ދުވަހަކުވެސް ވަކި ގަޑިތަކަށް ކާފިއު އިއުލާންކޮށްފި
ފިޔަވަޅު އަޅާފައި ވަނީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރި އަދި އއ.އުކުޅަހާއި، ބ. އޭދަފުށީގައި
ހޮޓާތަކާއި ކެފޭ ތަކާއި ރެސްޓޯރަންޓްތަކުން ޑައިން އިން ޚިދުމަތް ދިނުން ހުއްޓާލަން ވަނީ އަންގާފައި
ސެލޫންތަކާއި ޖިމްތަކާއި ބޯކޮށާ ތަންތަން ވެސް ބަންދުކުރަން ވަނީ ނިންމާފައި

ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާ ފަސް ރަށެއްގައި ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކަށް ކާފިއު އިއުލާންކޮށްފިއެވެ.

އެޗްޕީއޭއިން ނެރުނު ބަޔާނުގައި ބުނީ ޅ.ނައިފަރާއި، ކ.މާފުށްޓާއި، އއ.މަތިވެރި އަދި އއ.އުކުޅަހާއި، ބ. އޭދަފުށީގައި ހަވީރު 4 އިން ފެށިގެން ފަތިހު 4 އަށް، އެއްގަމު އުޅަނދު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި ޕާޓީތަކާއި، ހަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓާލައި ރަށުގެ އެއްގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓާލުމަށް ވެސް ވަނީ އަންގާފައެވެ.

މީގެ އިތުރަށް އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމުތަންތަނަށް ނިކުމެ އުޅުން މަނާކޮށް ސެލޫންތަކާއި ޖިމްތަކާއި، ބޯކޮށާ ތަންތަން ވެސް ބަންދުކުރަން ވަނީ ނިންމާފައެވެ. ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތު ހަރަކާތްތައް ހިންގުން ހުއްޓުވައި ފިރާތަކުން ޚިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށް ވެސް އަންގާފައިވެއެވެ. އަދި ހޮޓާތަކާއި، ކެފޭ ތަކާއި، ރެސްޓޯރަންޓްތަކުން ޑައިން އިން ޚިދުމަތް ދިނުން ހުއްޓާލަން ވަނީ އަންގާފައެވެ.

މި ފިޔަވަޅުތައް އަޅާފައި ވަނީ މާލެ ފިޔަވައި ރާއްޖޭގައި މިހާރު އެންމެ ގިނަ ކޮވިޑް-19 ކޭސްތައް ފެނި ހާލަތު އެންމެ ގޯސްވެފައިވާ ރަށްރަށުގައެވެ. މާލޭގައި ވެސް ކާފިއު އިއުލާންކޮށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާއިރު، އަތޮޅުތެރެއިން ވެސް މާލެއެކޭ އެއްވަރަކަށް ކޭސްތައް ދަނީ ރިޕޯޓު ކުރަމުންނެވެ. އެގޮތުން ރާއްޖެއިން ފެންނަ ކޭސްތަކުގެ އަދަދު މިހާރު ކޮންމެ ދުވަހަކު 700ން މަތިން ރިޕޯޓުކުރެއެވެ.


Advertisement
- ކޮމެންޓް