ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ ގައުމާ މުޚާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ މިރޭ ޓީވީތައް މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވާނެ ކަމަށާއި، މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހިއްސާކުރާނެ ކަމަށެވެ.
ރައީސް ގައުމާ މުޚާތަބުކުރައްވާނެކަން ހާމަކޮށްފައިވާއިރު، ބުރާސްފަތި ދުވަހުގެ ރޭ 8:39ގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ވަނީ ހަމަލާއެއް ދީފައެވެ. އަތަމާ ޕެލެސް ހޮޓެލް ކުރިމަތީ ގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ގެކޮޅު ކައިރީގައި ޕާކު ކޮށްފައިވާ ސައިކަލެއްގެ ކައިރީގައި ވަނީ އެއްޗެއް ގޮއްވާލާފައެވެ. ގޮއްވާލީ ކޮންއެއްޗެއް ކަމެއް އަދި ނޭނގެއެވެ. މިހަމަލައާ ގުޅިގެން ރައީސް ނަޝީދުގެ އިތުރުން ހަތަރު މީހަކަށް އަނިޔާ ލިބިފައިވެއެވެ.
މިހާރު އޭޑީކޭ ހޮސްޕިޓަލްގައި ނަޝީދު ފަރުވާ ހޯއްދަވާއިރު، އޭޑީކޭއަށް އަށް ރައީސް ސޯލިހު ވަޑައިގެން އެމަނިކުފާނުގެ ހާލުކޮޅު ބައްލަވާލެއްވިއެވެ.
ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ އަނިޔާއާ ގުޅިގެން އިތުރަށް ހަދަންޖެހޭ އެސެސްމަންޓުތައް ދަނީ ހަދަމުންނެވެ. އިތުރު ސަރޖަރީއެއް ހަދަންޖެހޭއިރު، އެކަމުގެ ތައްޔާރީތައް މިހާރު ސްޕެޝަލިސްޓު ޓީމުތަކުން ކުރަމުންދާ ކަމަށް އޭޑީކޭއިން މައުލޫމާތުދެއެވެ.