ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުންދާ ވަރަކަށް އައިސީޔޫތަކާއި، ހޮސްޕިޓަލައިޒްޑް ބެޑް ކެޕޭސިޓީ ފުރެން ގާތްވެފައިވާތީ އެނދު އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަބްރޫކް ވިދާޅުވީ ކޭސްތައް މިހާރު އިތުރުވަމުންދާ ވަރަށް ބަލައި އެނދުގެ އަދަދުތައް އިތުރުކުރަން ޖެހޭނެކަން ޔަގީންވާ ކަމަށެވެ. މިހާރު ވެސް ބައެއް ފެސިލިޓީތަކުގެ އެނދުތައް ފުރިފައިވާ ކަމަށާއި، އެނދު އިތުރުކުރުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގައި އައިސީޔޫގެ ގޮތުގައި ހިންގަމުން އައި ޑީއެޗް-11 ގެ އެނދުތައް ފުރިފައިވާ ކަމަށެވެ. އެހެންގެ އިތުރު އައިސީޔޫތައް ހިންގަން ފެށުމުގެ މަސައްކަތްކުރަމުންދާ ކަމަށް ވިދާޅުވިއެވެ. އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އައިސީޔޫގެ ގޮތުގައި މިހާރު ހުރި 12 އެނދުގެ އިތުރަށް ބުރާސްފަތި ދުވަހު އިތުރު އަށް އެނދު އިތުރުކުރާނެ ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ އައިސީޔޫގެ އިތުރަށް ހޮސްޕިޓަލްތަކުގެ އެނދުތައް އިތުރުކުރުމަށް ވެސް މަސައްކަތްކޮށް ޕްލޭންކުރަމުން އަންނަ ކަމަށެވެ. އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ހުރި ވަކި އިމާރާތެއްގައި އައިސޮލޭޝަންގެ ގޮތުގައި 50 އެނދު އޮޕަރޭޓްކުރަން މިހާރު މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރަށް އައިސޮލޭޝަން ފެސިލިޓީތައް އިތުރުކުރުމަށް ވެސް މަސައްކަތްކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ މިހާރު ގާތްގަނޑަކަށް ފުރިފައިވާ ކަމަށެވެ. އެހެންވެ މީގެ ކުރިން އައިސޮލޭޝަން ފެސިލީޓިއެއްގެ ގޮތުގައި ބޭނުންކޮށް ފަހުން ދޫކޮށްލާފައިވާ ވެލިދޫ އަނެއްކާ ވެސް ހުޅުވާ އައިސޮލޭޝަން ފެސިލިޓީގެ ގޮތުގައި މާދަމާ ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.