ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އޭނާގެ ގޭގައި އެ ޓީމު ކުޅުންތެރިންނަށް ދައުވަތު ދީގެން ބޭއްވި "ބާބެކިއު ޕާޓީ" ގެ މައްސަލަ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާތީ، ސްޕެނިޝް ލީގުން އެ މައްސަލަ ބަލަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މެސީގެ ގޭގައި ބޭއްވި މި ޕާޓީއަށް ބާސާގެ ކުޅުންތެރިންނާއި، އެ ކުޅުންތެރިންގެ ލޯބިވެރިން ދިޔަ މަންޒަރު ފެންނަ ފޮޓޯތަކެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ.
މި މައްސަލަ އާންމު ފަރާތަކުން ހުށަހަޅާފައިވާއިރު، މި މައްސަލަ އެ ފަރާތުން ހުށަހަޅާފައިވަނީ މިއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ސްޕެއިން ސަރުކާރުން އެކުލަވާލާފައިވާ ގަވާއިދުތަކާ ޚިލާފު ކަމެއް ކަމަށް ބުނެއެވެ. އަދި މެސީ ބޭއްވި ޕާޓީގެ ސަބަބުން 15 އާއި 150 މީހުން ކޮވިޑުގެ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ސްޕެއިނުގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ބާސާއިން މިހާރު ވަނީ މި މައްސަލައާ ގުޅިގެން ސްޕެނިޝް ލީގަށް ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީގައި ބުނެފައިވަނީ މެސީ މި ޕާޓީ ކުރިއަށް ގެންދިޔައީ ގްރޫޕުތަކަށް ބަހައިގެން، "ސޭފްޓީ ބަބްލް" އަށް ބަލައިގެން ކަމަށެވެ. އަދި މި ޕާޓީ ކުރިއަށްގެންދިޔައީ ކޮވިޑުގެ އުސޫލުތަކާ ޚިލާފުނުވާނެހެން ކަމަށްވެސް ވަނީ ބުނެފައެވެ.
ރިޕޯޓުތައް ބުނާ ގޮތުން މެސީ މި ޕާޓީ ބޭއްވީ ސްޕެނިޝް ލީގުގައި އެންމެ ފަހުން ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅު ފާހަގަކުރުމަށެވެ. އަދި ކުރިއަށް އޮތް އެތުލެޓިކޯ މެޑްރިޑް މެޗުގެ ކުރިން ޓީމު ރޫހު ވަރުގަދަ ކުރުމުގެ ގޮތުންނެވެ.
ލީގުގައި ބާކީ ހަތަރު މެޗު އޮތްއިރު، ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 34 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ތިންވަނައިގައި އޮތް ބާސާއަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފައެވެ. ރެއާލަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ.