ކ. މާލެ
|
5 މެއި 2021 | ބުދަ 19:07
ކައުބްތުﷲ ގެފުޅުގެ ހަތީމްކޮޅުގައި ހަރުކުރެވިފައިވާ ބައްތިކޮޅެއް ސާފުކުރަނީ
ކައުބްތުﷲ ގެފުޅުގެ ހަތީމްކޮޅުގައި ހަރުކުރެވިފައިވާ ބައްތިކޮޅެއް ސާފުކުރަނީ
ސައުދީ ގެޒެޓް
ކައުބާގައި ހުވަނދުލުން
ގެފުޅާއި މަސްޖިދުލްހަރާމްގައި ހުވަނދުލުމަށް ދުވާލަކު 60 ކިލޯގެ އަތަރު ބޭނުންކުރާކަން އެނގޭތަ؟
 
ކޮންމެ ދުވަހަކު 10 ފަހަރު ގެފުޅުގައި މީރުވަސް ދުއްވުމުގެ މަސައްކަތް ކުރޭ
 
މަސައްކަތުގައި ހަރަކާތްތެރިވާ އެންމެންގެ ބުރަ މަސައްކަތުން އަތަރުލުމާއި ދުންއެޅުމުގެ އެއްބުރު 20 މިނިޓުން ނިންމާލެވޭ
 
މާތްވެގެންވާ ސަރަހައްދުގައި ދުންއެޅުމަށް 60 ދުންދަނޑިއަށްވުރެ ގިނައިން ދުވާލަކު ބޭނުންކުރޭ

މި ބިންމަތީގައި ހުރި އެންމެ މުޤައްދަސް ބިމަކީ ޝައްކެއް ނެތް ގޮތުގައި ކަބަތުﷲ ގެފުޅެވެ. އެއީ މުސްލިމުންގެ ހިތްތައް އެ ބިނާއަކާއި ގުޅިފައިވާ މާތް ބިނާއެވެ. އެއީ މުސްލިމުންގެ ޤިބްލައެވެ. މި ގެފުޅު ރައްކާތެރިކޮށް ބެލެހެއްޓުމަށާއި، ގެފުޅުގެ ޙުރުމަތް ދެމެހެއްޓުމަށް އާދަކާދައިގެ ތެރެއިން ގިނަގުނަ މަސައްކަތްތަކެއް އަބަދުވެސް ކުރެއެވެ. އޭގެތެރެއިން އެއް މަސައްކަތަކީ ގެފުޅުގައި ހުވަނދުލުމެވެ.

ކައުބަތުﷲ ގެފުޅާއި މަސްޖިދުލްޙަރާމްގައި ހުވަނދުލުމަކީ މުސްލިމުންގެ ޚާއްސަ މުނާސަބާތަކުގައި ކޮށްއުޅޭ މަސައްކަތެކެވެ. ހުކުރު ދުވަސްތަކާއި، ރަމަޟާންމަހާއި، ހައްޖުދުވަހާއި ދިމާކޮށް އަތަރުން ގެފުޅާއި، މަސްޖިދުލްޙަރާމްގައި މީރުވަސް ދުވައެވެ.

ދެ ޙަރަމްގެ ކަންކަން ބަލަހައްޓާ އިދާރާއިން ގެފުޅުގައި ހުވަނދުލަނީ ދުނިޔޭގައި ލިބެންހުރި އެންމެ ފެންވަރު ރަނގަޅު އަތަރާއި ދުންދަނޑި ބޭނުންކޮށްގެންނެވެ. މި ގޮތަށް ކޮންމެ ދުވަހަކު 10 ފަހަރު މި ބިނާގައި މީރުވަސް ދުއްވުމުގެ މަސައްކަތް ކުރެއެވެ. ގެފުޅުގައި ހުވަނދުލުމުގެ މަސައްކަތް ދުވާލަކު 10 ފަހަރު ކުރިއަށް ގެންދަނީ ތިން ޝިފްޓަކަށް ބަހާލައިގެންނެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުގައި ހުވަނދުލަމުން ދާއިރު، ކޮންމެ ދުވަހަކު ދެއިރު އޮފުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދެއެވެ.

ރެޔާއިދުވާލު ކުރިއަށްދާ މި މާތް މަސައްކަތުގައި ސާފުކުރާ 40 މީހުނާއި، އޮފުކުރުމުގެ މަސައްކަތްކުރާ ފަސް މީހުން ހަރަކާތްތެރިވެއެވެ. މި މަސައްކަތްތައް ކުރިއަށްގެންދަނީ ނުވަ ސުޕަވައިޒަރުންގެ ބެލުމުގެ ދަށުންނެވެ. މި އެންމެންގެ ބުރަ މަސައްކަތުން އަތަރުލުމާއި ދުންއެޅުމުގެ އެއްބުރު 20 މިނިޓުން ނިންމާލެވެއެވެ.

ހުވަނދުލުމަށް ބޭނުންކުރާ މޮޅެތި ބާވަތްބާވަތުގެ އަތަރުގެ ތެރޭގައި، ޢޫދުލްސުޔޫފީ ފާހަގަކޮށްލެވެއެވެ. އަދި ދުންދަނޑި ނުވަތަ ދުމުގެ ގޮތުގައި ކްލެމެންޓައިން އިންސެންސްއާއި މާރޫކީ ޑަބަލް އިންސެންސް ބޭނުންކުރެއެވެ. މި މާތްވެގެންވާ ސަރަހައްދުގައި ދުންއެޅުމަށް 60 ދުންދަނޑިއަށްވުރެ ގިނައިން ދުވާލަކު ބޭނުންކުރެއެވެ. އަދި ކޮންމެ ދުވަހަކު 60 ކިލޯއަށްވުރެ ގިނަ އަތަރު ބޭނުންކުރެއެވެ.

މުސްލިމުންގެ މުޤައްދަސް ބިނާގައި ދުންއެޅުމުގެ މަސައްކަތުގައި، ޙިޖުރު އިސްމާޢީލު ނުވަތަ ޙަތީމްކޮޅާއި، އެތަނުގައި ހަރުކުރެވިފައިވާ ބޮޑެތި ބައްތިކޮޅުތަކާއި، ކައުބާގެ ވަށައިގެން ތިންބިތުގެ ތިރީ ކައިރިފަށުގައިވާ ޝާޒުރްވާންކޮޅާއި، ގެފުޅުގެ ދޮރުކޮޅާއި، ޙަޖަރުލް އަސްވަދާ ދެމެދުގައިވާ މުލްތަޒަމްކޮޅާއި، ޙަޖަރުލް އަސްވަދާއި، ރުކުނުލްޔަމާނީގެ އިތުރުން ލޮޔާއި ބިއްލޫރިން ހަދާފައިވާ މަޤާމްއިބްރާހީމް ނުވަތަ އިބްރާހީމްގެފާނުގެ މަޤާމްފުޅު ގައި ހުވަނދުލައެވެ.

ﷲ ގެ ގެފުޅު ސާފުކުރުމުގެ މަސައްކަތާއި، ހުވަނދުލުމުގެ މަސައްކަތް ކުރަނީ ކުރާހިތުން ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އަދި އެކަންކުރުމުގައި އުމްރާވެރިންނާއި، އެހެނިހެން އަޅުކަންކުރާމީހުންނަށާއި، ގެފުޅަށް ޒިޔާރަތްކުރާ މީހުނަށް އުނދަގޫ ނުވާނޭހެން އެކަންކުރުމަށް އިސްކަންދެއެވެ. ގެފުޅުގައި ހުވަނދުލުމަށް ބޭނުންކުރާ އެންމެ މޮޅު އެންމެ މީރުވަސްދުވާ އަތަރުގެ ހިތްގައިމު ވަހުގެ ސަބަބުން، މާނާސިކުތައް އަދާކުރާ މީހުނަށް ހިތްފަސޭހަކަމާއި އަރާމު ލިއްބައިދެއެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
4%
87%
0%
6%
3%
0%
ކޮމެންޓް