ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނާތީ އެކަމުން ރައްކާތެރިވުމަށް އެހެނިހެން ދާއިރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށްވުރެ، އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް ރަނގަޅުވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވެއްޖެއެވެ.
މި މަހު ރާއްޖޭގައި އޭއެފްސީ ކަޕް ބާއްވާއިރު، ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހޯމަ ދުވަހު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ. އެގޮތުން ވަކި ހާއްސަ ހުއްދައެއްގެ ދަށުން ފިޔަވައި ކުޅިވަރު މުބާރާތްތައް ބޭއްވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. އަދި އަވައްޓެރި އިންޑިއާއިން އަންނަ މީހުން 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލާއެކު ބުދަ ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ އޭއެފްސީ ކަޕަށް ރާއްޖެ އަންނަ ހުރިހާ ޓީމަކުންވެސް ދަނޑަށް ވަންނާނީ ފުރިހަމަ ކުރަންޖެހޭ ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ފަހުގައި ކަމަށެވެ. އަދި މި މުބާރާތް ހޯސްޓްކުރުމުގެ ފުރުސަތު ރާއްޖެއަށް ނުގެއްލުނީތީ އެކަމާ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމަގައިމުވެސް ކުޅިވަރު އެނގޭ މީހުންނަށް އެނގޭނެ މީ ކިހާ ބޮޑު ކަމެއްކަން. މި ކުރާ ކަމަކީ އިރާދަކުރެއްވިއްޔާ ރާއްޖޭގައި މިހާރު ކުރާ ހުރިހާ ކަމަކަށްވުރެ ރައްކާތެރިކަން ބޮޑުކޮށް ކުރާ ކަމެއް. މިސާލަކަށް މިސްކިތަކަށް ދާއިރު ޓެސްޓުކުރާކަށް ނުޖެހޭ. ކެފޭތަކަށް ދާއިރު ޓެސްޓުކުރާކަށް ނުޖެހޭ. އެތާ ތިބޭއިރު ރޭންޑަމް ސާމްޕަލްވެސް ނުނެގޭނެ. އެކަމަކު މިކަން ކުރާއިރުގައި މިސާލަކަށް ބެންގަލޫރު އެފްސީ ކަމަށް ވިޔަސް މޯހަން ބަގާން ކަމަށް ވިޔަސް ހައެއްކަ މަސް ވެއްޖެ އެއްކޮށް އެ މީހުން ކޭމްޕްކޮށްގެން ތިބޭތާ. ރާއްޖެއިން ބައިވެރިވާ ކުލަބުތައް އީގަލްސް ނޫނީ މާޒިޔާ ވިޔަސް މާދަމާ ނޫނީ އަނެއް ދުވަހު ޓީމު އެއް ހޮޓަލަކަށް ވަންނާނެ. އެތަނުން ނުވެސް ނުކުމެވޭނެ. ފުލުހުން ބައިތިއްބަން ޖެހިއްޖެއްޔާ ފުލުހުންވެސް ތިބޭނެ.ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް
ވަޒީރު އިތުރަށް ވިދާޅުވީ، ރާއްޖޭން އެކުލަވާލައިފައިވާ ގައިޑްލައިނަށްވުރެ އޭއެފްސީން އެކުލަވާލައިފައިވާ ގައިޑްލައިން ހަރުކަށި ކަމަށެވެ. އެގޮތުން މެޗު ނިންމާފައި ރޭންޑަމް ސާމްޕަލް ނެގުން ފަދަ ކަންކަން އޭއެފްސީ ގައިޑްލައިނުގައި ހިމެނިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އޭއެފްސީ ކަޕް ބޭއްވުމަށް ހާއްސަ ހުއްދައެއް ލިބުމުން އެކަން ފުޓްބޯޅަ އާއިލާއިން ބަލައިގަންނަ ކަމަށެވެ. އަދި ބައްސާމް ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި ކުޅިވަރާ ބެހޭ ވަޒީރު މަޚްލޫފަށް ޝުކުރުއަދާކުރައްވާފައެވެ.
އޭއެފްސީ ކަޕުގެ ޕްލޭއޮފުގައި ރާއްޖޭގެ ކުލަބު އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗު މި މަހު 11 ވަނަ ދުވަހު މާލޭގައި ތާވަލުކޮށްފައިވާއިރު، މި މުބާރާތުގެ ދެކުނު އޭޝިއާ ގްރޫޕުގެ މެޗުތައް މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ބޭއްވުމަށް ވަނީ ތާވަލުކޮށްފައެވެ. މިހާރު އޮތް ގޮތުންނަމަ އޭއެފްސީ ކަޕުގެ މެޗުތަކަށް އިންޑިއާގެ ބެންގަލޫރުގެ އިތުރުން އެ ގައުމުގެ މޯހަން ބަގާން ރާއްޖެ އަންނާނެއެވެ. އަދި ގްރޫޕް ސްޓޭޖު މެޗުތަކަށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދުރާ ކިންގްސްވެސް ރާއްޖެ އަންނާނެއެވެ.