ކޮވިޑް-19އާ ގުޅިގެން މައުލޫމާތު ދިނުމަށް މިރޭ 10:00ގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތާވަލްކޮށްފިއެވެ.
ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަށް އިތުރުވެފައިވާއިރު ރޭ އެކަނި ވެސް ކޭސްތަކުގެ އަދަދު ވަނީ 500ން މައްޗަށް އަރާފައެވެ.
އެނގިފައިވާ ގޮތުގައި މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅައި އެކަން އިއުލާންކުރާނެއެވެ.
ކޮވިޑް-19 ކޭސްތަކުގެ އަދަދު ދަށްވުމާ ގުޅިގެން ވެކްސިނުގެ ދެވަނަ ޑޯޒު ފުރިހަމަ ކުރުމަށް ފަހު ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭނެ އުސޫލެއް އެކުލަވާލިއެވެ. އެކަމަކު ކޭސްތަކުގެ އަދަދު މަތިވުމާ ގުޅިގެން އިއްޔެ ވަނީ އެކަން ވެސް މަނާކޮށްފައެވެ.
ކޮވިޑް-19ގެ ތިން ވަނަ ރާޅެއް މިދިޔަ ޖެނުއަރީގައި ރާއްޖެއަށް ކުރިމަތިވި އިރު ކޭސްތަކުގެ އަދަދު މަތި ނުވާވަރަށް މިހާރު ކޭސްތަކުގެ އަދަދު އަންނަނީ މަތިވަމުންނެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ރިޕޯޓުކުރާ ކޭސްތަކުގެ އަދަދު 400ން މަަތީގައި އުޅޭތާ މިހާރު ވަނީ ހަފުތާއެއް ވެފައެވެ.
މާލޭގެ ކޭސްތަކާއި އަތޮޅުތެރޭގެ ކޭސްތަކުގެ އަދަދުތަކުގައި ވެސް ވަކި ތަފާތެއް ނެތެވެ. މާލެއިން ރޭ އެކަނި ވެސް 200ށް ވުރެ ކޭސް ރިޕޯޓުކޮށްފައިވެއެވެ.
ކޭސްތަކުގެ އަދަދު މިހާ މައްޗަށް ގޮސްފައިވާއިރު މިހާރު ރާއްޖޭގައި އިންޑިއާގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓް ފެތުރެމުންދާ ކަމަށް ބެލެވޭ ކަމަށް އެޗްޕީއޭއިން ވެސް ބުނެފައިވެއެވެ.