އޭއެސް/އޭލެވެލް އިމްތިހާނު ޕޭޕަރ ލީކުވުމާއި ގުޅިގެން އިމްތިހާނު ދެން ކުރިއަށް ނުގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ހޯމަ ދުވަހު އެޑިޔުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މިދިޔަ ހަފުތާގައި ދެ ޕޭޕަރެއް ލީކުވުމާއެކު އެޑެކްސެލް އާއެކު މަޝްވަރާކޮށްފައިވާ ކަމަށާއި އިތުރު ޕޭޕަރެއް ލީކުނުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. ނަމަވެސް ހޯމަ ދުވަހު ތިންވަނަ ޕޭޕަރެއް ލީކުވުމާއެކު މި އިމްތިހާނުގެ ސައްހަކަން ގެއްލިފައިވާތީ އިމްތިހާނު ކުރިއަށް ނުގެންދިއުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިހާރު އެޑެކްސެލް އާއެކު އިތުރަށް މަޝްވަރާ ކުރަމުންދާ ކަމަށެވެ.
އެގޮތުން އެޑެކްސެލްއިން ދެ އޮޕްޝަނެއް މިހާރު ވަނީ ދީފައެވެ. އެއީ މިހާރު އިމްތިހާނު ހަދައި ނިންމާލަން ބޭނުންވާ ދަރިވަރުންނަށް ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުމެވެ. އަދި އިމްތިހާނު ހަދަން ބޭނުންނުވާ ދަރިވަރުން އޮކްޓޫބަރ/ނޮވެންބަރުގައި އިމްތިހާން ހެދުނު ކަމަށް މިނިސްޓަރު އައިޝަތު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ވަރަށް ގިނަ ދަރިވަރުންނާއި ބެލެވެނިވެރިންނާއި ބައްދަލުކޮށް މަޝްވަރާވެސް ކޮށްފައިވާ ކަމަށެވެ.
އެއީ އެކުދިން މިހާރު ތިން އަހަރު ވެއްޖެ އޭލެވަލްއަށް ކިޔަވަމުންދާތާ. އެހެންވީމަ އިތުރަށް ދުވަސްތަކެއް ސްޕެންޑް ނުކޮށް އެކުދިންނަށް ހެދޭނެ ގޮތެއް އެކުދިން އެބަ އަހާ. އަނެއް ބައިކުދިން ބޭނުންވަނީ އޮކްޓޫބަރ/ނޮވެންބަރަށް މިއިމްތިހާން ފަސްކުރުމަށް. އެކުދިންގެ ފަސްޓް ސިޓިންގެ ގޮތުގައި އޮކްޓޫބަރ/ނޮވެންބަރުގައި އަޅުގަނޑުމެން އެކުދިންނަށް އެގްޒާމް ދިނުމަށް. މިދެގޮތަށް ވެސް ވާހަކަ ދައްކައިގެން އެޑެކްސެލް އަޅުގަނޑުމެންނަށް ދެ ޗޮއިސްއެއް ދީފައި މިވަނީ. އެއް ޗޮއިސްއަކީ މިހާރު އެގްޒާމް ހަދަމުންދާ ކުދިން މިހާރުގެ ސީރީޒް އިން ވިތްޑްރޯކޮށްފައި އަންނަ އޮކްޓޫބަރ/ނޮވެންބަރުގެ ސީރީޒްއަށް ބަދަލުވުން. އެހެންވީމަ އެގޮތް ބޭނުންވާ ކުދިންނަށް އެފުރުސަތު މިހުޅުވާލީ. ދެވަނަ އޮޕްޝަންއަކީ އޭޕްރީލް/މެއިގައި އެގްޒާމް ހަދާފަ ކިޔެވުން ނިންމާލަން ބޭނުންވާ ކުދިންނަށް ކިހިނެއްތޯ ހެދޭނީ. ދެން އެނގިވަޑައިގަންނަވާނެ މިގޮތަށް ޕޭޕަރ ލީކްވީމަ މި އިމްތިހާންގެ ކްރެޑެބިލިޓީ މިހާރު ގެއްލިއްޖެ. އެހެންވީމަ އެކުދިންނަށް ހޯދައިދެވޭނީ ކޮން އޮޕްޝަނެއްތޯ އަޅުގަނޑުމެން ބެލިއިރުގަ މިއޮތީ ޓީޗަރ ބޭސްޑް އެސެސްމެންޓަކަށް ދިއުން.އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ
އިމްތިހާނާ ބެހޭ ގޮތުން ހުޅުވާލި ދެ ފުރުސަތު އިތުރަށް ތަފްސީލްކޮށްދެއްވަމުން ޑެޕިޔުޓީ މިނިސްޓަރު މުހައްމަދު އިހުސާން ވިދާޅުވީ ކުދިންގެ ފެންވަރު ވަޒަންކުރަން އޮންނަ ސުވާލު ކަރުދާހުގެ ބައި ދޫކޮށްލީ ކަމަށެވެ. "ޓީޗާ ބޭސްޑް އެސެސްމަންޓް" ގައި ޕޭޕަރު ތައްޔާރުކުރަނީ އެސްކޫލަކުން ކަމަށާއި މޮކް އިމްތިހާނުގެ ނަތީޖާއަށް ވެސް ބަލާނެ ކަމަށެވެ. އަދި ވިދާޅުވީ އެ އިމްތިހާނު އޮންނާނީ އެޑްއެކްސެލްގެ މިންގަނޑަށް ކަމަށެވެ.
މިހާރު ކުރިއަށްދާ އިމްތިޚާނާއެކު އަޅުގަނޑުމެން ކުރިއަށް ނުދާނެ. ނަމަވެސް އޭޕްރީލް/މެއި ގައި އިމްތިޚާން ނިންމަން ބޭނުންފައިތިބި ކުދިންނަށް ދޭ ފުރުސަތަކީ ޓީޗަރ ބޭސްޑް އެސެސްމެންޓް މޮޑެލްއަކަށް އަޅުގަނޑުމެން މިދަނީ. ނަމަވެސް މިހާރު ސުވާލު ކަރުދާހުގެ ޗޮއިސް މިދޫކޮށްލީ. އެއަށްފަހު ޓީޗަރ ބޭސް އެސެސްމެންޓްގައި ކޮންމެ ސުކޫލެއްގައި އެސްކޫލެއްގައި އެގޮތަށް އިމްތިހާން ހަދާ އޭލެވަލް ނިންމަން ބޭނުންވާ ދަރިވަރުންނަށް އެސެސްމެންޓެއް ދޭން. ސްކޫލުތަކުން ކަރުދާސް ހަދާފައި ދޭނީ. ސްކޫލުތަކުން އެގްޒާމް ކޮންޑިޝަންގައި ކޮންޑަކްޓް ކުރާނީ. އެއަށްފަހު އެމާކްސްތައް އަޅުގަނޑުމެންނާއި ހިއްސާކުރާނީ. މޮކް އެގްޒާމްގައި ރިޒަލްޓް ވެސް އޭގެ އިތުރުން ޓީޗަރުން ފޯކާސްޓް ގްރޭޑްތައް ވެސް. އެހެންވީމަ އެމާކްސްތައް ބެލުމަށްފަހު ގްރޭޑެއްދޭނީ. އެޑެކްސެލްގެ ސެޓްފިކެޓެއް އެކުދިންނަށް ލިބިގެންދާނެ. މިހާރު އޭޕްރީލް މެއިގައި އިމްތިހާން ހަދާ ނިންމަން ބޭނުންވާ ދަރިވަރުންނަށް އަޅުގަނޑުމެން މިދެނީ ޓީޗަރ ބޭސްޑް އެސެސްމެންޓް މޮޑެލްއެއް.ޑެޕިޔުޓީ އެޑިޔުކޭޝަން މިނިސްޓަރު މުހައްމަދު އިހުސާން
އޭއެސް/އޭލެވެލް އިމްތިހާނު ޕޭޕަރ ލީކުވުމާއި ގުޅިގެން އިމްތިހާން ކުރިއަށް ނުގެންދަން އެޑިޔުކޭޝަން މިނިސްޓްރީން ނިންމާފައިވާއިރު ބެލެނިވެރިން ވަނީ ވެލާނާގޭ ކުރިމަތީގައި ހޯމަ ދުވަހު އިހްތިޖާޖު ކޮށްފައެވެ.
އޭއެސް/އޭލެވެލް އިމްތިހާނު ފަށާފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނު އަވަސްވުމާއި ގުޅިގެން އޭރު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުން ބަދަލު ކުރުމަށް އެ މިނިސްޓްރީ އާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އެޑެކްސެލްއާއެކު ގިނަ މަޝްވަރާތަކެއް ކުރިކަމަށެވެ. ނަމަވެސް މި މަޝްވަރާތަކުން އަލިމަގެއް ފެނިފައި ނުވާކަމަށް ބުނެފައިވެއެވެ.