ޕޭޕަރު ލީކުވި މައްސަލައިގައި ގޮތެއް ނިންމާއިރު އެއްވެސް ކުއްޖަކަށް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ އޭއެސް އޭލެވެލް އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކުވަމުންދާތީ ބެލެނިވެރިން ވަނީ ވެލާނާގޭ ކުރިމަތީގައި އިހްތިޖާޖު ކޮށްފައެވެ. ހޯމަދުވަހު މެންދުރު ކުރިއަށްދިޔަ މި އިހްތިޖާޖުގައި ބެލެނިވެރިން ވަނީ މި މައްސަލައިގައި ހުރި ކަންބޮޑުވުންތައް ފާޅުކޮށްފައެވެ. އަދި އިމްތިހާނުގެ ފެންވަރާއިމެދު ސުވާލު އުފެދޭތީ އިމްތިހާނު އިތުރަށް ކުރިއަށް ނުގެންދިޔުމަށް ބެލެނިވެރިން ގޮވާލާފައިވެއެވެ.
އެހެންކަމުން މިނިސްޓަރު ވަނީ އޮފީހުން ނިކުމެވަޑައިގެން ވެލާނާގޭ ދޮށަށް އެއްވެތިބި ބެލެނިވެރީންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ. އަދި މިކަމުގައި ގޮތެއް ނިންމަވާނީ ހުރިހާގޮތަކުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތް ކުރެއްވުމަށްފަހު އެއްވެސް ކުއްޖަކަށް ގެއްލުމެއް ނުވާނޭހެން ކަމަށް ވިދާޅުވިއެވެ. މި މައްސަލައިގައި އެއްވެސް ބެލެނިވެރިޔަކު ކަންބޮޑުވެވަޑައިނުގެންނެވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.
އޭއެސް/އޭލެވެލް އިމްތިހާނު ފަށާފައިވަނީ އޭޕްރީލް މަހުގެ 26 ވަނަ ދުވަހުއެވެ. މެއި/ޖޫންގައި ބޭއްވުމަށް ހަމަޖެހިފައިވާ އިމްތިހާނު އަވަސްވުމާއި ގުޅިގެން އޭރު އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ނިންމުން ބަދަލު ކުރުމަށް އެ މިނިސްޓްރީ އާއި ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަނުން އެޑެކްސެލްއާއެކު ގިނަ މަޝްވަރާތަކެއް ކުރިކަމަށެވެ. ނަމަވެސް މި މަޝްވަރާތަކުން އަލިމަގެއް ފެނިފައި ނުވާކަމަށް ބުނެފައިވެއެވެ.