ކ. މާލެ
|
3 މެއި 2021 | ހޯމަ 05:00
ވެލެންސިއާ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-2 ން
ވެލެންސިއާ އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބާސާ މޮޅުވީ 3-2 ން
ގެޓީ އިމޭޖަސް
ސްޕެނިޝް ލީގު
މެސީގެ ދެ ލަނޑާއެކު ބާސާއަށް މުހިންމު މޮޅެއް
 
ވެލެންސިއާ އަތުން ބާސާ މޮޅުވީ 3-2 ގެ ނަތީޖާއަކުން
 
ތާވަލުގެ ތިންވަނައިގައި ބާސާ އޮތީ 74 ޕޮއިންޓާއެކު

ސްޕެނިޝް ލީގުގައި އާދީއްތަ ދުވަހުގެރޭ ލިއޮނަލް މެސީ ކާމިޔާބުކުރި ދެ ލަނޑާއެކު، ވެލެންސިއާ ބަލިކޮށް ލީގުގެ ރޭހުގައި ބާސެލޯނާއިން މުހިންމު މޮޅެއް ހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރު، ދެވަނަ ހާފުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ވެލެންސިއާއިންނެވެ. މި ހާފު ފަށައިގެން ފަސްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބްރިއެލް ޕައުލިސްޓާއެވެ. އެކަމަކު އޭގެ ހަތް މިނެޓު ފަހުން މެސީ ވަނީ ބާސާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މެސީ ފޮނުވާލި ޕެނަލްޓީ ވެލެންސިއާގެ ގޯލްކީޕަރު ޔެސްޕާ ސިލިސަން މަތަކުރި ނަމަވެސް، ރީބައުންސް ބޯޅަ މެސީ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.

އަދި މެޗުގެ 63 ވަނަ މިނެޓުގައި ބާސާއިން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ގްރީޒްމަންއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ހިލޭ ޖެހުމަކުން މެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް، ބާސާއަށް ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 83 ވަނަ މިނެޓުގައި ކާލޮސް ސޯލާ ވަނީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ލަނޑެއް ކާމިޔާބުކޮށް، ވެލެންސިއާއަށް ފަރަގު ކުޑަކޮށްދީފައެވެ.

ވެލެންސިއާ ބަލިކޮށް ބާސާއިން ލީގުގެ ރޭހުގައި މުހިންމު މޮޅެއް ހޯދިއިރު، އެ ޓީމު މި ވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 34 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ތިންވަނައިގައި އޮތް ބާސާއަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފައެވެ. ރެއާލަށް ކުރި ލިބެނީ ހެޑް-ޓު-ހެޑް ގަވާއިދުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
50%
0%
0%
50%
0%
ކޮމެންޓް