އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމް ހޮޓްސްޕާ އާއި އާސެނަލް މޮޅުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ޝެފީލްޑް ޔުނައިޓެޑް އަތުން 4-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ޓޮޓެންހަމުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 36 ވަނަ މިނެޓުގައި ގެރެތު ބޭލް ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން ޓޮޓެންހަމުގެ ސޮން ހެއުން-މިން ލަނޑެއް ކާމިޔާބުކުރި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު އެ ލަނޑު ވަނީ އޮފްސައިޑް ލަނޑެއްގެ ގޮތުގައި ނިންމާފައެވެ.
މި މެޗުގެ ދެވަނަ ހާފުގައި ޓޮޓެންހަމުން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 61 ވަނަ މިނެޓުގައި ސޮންގެ އެހީތެރިކަމާއެކު ބޭލް ވަނީ އެ ޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 69 ވަނަ މިނެޓުގައި އިތުރު ލަނޑެއް ކާމިޔާބުކޮށް ބޭލް ވަނީ މެޗުގައި ހެޓްރިކް ހަދާފައެވެ. އަދި ޓޮޓެންހަމުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 77 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސޮންއެވެ.
މި މެޗުގައި ބޭލް ހެޓްރިކް ހެދިއިރު، މިއީ ކުރިން ޓޮޓެންހަމަށް ކުޅެމުން 2012 ވަނަ އަހަރު އެސްޓަން ވިލާ ކޮޅަށް ހެޓްރިކެއް ހެދި ފަހުން ބޭލް ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކެވެ. އަދި ރެއާލުން ލޯނު އެއްބަސްވުމެއްގެ ދަށުން މި ސީޒަނުގައި އަލުން ޓޮޓެންހަމާ ގުޅުމަށްފަހު ބޭލް ވަނީ މިހާތަނަށް ޓޮޓެންހަމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ.
މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު އަނެއް މެޗުން އާސެނަލް މޮޅުވީ ނިއުކާސަލް ޔުނައިޓެޑް އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
ރަށުން ބޭރުގައި ކުޅުނު މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މުހައްމަދު އެލްނެނީއެވެ. މި ލަނޑަށްފަހުވެސް ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، އާސެނަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަންނެވެ. އަދި މި މެޗު ނިއުކާސަލުން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ފަބިއަން ޝާއަށް ސީދާ ރަތް ކާޑެއް ދެއްކުމާ ގުޅިގެންނެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ޓޮޓެންހަމާއި އާސެނަލް މޮޅުވިއިރު، މި މޮޅާއެކު ޓޮޓެންހަމް ވަނީ ލީގުގެ ފަސްވަނައަށް ޖެހިލާއެވެ. އެ ގޮތުން އެ ޓީމަށް ވަނީ ކުޅުނު 34 މެޗުން 56 ޕޮއިންޓް ލިބިފައެވެ. އަދި އާސެނަލަށް 34 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ނުވަވަނައިގައެވެ.