11 އަހަރުތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގުގެ ޗެމްޕިއަންކަން އިންޓަ މިލާނުން ހޯދައިފިއެވެ.
ބާކީ ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން އިންޓައަށް ކަށަވަރުވީ ލީގުގައި އާދީއްތަ ދުވަހުގެރޭ ދެވަނައިގައި އޮތް އެޓަލާންޓާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެންނެވެ. މިއީ އިންޓައިން އެ ކުލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2009-2010 ވަނަ އަހަރުގެ ސީޒަނުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.
މި ފަހަރުގެ އިޓާލިއަން ލީގުގެ ޗެމްޕިއަަންކަން އިންޓައިން ހޯދިއިރު، މިއީ ފާއިތުވި 10 އަހަރު ތެރޭ ޔުވެންޓަސް އަތުން ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ. އެގޮތުން ޔުވެންޓަސް ނޫން ޓީމަކުން އެންމެ ފަހުން އިޓާލިއަން ލީގުގެ ތަށި އުފުލާލީ 2010-2011 ވަަނަ އަހަރުގެ ސީޒަނުގައި އޭސީ މިލާނުންނެވެ.
ލީގުގައި އާދީއްތަ ދުވަހުގެރޭ އެޓަލާންޓާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އަދި ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިންޓަ ވަނީ ކްރޮޓޯނޭ އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. މި ނަތީޖާތަކާއެކު އިންޓަ އެއްވަނައިގައި އޮތީ ކުޅުނު 34 މެޗުން 82 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އެޓަލާންޓާއަށް 34 މެޗުން 69 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ނާޕޮލީ އާއި ހަތަރުވަނައިގައި އޮތް ޔުވެންޓަސް އަދި ފަސްވަނައިގައި އޮތް މިލާނަށް ވަނީ 33 މެޗުން 66 ޕޮއިންޓް ލިބިފައެވެ.